އަންނަ ބުރާސްފަތި ދުވަހުގެ ރޭ އޮޑި ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅޭ މެޗުން ދިރާގު ދިވެހި ޕްރިމިއާ ލީގު ފަށާއިރު، މުބާރާތުގެ ތަށި ދިފާއުކުރުމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ނުކުންނާނީ ފުރިހަމަ ތައްޔާރީތަކަކާ އެކު ކަމަށް އެ ޓީމުގެ ހެޑް ކޯޗު ތޯމަސް ޓުރުޗާ ހާމަކޮށްފިއެވެ.
އޮޑި ސްޕޯޓްސް މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ޓުރުޗާ ފާހަގަކުރި ގޮތުގައި، ހުރިހާ ކްލަބްތަކެއްގެ ސްކޮޑުތައް ވެސް ވަރަށް ހަމަހަމަވެފައިވުމުން މި އަހަރުގެ ލީގަކީ ފަހުގެ ތާރީޚެއްގައި ފެންނާނެ އެންމެ ވާދަވެރި މުބާރާތަށް ވާނެއެވެ. ފާއިތުވި ފަސް އަހަރުގެ ލީގު ޗެމްޕިއަން މާޒިޔާއިން ވަނީ މި ސީޒަން ފެށުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑްގެ އިތުރުން ކަޕް ވިނާސް ކަޕްގެ ތަށި ވެސް އުފުލާލާފައެވެ. ޚާއްސަގޮތެއްގައި ކަޕް ވިނާސް ކަޕްގައި އޮޑި ސްޕޯޓްސް ބަލިކޮށްފައިވުމަކީ ލިބިފައިވާ އިތުރު ހިތްވަރެއްކަން ކޯޗު ފާހަގަކުރިއެވެ.
މީގެ އިތުރުން، އޭއެފްސީ 20އަހަރުން ދަށުގެ މުބާރާތުގައި ވާދަކުރުމަށް ގައުމީ ޒުވާން ޓީމާއެކު ދިޔަ މާޒިޔާގެ ކުޅުންތެރިން އެނބުރި އައިސް، މިހާރު ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވަމުންދާތީ ޓީމުގެ ރޫހު ވަރަށް ރަނގަޅުކަމަށް ވެސް އޭނާ ބުންޏެވެ. ކަޕް ވިނާސް ކަޕްގެ ކާމިޔާބީއަށް ފަހު މުޅި ޓީމު އެކަތިގަނޑަކަށްވެފައިވާކަން ޔަގީންކޮށްދެމުން ޓުރުޗާ ބުނީ، މާޒިޔާގެ އަމާޒަކީ މިފަހަރު ވެސް މޮޅު ކުޅުމެއް ދައްކައި ލީގުގެ ތަށި ދިފާއުކުރުން ކަމަށެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.