އޭއެފްސީ 20އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގެ ޑިވެލޮޕްމަންޓް ފޭސް ކާމިޔާބުކޮށް، މެއިން ކޮލިފައިންއިން ޖާގަ ހޯދުމަށްފަހު އެނބުރި މާލެ އައި ރާއްޖޭގެ ޒުވާން ގައުމީ ފުޓުބޯޅަ ޓީމަށް ކުޅިވަރާ ބެހޭ އިސް ފަރާތްތަކުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
މާފަންނުގައި ހުންނަ ބަސް ޓާމިނަލް ސަރަހައްދުން ކުޅުންތެރިންނާއި އޮފިޝަލުންނަށް މަރުހަބާ ވިދާޅުވުމަށް، ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަޙުމަދު ރައްޒާޤާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް އަޙުމަދު ތާރިޤުގެ އިތުރުން އެ އިދާރާގެ އިސް ބޭފުޅުން ވަޑައިގެން ތިއްބެވިއެވެ.
މިޔަންމާގައި ކުރިއަށްދިޔަ ގްރޫޕް "ކޭ"ގެ މެޗުތައް ނިމުނުއިރު، ރާއްޖެއަށް ލިބުނީ ހަ ޕޮއިންޓާއެކު ގްރޫޕްގެ ދެވަނަ މަގާމެވެ. އޭއެފްސީން އަލަށް ތައާރަފުކުރި ގަވާއިދުގެ ދަށުން، ޑިވެލޮޕްމަންޓް މަރުހަލާގެ ކޮންމެ ގްރޫޕަކުން ވެސް އެންމެ ކުރި ހޯދާ ދެ ގައުމަކަށް މައި ކޮލިފައިންގެ ޖާގަ ކަށަވަރުވާނެއެވެ. އެހެންކަމުން، މި ނަތީޖާއާއެކު ދިވެހި ޓީމުން ވަނީ މުބާރާތަށް ކަނޑައެޅި މައިގަނޑު އަމާޒު ހާސިލުކޮށްފައެވެ.
މުބާރާތުގައި ދިވެހި ޓީމުން ކުޅުނު ފުރަތަމަ މެޗުގައި ބުރުނާއީގެ މައްޗަށް 2-0ގެ ނަތީޖާއަކުން ކުރި ހޯދިއިރު، ދެވަނަ މެޗުގައި ސްރީލަންކާގެ މައްޗަށް ކުރި ހޯދީ 4-0ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ފަހު މެޗުގައި ގްރޫޕްގެ އެއްވަނަ ހޯދި މިޔަންމާ އަތުން 6-0އިން ބަލިވިކަމުގައި ވިޔަސް، ފުރަތަމަ ދެ މެޗުން ހޯދި މޮޅާއެކު ދިވެހި ޒުވާން ޓީމަށް ވަނީ ކުރިއަށްދާން ފުރުސަތު ލިބިފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.