2027ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އޭއެފްސީ 20އަހަރުން ދަށުގެ އޭޝިއަން ކަޕްގެ ކޮލިފައިން މެޗުތައް ނިމުމަކަށް އައިސް، 2029ވަނަ އަހަރުގެ މުބާރާތުގައި މަތީ ފަންތީގެ ކޮލިފައިން ފޭހުގައި ވާދަކުރާނެ ޤައުމުތަކާއި ދަށް ފަންތީގެ ޑިވެލޮޕްމަންޓް ފޭހަށް ވެއްޓުނު ޤައުމުތައް އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ)އިން ޔަޤީންކޮށްފިއެވެ.
އޭއެފްސީން ދާދިފަހުން ގެނައި ބަދަލާ އެކު، މި މުބާރާތުގެ ކޮލިފިކޭޝަން ކުރިއަށް ގެންދަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. އެއީ ރޭންކިންގެ ގޮތުން ދަށް ޤައުމުތައް ވާދަކުރާ ޑިވެލޮޕްމަންޓް ފޭހާއި، މަތީ ރޭންކުތަކަށް ޚާއްސަ ކޮލިފައިން ފޭހެވެ. ޑިވެލޮޕްމަންޓް ފޭހުގައި 12ޓީމެއް ތިން ގުރޫޕަކަށް ބަހާލައިގެން ކުޅުނުއިރު، ރާއްޖެއިން ވަނީ ގުރޫޕް "ކޭ"ގެ ދެވަނަ ޓީމުގެ ގޮތުގައި ކުރިއަށް އޮތް 2029ވަނަ އަހަރުގެ މުބާރާތުގެ މައި ކޮލިފައިން ފޭހުން ޖާގަ ކަށަވަރުކޮށް ޕްރޮމޯޓުވެފައެވެ. ރާއްޖޭގެ އިތުރުން މި ގުރޫޕުން އެއްވަނަ ހޯދައިގެން މިޔަންމާ ޕްރޮމޯޓުވިއިރު، ގުރޫޕް "އައި"އިން މޮންގޯލިއާއާއި ގުއާމް، އަދި ގުރޫޕް "ޖޭ"އިން ޗައިނީޒް ޓައިޕެއިއާއި ސިންގަޕޫރު ވެސް ވަނީ ކޮލިފައިން ފޭހަށް ޕްރޮމޯޓުވެފައެވެ.
މައި ކޮލިފައިން ފޭހުގައި މިފަހަރު ވާދަކުރި ޤައުމުތަކުގެ ތެރެއިން ނަތީޖާ ދަށްވުމުގެ ސަބަބުން 2029ވަނަ އަހަރުގެ ޑިވެލޮޕްމަންޓް ފޭހަށް ރެލިގޭޓުވި ޤައުމުތައް ވެސް މިހާރު ވަނީ ޔަޤީންވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފިލިޕީންސް، ބަންގްލަދޭޝް، ލާއޯސް، ހޮންގްކޮންގް، ވިއެޓްނާމްގެ އިތުރުން ކެމްބޯޑިއާއެވެ.
ޑިވެލޮޕްމަންޓް ފޭހުގެ ގުރޫޕް 'ކޭ' ގައި ރާއްޖެއިން ދައްކާފައިވަނީ ފާހަގަކޮށްލެވޭ ފަދަ ކުޅުމެކެވެ. ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ރާއްޖެ ވަނީ ފުރިހަމަ މޮޅެއް ހޯދާފައެވެ. އެގޮތުން ފުރަތަމަ މެޗުގައި ބްރޫނާއީގެ މައްޗަށް 0-2އިން ކުރިހޯދިއިރު، ދެވަނަ މެޗުގައި ލަންކާ ކޮޅަށް ވަނީ ހަތަރު ލަނޑު ވައްދާލައި 0-4އިން މެޗު ކާމިޔާބުކޮށްފައެވެ. ނަމަވެސް ފަހު މެޗުގައި، މުބާރާތް ބޭއްވި ޤައުމު ކަމަށްވާ މިޔަންމާ އަތުން ރާއްޖޭގެ ޒުވާން ޓީމު ވަނީ 6-0ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.