މިޔަންމާގައި މިހާރު ކުރިއަށްދާ އޭއެފްސީ 20އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގެ ޑިވެލޮޕްމަންޓް ފޭސްގައި، ރާއްޖޭގެ ޒުވާން ޤައުމީ ފުޓުބޯޅަ ޓީމުން ބުރޫނާއީއާ ވާދަކުރި ފުރަތަމަ މެޗު 2-0ގެ ނަތީޖާއަކުން ކާމިޔާބުކޮށް، މުބާރާތުގެ ފެށުން އުޖާލާކޮށްފިއެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި ކުރިމަތިލުމުގައި، ދިވެހި ކުޅުންތެރިން ވަނީ މޮޅު ހުނަރުތަކަކާ އެކު ހަމަލާއަށް އިސްކަންދީގެން ކުޅެފައެވެ. ނަތީޖާއެއްގެ ގޮތުން، މެޗުގެ ފުރަތަމަ ހާފުގައި ރާއްޖެއިން ވަނީ ދެ ލަނޑު ޖަހައި މެޗުގެ ފުރިހަމަ ކޮންޓްރޯލް ހޯދާފައެވެ.
ރާއްޖެއަށް މެޗުގެ ލީޑު ނަގައިދިން ފުރަތަމަ ލަނޑު، ކުޅުމުގެ 19ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އުއްމީދީ ކުޅުންތެރިޔާ އީތަން އިބްރާހީމް ޒަކީއެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ ޕެނަލްޓީ އޭރިއާގެ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެންނެވެ. އޭގެ އިރުކޮޅެއް ފަހުން، ނައްސާޙް ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއްގެ ބޭނުން ހިފައި، ޓީމުގެ ކެޕްޓަން މުޙައްމަދު އިލާން އިމްރާން ވަނީ ދިވެހި ޓީމުގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ.
މީގެ އިތުރުން ވެސް، ނަތީޖާގެ ފަރަގު ބޮޑުކުރުމަށް ކެޕްޓަން އިލާން އާއި އަހުޒަމް ރަޝީދަށް ވަރަށް ހުސް ފުރުސަތުތަކެއް ލިބި ބޭކާރުވެފައިވާކަން ފާހަގަކޮށްލެވެއެވެ.
މި މޮޅާއެކު ރާއްޖެއިން ދެން ތައްޔާރުވަމުންދަނީ އަންނަ ސެޕްޓެމްބަރު މަހުގެ 3ވަނަ ދުވަހު ސްރީލަންކާއާ ދެކޮޅަށް ކުޅޭ މެޗަށެވެ. އަދި މި ބުރުގެ ފަހު މެޗުގައި ސެޕްޓެމްބަރު 6ގައި ދިވެހި ޓީމު ނުކުންނާނީ މުބާރާތް ބާއްވާ ޤައުމު ކަމަށްވާ މިޔަންމާއާ ދެކޮޅަށެވެ.
އޭއެފްސީން މިފަހަރުގެ ކޮލިފައިން އޮނިގަނޑަށް ގެނައި އާ ބަދަލާއެކު، މުބާރާތް ކުރިއަށް ގެންދަނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ. ދަށު ރޭންކުގެ ޤައުމުތައް ވާދަކުރާ 'ޑިވެލޮޕްމަންޓް ފޭސް' ގައި ރާއްޖެ ހިމެނޭއިރު، ދެވަނަ މަރުހަލާގައި ވާދަކުރާނީ މަތީ ރޭންކުގެ ޓީމުތަކެވެ. ޑިވެލޮޕްމަންޓް ފޭސްގައި ތިން ގްރޫޕް ހިމެނޭއިރު، ރާއްޖެ ލައްވާލީ މިޔަންމާ، ސްރީލަންކާ އަދި ބްރޫނާއީއާ އެއް ގްރޫޕެއްގައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.