ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ޒުވާން ޤައުމީ ޓީމުން ހޯދި ކާމިޔާބީއަށް ވަޒީރުގެ ތައުރީފް

ޝެއާ ކުރޭ Facebook Telegram Viber X

މިޔަންމާގައި ކުރިއަށްދިޔަ އޭއެފްސީ 20އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގެ ޑިވެލޮޕްމަންޓް މަރުހަލާގައި ރާއްޖޭގެ ޒުވާން ޤައުމީ ފުޓުބޯޅަ ޓީމުން ދެއްކި މޮޅު ކުޅުމާއި ހޯދި ކާމިޔާބީ ފާހަގަކުރައްވައި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެ ކުޅުންތެރިންނަށް ގުޅުއްވައި މަރުހަބާ ވިދާޅުވެއްޖެއެވެ.

ފޯނު މެދުވެރިކުރައްވައި ޓީމާ މުޚާތަބުކުރައްވަމުން، ވަޒީރު ވަނީ އެ ކުޅުންތެރިންގެ ބުރަ މަސައްކަތަށް ސާބަސް ދެއްވައިފައެވެ. އަދި ކުރިއަށް އޮތް ކޮލިފައިން މަރުހަލާގައި ވެސް ގުޅިގެން އެއް ޓީމެއްގެ ގޮތުގައި މަސައްކަތްކޮށް، ދިވެހިރާއްޖެއަށާއި ރާއްޖޭގެ ފުޓުބޯޅައަށް އިތުރު ފަޚުރުވެރި ވަނަތަކެއް ހޯދައިދިނުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ.

މި ފަހަރުގެ މުބާރާތުގައި ދިވެހި ޓީމުން ވަނީ ލަނޑުތަކަކާއެކު މުހިންމު މޮޅުތަކެއް ހޯދާފައެވެ. އެގޮތުން، ސްރީލަންކާގެ މައްޗަށް 4-0އިން ކުރިހޯދިއިރު، ބުރުނާއީ ބަލިކޮށްފައިވަނީ 2-0ގެ ނަތީޖާއަކުންނެވެ. ގްރޫޕްގެ ފަހު މެޗުގައި މިޔަންމާ އަތުން ރާއްޖެ ބަލިވިކަމުގައި ވިޔަސް، ދިވެހިރާއްޖެއިން ވަނީ ކޮލިފައިންގެ ޖާގަ ކަށަވަރުކޮށް، ކަނޑައެޅި އަމާޒަށް ވާސިލުވެފައެވެ.

ބާރަ ގައުމަކުން ވާދަކުރި ޑިވެލޮޕްމަންޓް ފޭސް ބަހާލެވިފައި ވަނީ ތިން ގްރޫޕަކަށެވެ. ކޮންމެ ގްރޫޕަކުން އެންމެ ކުރި ހޯދާ ދެ ޓީމަށް 2029ވަނަ އަހަރުގެ މުބާރާތުގެ މައި ކޮލިފައިން މަރުހަލާއަށް ޕްރޮމޯޓްވުމުގެ ފުރުސަތު އޮތްއިރު، ރާއްޖެ ވާދަކުރި ގްރޫޕް ކޭގެ އެއްވަނަ ޓީމުގެ ގޮތުގައި މިޔަންމާ އަދި ދެވަނަ ޓީމުގެ ގޮތުގައި ރާއްޖެ ވަނީ އެ ފުރުސަތު ހޯދާފައެވެ.

މީގެ އިތުރުން، ގްރޫޕް އައިއިން މޮންގޯލިއާ އާއި ގުއާމް ކޮލިފައިން ފޭސްއިން ޖާގަ ކަށަވަރުކުރިއިރު، ގްރޫޕް ޖޭ އިން ފުރުސަތު ހޯދީ ޗައިނީޒް ޓައިޕޭ އާއި ސިންގަޕޫރެވެ.

އަނެއްކޮޅުން، މި ފަހަރުގެ ކޮލިފައިން ފޭސްގައި ކުޅުނު ގައުމުތަކުގެ ތެރެއިން 2029ވަނަ އަހަރުގެ ޑިވެލޮޕްމަންޓް ފޭސްއަށް ރެލިގޭޓްވި ގައުމުތަކުގެ ތެރޭގައި ފިލިޕީންސް، ބަންގްލަދޭޝް، ލާއޯސް، ހޮންގްކޮންގް، ވިއެޓްނާމް އަދި ކެމްބޯޑިއާ ހިމެނެއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު