ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އިންފަންޓީނޯއަށް އޮތް ތާއީދު ފްރާންސުން ދޫކޮށްލައިފި

ޝެއާ ކުރޭ Facebook Telegram Viber X

ދުނިޔޭގެ ފުޓުބޯޅައާ ބެހޭ އެންމެ މަތީ އިދާރާ (ފީފާ)ގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް ކުރަމުން އައި ތާއީދު، އޭނާއަށް އޮތް އިތުބާރު މުޅިން ގެއްލިފައިވާކަމަށް ބުނެ ފްރާންސް ފުޓްބޯލް ފެޑެރޭޝަން (އެފްއެފްއެފް)އިން ރަސްމީކޮށް އަނބުރާ ގެންގޮސްފިއެވެ.

އެފްއެފްއެފްގެ ރައީސް ފިލިޕް ޑިއާލޯ ހާމަކުރެއްވި ގޮތުގައި އެ އިދާރާގެ ހިންގާ ކޮމިޓީގެ ހުރިހާ މެމްބަރުންގެ އިއްތިފާގުން މިގޮތަށް ނިންމީ، ފީފާގެ މުބާރާތްތަކުގެ 20އިންސައްތަ ހިއްސާ އަމިއްލަ ވިޔަފާރިވެރިންނަށް ވިއްކާލުމަށް އިންފަންޓީނޯ މަސައްކަތްކުރެއްވުމާ ގުޅިގެންނެވެ. އެކަށީގެންވާ މަޝްވަރާއަކާ ނުލައި އޭނާ ގެންގުޅުއްވި މި ސިޔާސަތުގެ ސަބަބުން އިދާރާ ހިންގުމުގެ ނިޒާމާމެދު ބޮޑެތި ސުވާލުތަކެއް އުފެދިފައިވާކަން ޑިއާލޯ ފާހަގަކުރެއްވިއެވެ. ފީފާގެ މި މަޝްރޫއު ވަނީ ގައުމުތަކުގެ ފާޑުކިޔުންތަކާ އެކު މިދިޔަ ޖުލައި މަހު މަޑުޖައްސާލާފައެވެ.

މީގެ ކުރިން އިންފަންޓީނޯއަށް ފްރާންސުން ތާއީދުކުރީ އޭރު އެހެން ކެންޑިޑޭޓަކު މައިދާނުގައި ނެތުމުންކަން ފާހަގަކުރައްވަމުން ޑިއާލޯ ވިދާޅުވީ، ދުނިޔޭގެ ފުޓުބޯޅަ ހިނގަންވާނެކަމަށް ފްރާންސުން ގަބޫލުކުރާ ތަސައްވުރާއި މިހާރު ފީފާގެ ކަންކަން ހިނގަމުންދާ ގޮތާ ވަރަށް ބޮޑަށް ތަފާތު ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ދައުރަށް އޭނާއަށް ރުހުން ދެވެން އޮތް އެއްވެސް ޖާގައެއް ނެތްކަމަށް ޑިއާލޯ ވިދާޅުވިއެވެ.

ފްރާންސްގެ އިތުރުން ޔޫރަޕުގެ ބޮޑެތި ބާރުތައް ކަމަށްވާ އިނގިރޭސިވިލާތާއި އިޓަލީން ވެސް ވަނީ އިންފަންޓީނޯއާ ފެއަށް ޖެހިފައެވެ. ހަމައެއާއެކު، ޔޫރަޕުގެ މައި އިދާރާ (ޔުއެފާ)، އޭޝިއާގެ ފުޓުބޯޅަ އިދާރާ (އޭއެފްސީ)އަދި ކޮންކާކަފް ގުޅިގެން ދަނީ ފީފާގެ އެންމެ އިސް ސަފަށް ބަދަލުތަކެއް ގެނައުމަށް ވަރުގަދަ މަސައްކަތްތަކެއް ކުރަމުންނެވެ.

މި ބަދަލު ގެނައުމުގެ ގޮތުން ޔުއެފާއިން ޚާއްސަ މެނިފެސްޓޯއެއް ތައްޔާރުކޮށް، އިންފަންޓީނޯއާ ވާދަކުރެވޭނެ ފަދަ ގާބިލު ކެންޑިޑޭޓަކު ނެރޭނެކަމުގެ ޔަގީންކަން ޑިއާލޯ ދެއްވިއެވެ. ނަމަވެސް، އެފްރިކާ (ކެފް)އަދި ދެކުނު އެމެރިކާ (ކޮންމެބޯލް)ގެ ފުރިހަމަ ތާއީދު އަދިވެސް އޮތީ އިންފަންޓީނޯއަށެވެ.

ފީފާގެ އާ ރައީސަކު ހޮވުމަށް ބާއްވާ އިންތިޚާބު އަންނަ އަހަރުގެ މާޗު މަހުގެ 18ވަނަ ދުވަހު މޮރޮކޯގެ ރަބާތުގައި ބޭއްވުމަށް ތާވަލުކޮށްފައިވާއިރު، މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މި އަހަރުގެ ނޮވެމްބަރު މަހުގެ 18ގެ ނިޔަލަށް ބަންދުވާނެއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު