ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އިސްރާއީލާ ގުޅޭ އިޝްތިހާރާކާ ގުޅިގެން އެޑިޑާސް ބޮއިކޮޓް

ޝެއާ ކުރޭ Facebook Telegram Viber X

ކުޅިވަރު ސާމާނު އުފައްދާ ޖަރުމަނުގެ މަޝްހޫރު ކުންފުނި "އެޑިޑާސް"އިން އިޒްރޭލުގެ ކުރީގެ އަސްކަރީ އޮފިސަރަކު ބޭނުންކޮށްގެން ތައްޔާރުކުރި އިޝްތިހާރަކާ ގުޅިގެން އެ ކުންފުންޏަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެ، އެޑިޑާސްގެ އުފެއްދުންތައް ބޮއިކޮޓްކުރުމުގެ ބޮޑު ހަރަކާތެއް ދުނިޔޭގެ އެކި ކޮޅުތަކުގައި ފަށައިފިއެވެ.

މި އިޝްތިހާރުގައި ބޭނުންކޮށްފައި ވަނީ 2021ވަނަ އަހަރު އިޒްރޭލުން ގާޒާއަށް ދިން 11ދުވަހުގެ ހަމަލާތަކުގައި ބައިވެރިވި ސިފައިންގެ މީހެއް ކަމަށްވާ ޝަލޭވް ބިޓޮންއެވެ.

އެ ހަމަލާތަކުގެ ތެރޭގައި ހަމާސްއިން ދިން ރައްދު ހަމަލާއެއްގައި ޒަހަމްވެ، ޝަލޭވް ބިޓޮންގެ ފައި ބުރިކޮށްލަން ޖެހުނުއިރު، އެޑިޑާސްގެ އިޝްތިހާރުން ފެންނަނީ އޭނާ އިޒްރޭލުގެ ފިހާރައަކުން ބޫޓެއް ގަނެގެން ބޭރަށް ނުކުމެ ދުވާ މަންޒަރެވެ. އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކުންނާއި ފަލަސްތީނަށް ތާއީދުކުރާ އެކްޓިވިސްޓުން ވަނީ މިއީ ފަލަސްތީނުގެ ރައްޔިތުންނަށް ކުރި ބޮޑު ފުރައްސާރައެއްގެ ގޮތުގައި ސިފަކޮށްފައެވެ.

ޕަލެސްޓައިނިއަން ކެމްޕޭން ފޯ ދަ އެކަޑެމިކް އެންޑް ކަލްޗަރަލް ބޮއިކޮޓް އޮފް އިސްރާއީލް (ޕީއޭސީބީއައި)ގެ ކޯޑިނޭޓަރު ސްޓެފަނީ ވެސްޓްބްރޫކް އަލްޖަޒީރާއަށް ވިދާޅުވީ، މިއީ އިޒްރޭލުގެ އަނިޔާވެރިކަމުގެ ސަބަބުން އާއިލާގެ މެމްބަރުންނާއި ގުނަވަންތައް ގެއްލިފައިވާ ފަލަސްތީނުގެ ރައްޔިތުންގެ މޫނުމަތީގައި ޖެހި ބޮޑު އެތިފަހަރެއް ކަމަށެވެ.

"މިއީ އެޑިޑާސްއަށް އޮޅިގެން ނުވަތަ އިހުސާސްތައް ނުވިސްނިގެން ކުރެވުނު ކަމެއް ނޫން. މިއީ އިޒްރޭލުން މަރާލި އަދި ގުނަވަންތައް ވަކިކޮށްލި ފަލަސްތީނުގެ އެތައް ހާސް ރައްޔިތުންނަށް ގަދަރު ކުޑަކުރުމެއް"ސްޓެފަނީ ވިދާޅުވިއެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ)ގެ ތަފާސްހިސާބުތަކަށް ބަލާއިރު، އިޒްރޭލުގެ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން ގާޒާގެ 5،000އާއި 6،000އާ ދެމެދުގެ އަދަދެއްގެ މީހުންގެ އަތް ނުވަތަ ފައި ބުރިކޮށްލަން ޖެހިފައިވެއެވެ. މީގެ އިތުރުން، އިންޓަނޭޝަނަލް ރެސްކިއު ކޮމިޓީން ހާމަކޮށްފައިވާ ގޮތުގައި، ގާޒާއަކީ މިހާރު މުޅި ދުނިޔޭގައި ވެސް އާބާދީގެ ނިސްބަތުން އެންމެ ގިނަ އަދަދަކަށް ކުޑަކުދިންގެ ގުނަވަންތައް ބުރިކުރަން ޖެހިފައިވާ ސަރަހައްދެވެ. އިޒްރޭލުން ދަނީ ގާޒާގެ ހޮސްޕިޓަލްތައް ސުންނާފަތިކޮށް، ބޭހާއި އާޓިފިޝަލް ގުނަވަންތައް (ޕްރޮސްތެޓިކްސް)އެތެރެކުރުންވެސް ހުއްޓުވަމުންނެވެ.

އެޑިޑާސްގެ މި އަމަލާ ދެކޮޅަށް އާންމުންގެ އިތުރުން ދުނިޔޭގެ މަޝްހޫރު ޝަހުސިއްޔަތުތަކުން ވެސް ދަނީ އަޑުއުފުލަމުންނެވެ. އެގޮތުން ސްޕެއިންގެ މަޝްހޫރު އެކްޓަރު ހާވިއޭ ބާޑެމް އާއި، ލިޔުންތެރިޔާ ސޫޒަން އަބުލްހަވާ އަދި ފާތިމާ ބުއްޓޯ ހިމެނޭހެން ގިނަ ބަޔަކު ވަނީ އެޑިޑާސްގެ އުފެއްދުންތައް ބޮއިކޮޓްކުރުމަށް ގޮވާލާފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު