އޭޝިއަން ފުޓްބޯޅަ ކޮންފެޑަރޭޝަން (އޭއެފްސީ)އިން އަލަށް ތައާރަފްކުރަން ނިންމާފައިވާ ނޭޝަންސް ލީގު މުބާރާތާ އެކު، އޭޝިއާ ބައްރުގެ ވޯލްޑް ކަޕް އަދި އޭޝިއަން ކަޕް ކޮލިފައިންގެ ފޯމެޓަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަން ޑްރާފްޓް ޕްލޭނަކުން ހާމަވެއްޖެއެވެ.
އީއެސްޕީއެން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އޭއެފްސީން އިއުލާންކުރި މި މުބާރާތުގެ ތަފްސީލީ ހުށަހެޅުން އަންގާރަ ދުވަހު ގައުމީ އެސޯސިއޭޝަންތަކަށް ހުށަހެޅުމަށް ވަނީ ހަމަޖެހިފަ އެވެ. މި މުބާރާތް 2030ވަނަ އަހަރުން ފެށިގެން ކުރިއަށްދާނީ ކޮންމެ ދެ އަހަރަކުން އެއް އަހަރުއެވެ.
މި ހުށަހެޅުމުގައިވާ ގޮތުން އޭޝިއާގެ ގައުމުތައް ބެހިގެންދާނީ ތިން ފަންތިއަކަށެވެ. މީގެ ތެރެއިން ފުރަތަމަ ފަންތީގެ ކޮންމެ ޑިވިޝަނެއްގައި 18ގައުމު ހިމެނޭނެއެވެ. އަދި ތިންވަނަ ފަންތީގައި ހިމެނޭ 11ގައުމު ބަހާލުމަށް ހަމަޖެހިފައި ވަނީ ތިން ގްރޫޕަކަށެވެ. ކޮންމެ މުބާރާތެއްގެ ވެސް ފުރަތަމަ ފަންތީގެ ގަދަ އަށް ޓީމު ނޮކްއައުޓް ބުރަށް ގޮސް މުބާރާތުގެ ޗެމްޕިއަން ކަނޑައަޅާނެއެވެ. މީގެ އިތުރުން ކޮންމެ ދެ އަހަރަކުން މުބާރާތް ނިމުމުން ޑިވިޝަންތަކުގެ މެދުގައި ރެލިގޭޓްވުމާއި ޕްރޮމޯޓްވުން އޮންނާނެއެވެ. އެގޮތުން އެންމެ ދަށުން ނިންމާ ދެ ޓީމު ދަށް ފަންތިއަށް ރެލިގޭޓްވާއިރު، ދަށް ޑިވިޝަނުގެ އެންމެ ގަދަ ދެ ޓީމު މަތީ ޑިވިޝަނަށް ޕްރޮމޯޓްވާނެއެވެ. އިތުރު ޖާގަތަކަށް މަތީ ޑިވިޝަނުގެ ފަހަތުން ނިންމާ ހަތަރު ޓީމާއި ދަށް ޑިވިޝަނުގެ ގަދަ ހަތަރު ޓީމުގެ މެދުގައި ޕްލޭއޮފް މެޗުތަކެއް ކުޅޭނެއެވެ.
ވޯލްޑް ކަޕާ ގުޅުވައިގެން ބާއްވާ ފުރަތަމަ ނޭޝަންސް ލީގު ކުރިއަށްދާނީ 2032-33ގައެވެ. މި މުބާރާތުގައި ކޮންމެ ގައުމަކުން އަމިއްލަ ދަނޑުގަޔާއި ރަށުން ބޭރުގައި ޖުމްލަ ހަ މެޗު ކުޅޭނެއެވެ. މި މުބާރާތުގެ ފުރަތަމަ ފަންތީގެ ގަދަ ހަ ޓީމަށް ވޯލްޑް ކަޕުން ސީދާ ޖާގަ ލިބޭނެއެވެ. އަދި ފުރަތަމަ ފަންތީގެ ހަތްވަނަ މަގާމުން ފެށިގެން 10ވަނަ މަގާމާ ދެމެދު ހިމެނޭ ހަތަރު ޓީމުގެ މެދުގައި ކުޅޭ ރައުންޑް ރޮބިން ޕްލޭއޮފް މަރުހަލާއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމަށް ވޯލްޑް ކަޕްގެ ފަހު ދެ ޖާގަ ލިބޭނެއެވެ. އެ މަރުހަލާގެ ތިންވަނައަށް ދާ ޓީމު ދާނީ ވޯލްޑް ކަޕް ކޮލިފައިންގެ އިންޓަ ކޮންޓިނެންޓަލް ޕްލޭއޮފަށެވެ.
އޭޝިއަން ކަޕާ ގުޅުވައިގެން ބާއްވާ ނޭޝަންސް ލީގުގެ ފުރަތަމަ މުބާރާތް 2030ގައި ބޭއްވުމަށް ވަނީ ހުށަހަޅާފައެވެ. މިއީ ވޯލްޑް ކަޕް ބާއްވާ އަހަރެވެ. މިހާރު އޭޝިއަން ކަޕް ބާއްވަނީ ވޯލްޑް ކަޕް ބާއްވާ އަހަރު ނިމިގެން ޖެހިގެން އަންނަ އަހަރު ނަމަވެސް، ހުށަހަޅާފައިވާ ބަދަލާ އެކު 2030ގެ ވޯލްޑް ކަޕަށް ފަހު ބާއްވާ އޭޝިއަން ކަޕް 2032އަށް ބަދަލުކުރާނެއެވެ. މި މުބާރާތުގެ ފުރަތަމަ ފަންތީގެ ހުރިހާ ގައުމުތަކުގެ އިތުރުން، ދެވަނަ ފަންތީގެ އެންމެ ކުރީގައި ނިންމާ ހަ ގައުމަށް އޭޝިއަން ކަޕުން ސީދާ ޖާގަ ލިބޭނެއެވެ.
އޭއެފްސީން ނިންމާފައި ވަނީ ސާފް ފަދަ ސަރަހައްދީ ޓީމުތައް ނޭޝަންސް ލީގުގައި އެއް ގްރޫޕެއްގެ ގޮތުގައި ވަކިނުކުރުމަށެވެ. އެއީ ސަރަހައްދުތަކުގައި ގައުމުތަކުގެ އަދަދު އެއްވަރުނުވުމާއި ފެންވަރުގެ ތަފާތުތައް ހުރުމުންނެވެ. މި އާ ނިޒާމަށް ބަދަލުވުމުގެ ކުރިން، 2028-29ގައި ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި މުބާރާތެއް ބޭއްވުމަށް އޭއެފްސީން ވަނީ ހުށަހަޅާފައެވެ. އެ މުބާރާތުގައި ޑިވިޝަންތައް ކަނޑައެޅުމަށް ފީފާ ރޭންކިންގެ ބަދަލުގައި ބަލާނީ ކުރިން ކުޅޭ ކޮލިފައިން މެޗުތަކުގެ ނަތީޖާއަށެވެ. މިއީ 2030ގެ ފުރަތަމަ ރަސްމީ ނޭޝަންސް ލީގަށް އިންސާފުވެރިކަމާ އެކު ޓީމުތައް ގްރޫޕްކުރުމަށް ޓަކައި އަޅާ ފިޔަވަޅެއް ކަމަށް އޭއެފްސީގެ ޕްރޮޕޯސަލްގައިވެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.