ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ހުތުރު ބަހުން މުއާމަލާތްކުރި ލަންކާގެ ކޯޗު މަގާމުން ދުރުކޮށްފި

ޝެއާ ކުރޭ Facebook Telegram Viber X

މިޔަންމާގައި ކުރިއަށްދާ އޭއެފްސީ 20އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭގެ ގައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނާ ދިމާލަށް ހުތުރު ބަހުން މުއާމަލާތްކޮށް، ހަމަނުޖެހުން ހިންގަން އުޅުނު މައްސަލައިގައި ސްރީ ލަންކާގެ 20އަހަރުން ދަށުގެ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗު މުހައްމަދު އިމްރާން މަގާމުން ވަކިކޮށްފިއެވެ.

ރާއްޖޭގެ ޓީމާ ދިމާލަށް އޭނާ ބޭއަދަބީ ބަހުން ވާހަކަދައްކާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުމާ އެކު، ލަންކާގެ ފުޓްބޯޅަ އިދާރާއިން ވަނީ އޭނާއަށް ވަގުތުން ފިޔަވަޅު އަޅާފައެވެ.

ފުޓްބޯލް ސްރީ ލަންކާ (އެފްއެފްއެސްއެލް)ގެ ރައީސް ޖަސްވާރު އުމަރު އަމިއްލައަށް އިސްނަންގަވައިގެން އެޅުއްވި މި ފިޔަވަޅާ ގުޅޭގޮތުން ލަންކާގެ ފުޓްބޯޅަ އޮފިޝަލުން ސޯޝަލް މީޑިއާގައި ހާމަކޮށްފައިވާ ގޮތުގައި، ޒުވާން ކުޅުންތެރިންނަށް ނަމޫނާ ދައްކަންޖެހޭ އޮފިޝަލެއްގެ ފަރާތުން އެފަދަ ދަށު ދަރަޖައިގެ އަމަލެއް ފެނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އެހެންކަމުން އިމްރާން ވަގުތުން މަގާމުން ވަކިކުރުމަށް ޖަސްވާރު ވަނީ އަންގަވާފައެވެ.

މި ނުތަނަވަސްކަން އުފެދުނީ މިޔަންމާގެ ޔަންގޮންގައި ކުޅުނު މެޗުން ރާއްޖޭގެ ޓީމުން 4-0ގެ ބޮޑު ތަފާތަކުން ލަންކާ ބަލިކުރުމާ ގުޅިގެންނެވެ. މިއީ މިއަހަރު ރާއްޖޭގައި ބޭއްވި ސާފް 20އަހަރުން ދަށުގެ މުބާރާތުގައި 3-2އިން ފަހަތުން އަރައި ރާއްޖެ ބަލިކޮށް ލަންކާއިން ހޯދި މޮޅުގެ ބަދަލު ރާއްޖެއިން ހިފި މެޗެވެ. ރިޕޯޓްތައް ބުނާގޮތުގައި އިމްރާންގެ ރުޅިވެރިކަން ފެޅިގެންދިޔައީ ކުރީގެ އެ މެޗުގެ ނުތަނަވަސްކަމާ ގުޅިގެންނެވެ.

މި މޮޅާއެކު ރާއްޖެއާއި މި ގްރޫޕްގެ މެޗުތައް ހޯސްޓްކުރާ މިޔަންމާ ވަނީ އޭއެފްސީ 20އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގެ އަނެއް ބުރަށް ދަތުރުކޮށްފައެވެ. ގްރޫޕްގެ އެއްވަނަ ކަނޑައެޅުމަށް ޓަކައި މި ދެ ޓީމު މާދަމާ ބައްދަލުކުރާނެއެވެ. އަނެއްކޮޅުން، ވިދިވިދިގެން ކުޅުނު ދެ މެޗުންވެސް 4-0އިން ބަލިވި ލަންކާ އޮތީ ގްރޫޕްގެ އެންމެ ފުލުގައެވެ. ލަންކާގެ ފަހު މެޗުގައި މާދަމާ ނުކުންނާނީ ބްރޫނާއީއާ ދެކޮޅަށެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު