ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ކޮލިފައިންގެ ދެވަނަ ޓީމުގެ ގޮތުގައި ރާއްޖެއަށް ކުރިއެރުން!

ޝެއާ ކުރޭ Facebook Telegram Viber X

މިޔަންމާގައި ކުރިއަށްދިޔަ އޭއެފްސީ 20އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގެ ޑިވެލޮޕްމަންޓް ފޭސްގެ ފަހު މެޗުގައި އާދީއްތަ ދުވަހު މިޔަންމާ އަތުން 6-0ގެ ތަފާތުބޮޑު ނަތީޖާއަކުން ބަލިވި ނަމަވެސް، ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ރާއްޖޭގެ ޒުވާން ޤައުމީ ޓީމު މުބާރާތުގެ ކޮލިފައިން ފޭސްއިން ޖާގަ ކަށަވަރުކޮށްފިއެވެ.

މި މެޗާ ކުރިމަތިލިއިރު ވެސް، މި ދެ ޤައުމަށް ވަނީ ކުރިއަށް އޮތް މަރުހަލާގެ ޖާގަ ޔަގީންވެފައެވެ. ގްރޫޕްގެ އެއްވަނަ ޓީމުގެ މަގާމު މިޔަންމާއިން ހޯދީ ކުޅުނު ތިން މެޗުން ވެސް މޮޅުވެ، ޖުމްލަ ނުވަ ޕޮއިންޓާއެކުގައެވެ. ރާއްޖެއަށް ހަ ޕޮއިންޓާއެކު ދެވަނަ ލިބުނުއިރު، އެ ޓީމުން ވަނީ މީގެ ކުރިން ކުޅުނު މެޗުތަކުގައި ބުރުނާއީ 2-0އިން އަދި ސްރީލަންކާ 4-0އިން ބަލިކޮށްފައެވެ.

އާދީއްތަ ދުވަހުގެ މެޗު ފެށިގެން މާގިނައިރުތަކެއް ނުވަނީސް މިޔަންމާއިން ވަނީ ރާއްޖޭގެ ގޯލު ހުޅުވާލާފައެވެ. މިގޮތުން 10ވަނަ މިނެޓުގައި ސައި ބޯ ބޯ ކާމިޔާބުކުރި ލަނޑުން އެޓީމު ކުރިހޯދިއިރު، އޭގެ އެގާރަ މިނެޓު ފަހުން ތުރާ މިން ތަންޓު ވަނީ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ނަތީޖާ 2-0އަށް ބަދަލުކޮށްފައެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ފަރަގު ކުޑަކުރުމަށް ރާއްޖޭގެ އިތަން އިބްރާހީމް ޒަކީއަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، މިޔަންމާގެ ގޯލްކީޕަރު ސައި ކަންޓް މިންޔޯ ވަނީ އެ ހަމަލާ ހުއްޓުވާފައެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ފެނިގެންދިޔައީ މިޔަންމާއިން މޮޅަށް ކުޅެ މެޗުގެ ކޮންޓްރޯލް ދަމަހައްޓަމުންދިޔަ މަންޒަރެވެ. ނަތީޖާއެއްގެ ގޮތުން 52ވަނަ މިނެޓުގައި ތުރާ މިން އެޓީމުގެ ތިންވަނަ ލަނޑު ޖަހައިދިނެވެ. އަދި އޭގެ ފަހުން ހިލޭ ޖެހުމަކުން ކިޔާލް ޔައުން ހަތަރުވަނަ ލަނޑު ކާމިޔާބުކުރިއިރު، ފަސްވަނަ ލަނޑު ޖަހައިދިނީ ކައުން ކަޓްއެވެ. މިޔަންމާގެ ފަހު ލަނޑު، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ ސްވަން ޒަރްނީއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު