މިޔަންމާގައި ބޭއްވި އޭއެފްސީ 20އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފިކޭޝަންގެ ޑިވެލޮޕްމަންޓް ފޭސްގައި، ރާއްޖޭގެ ޒުވާން ޓީމަށް ދިވެހި ރައްޔިތުންގެ ފަރާތުން ލިބުނު ހިތްވަރާއި ތަރުހީބު ފާހަގަކޮށް، ޓީމުގެ ކެޕްޓަން މުހައްމަދު އިލާން އިމްރާން ދިވެހި ސަޕޯޓަރުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފިއެވެ.
މި މުބާރާތުގެ ފަހު މެޗުގައި މިޔަންމާ އަތުން 6-0ގެ ތަފާތު ބޮޑު ނަތީޖާއަކުން ރާއްޖެ ބަލިވި ނަމަވެސް، ޓީމުން ވަނީ މުބާރާތާ ކުރިމަތިލިއިރު ކަނޑައެޅި މައިގަނޑު އަމާޒު ކަމަށްވާ ކުރިއަށް އޮތް ބުރަށް ކޮލިފައިވުން ކާމިޔާބުކޮށްފައެވެ. ޒުވާން ގައުމީ ޓީމަށް ކޮލިފައިންގެ ޖާގައެއް ކަށަވަރުވީ ފުރަތަމަ ދެ މެޗުގައި ހޯދި މޮޅު ނަތީޖާތަކާ ގުޅިގެންނެވެ. އެގޮތުން ފުރަތަމަ މެޗުގައި ބުރުނާއީގެ މައްޗަށް 2-0އިން ކުރިހޯދިއިރު، ދެވަނަ މެޗުގައި އަވައްޓެރި ސްރީލަންކާ ބަލިކުރީ 4-0ގެ ނަތީޖާއަކުންނެވެ.
ފަހު މެޗާ ގުޅޭގޮތުން ވާހަކަދައްކަމުން އިލާން ފާހަގަކުރި ގޮތުގައި، މިޔަންމާއަކީ ވަރުގަދަ ޓީމެއްކަން ދެނެގަނެގެން ދިވެހި ކުޅުންތެރިން ނުކުތް ނަމަވެސް، މެޗުގެ ކަންކަން ދިޔައީ ރޭވިފައިވާ ގޮތަކަށް ނޫނެވެ. އެހެން ނަމަވެސް، މުބާރާތުގެ އަސްލު މަގުސަދު ހާސިލުވުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި، ފަހު މެޗުން މޮޅުވެވުނުނަމަ މި ކާމިޔާބީ އިތުރަށް ފުރިހަމަވެގެން ދިޔައީސްކަމަށް އޭނާ ބުންޏެވެ.
ރާއްޖޭގެ ކުޅުމާމެދު ސަޕޯޓަރުން ހިތްހަމަޖެހޭނެކަމަށް އުއްމީދުކުރާކަން ހާމަކުރަމުން، އިލާން ވަނީ މެޗުތައް ބަލައި ޓީމަށް ހިތްވަރުދިން އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ. އަދި ކުރިއަށް އޮތް މުބާރާތްތަކުގައި މިއަށް ވުރެ މޮޅު ކުޅުމެއް ދައްކައިދޭނެކަމުގެ ޔަގީންކަން ވެސް ކެޕްޓަން ވަނީ ސަޕޯޓަރުންނަށް ދީފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.