ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ދިގު މުއްދަތަށް އޮސްޓްރޭލިއާގައި ހުންނަން ޕޮޕޮވިޗް ބޭނުމެއް ނޫން

ޝެއާ ކުރޭ Facebook Telegram Viber X

އަންނަ އަހަރުގެ އޭޝިއަން ކަޕަށްފަހު މުސްތަޤުބަލާ މެދު ގޮތެއް ނިންމުމުގެ އިޚުތިޔާރު ފުޓްބޯލް އޮސްޓްރޭލިއާއަށް ދިނުމުގެ ބޭނުމުގައި، 2030ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕާ ހަމައަށް ޤައުމީ ޓީމުގެ ކޯޗުކަމުގައި ދެމިހުރުމަށް ހުށަހެޅި އައު އެއްބަސްވުމުގައި ސޮއިކުރުމަށް ޓޯނީ ޕޮޕޮވިޗް ދެކޮޅުހަދައިފިއެވެ.

އެމެރިކާ، ކެނެޑާ އަދި މެކްސިކޯ ގުޅިގެން ދާދި ފަހުން ބޭއްވި ވޯލްޑް ކަޕުގައި އޮސްޓްރޭލިއާ ވަނީ ނޮކައުޓް ބުރަށް ދަތުރުކޮށްފައެވެ. ނަމަވެސް ދެވަނަ ބުރުގައި މިސްރު އަތުން ޕެނަލްޓީ ޖަހައިގެން ބަލިވެ މުބާރާތާ ވަކިވާން ޖެހުނެވެ. ނޫސްވެރިންނަށް މައުލޫމާތު ދެމުން ޕޮޕޮވިޗް ހާމަކުރި ގޮތުގައި، ހަތަރު އަހަރު ދުވަހުގެ އައު ކޮންޓްރެކްޓެއް ލިބުނު ނަމަވެސް އޭނާ ބޭނުންވީ އޭޝިއަން ކަޕް ނިމެންދެން މަގާމުގައި ދެމިހުރުމަށެވެ.

"އަޅުގަނޑަށް ފެންނަ ގޮތުގައި އެންމެ ރަނގަޅު ގޮތަކީ މިއީ"އޭނާ ފާހަގަކުރިއެވެ.

ގްރަހަމް އާނޯލްޑްގެ ބަދަލުގައި 2024ވަނަ އަހަރުގެ ފަހުކޮޅު ޓީމާ ހަވާލުވި އުމުރުން 53އަހަރުގެ ކޯޗު ބުނީ، އޭޝިއަން ކަޕަށްފަހު ފުޓްބޯލް އޮސްޓްރޭލިއާއިން އެހެން ފަރާތަކާ ޓީމު ހަވާލުކުރަން ބޭނުންވާ ހާލަތެއްގައި އެ ފުރުސަތު މިހާރު ފަހިވެފައި އޮންނާނެ ކަމަށެވެ. މީގެ އިތުރުން 48ޓީމާއެކު ކުޅުނު ފުރަތަމަ ވޯލްޑް ކަޕަށް އޮސްޓްރޭލިއާ ގެންގޮސްދިން ކޯޗު ބުނީ، ޒުވާން ހުނަރުވެރި ކުޅުންތެރިން ބިނާކުރުމުގެ މަސައްކަތް އަދިވެސް ވަރަށް ޝައުގުވެރިކަމާ އެކު ކުރިއަށްގެންދާ ކަމަށެވެ.

މި އަހަރުގެ ވޯލްޑް ކަޕަށްވެސް ޒުވާން ކުޅުންތެރިންތަކަކާއެކު ނުކުތް އޮސްޓްރޭލިއާ، ސައުދީ އަރަބިއްޔާގައި ޖެނުއަރީ 7އިން ފެބްރުއަރީ 5އަށް ކުރިއަށްދާ އޭޝިއަން ކަޕާ ކުރިމަތިލާނީވެސް ގިނަ ޒުވާން ކުޅުންތެރިންނާއެކު ކަމަށް އޭނާ ޔަގީންކަންދިނެވެ. އެހެން ނަމަވެސް، ޒުވާން ސްކޮޑެއް އޮތުމަކީ މުބާރާތް ކާމިޔާބުކުރުމަށް އޮތް އަމާޒަށް ބަދަލު އަންނާނެ ކަމެއް ނޫންކަން ޕޮޕޮވިޗް ތަކުރާރުކުރިއެވެ.

އަމިއްލަ ފަސްގަނޑުގައި 2015ގެ އޭޝިއަން ކަޕް ކާމިޔާބުކުރި އޮސްޓްރޭލިއާ، ކުރިއަށް އޮތް މުބާރާތުގައި ލައްވާލާފައިވަނީ ސިންގަޕޫރު، ތަޖިކިސްތާން އަދި އިރާގާއެކު ގްރޫޕް ޑީ ގައެވެ. 

ޕޮޕޮވިޗް ބުނީ މުބާރާތަށް ފަހު އޭނާ މަގާމުން ވަކިކުރަން ނިންމި ނަމަވެސް އެކަމާ ހިތްހަމަނުޖެހުމެއް ނެތް ކަމަށާއި، ޓީމަށް ކޮށްދެވުނު މަސައްކަތާމެދު ފަޚުރުވެރިވާ ކަމަށެވެ. އަދި އޭނާއާ އެކު ކުރިއަށްދާން ފުޓްބޯލް އޮސްޓްރޭލިއާއިން ނިންމައިފި ނަމަ އެކަމަށް ވެސް ހުރީ ތައްޔާރަށް ކަމަށް ކުރީގެ ޑިފެންޑަރު ވަނީ ބުނެފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު