ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އިޒްރޭލުގެ ކުޅުންތެރިޔަކު އޮފިޝަލެއް ގަޔަށް ކުޅުޖެހި މައްސަލައެއް

ޝެއާ ކުރޭ Facebook Telegram Viber X

ޔުއެފާ ނޭޝަންސް ލީގުގައި ސަޕޯޓަރުން ނުވައްދައި ސާބިއާގައި ކުޅުނު މެޗެއްގެ ތެރެއިން، އިޒްރޭލުގެ ކުޅުންތެރިޔަކު އަޔަލެންޑު ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގަޔަށް ކުޅުޖެހިކަމަށް ބުނާ ހާދިސާއެއް ފެންމަތިވެ، ދެ ގައުމުގެ ދެމެދުގައި އޮތް ސިޔާސީ ނުތަނަވަސްކަން ކުޅިވަރުގެ ތެރެއިން އިތުރަށް ގޯސްވެއްޖެއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން، މި ހަމަނުޖެހުން ހިނގާފައި ވަނީ މެޗުގެ ފުރަތަމަ ހާފު ނިމިގެން ކުޅުންތެރިންނާއި އޮފިޝަލުން ޗޭންޖިންގ ރޫމަށް ދިޔަ މަގުމަތީގައެވެ. މި އަމަލުގެ ޝިކާރައަކަށްވީ އަޔަލެންޑުގެ އެސިސްޓެންޓް ކޯޗު ޑޭމިއަން ޑޮއިލް ކަމަށްވާއިރު، އެ ވަގުތު އެ ސަރަހައްދުގައި ހުރި ނަމަވެސް އަޔަލެންޑުގެ ހެޑް ކޯޗު ހޭމިރް ހާލްގްރިމްސަން ވަނީ މިކަމާ ގުޅޭގޮތުން ސީދާ އެއްޗެއް ބުނުމަށް އުޒުރުވެރިވެފައެވެ. އޭނާ ފާހަގަކުރި ގޮތުގައި، މި މައްސަލައަކީ ޔުއެފާގެ ޑިސިޕްލިނަރީ ކޮމިޓީން ބަލައި ތަހުގީގުކުރާނެ ކަމަކަށްވާތީ، މީޑިއާގައި އެ ވާހަކަ ދެއްކުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. އަނެއްކޮޅުން، އިޒްރޭލުގެ ކޯޗު ރަން ބެން-ޝިމޯން ބުނީ އެ ފަދަ ކަމެއް ހިނގި ވަގުތު އޭނާ ހުރީ ޑްރެސިންގ ރޫމްގައި ކަމަށްވުމުން އެ މަންޒަރު ނުފެންނަ ކަމަށާއި، ނަމަވެސް ކަން ހިނގާދިޔަގޮތް ސާފުކުރުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ.

ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމުތަކާ ގުޅިގެން ޔޫރަޕުގެ ގައުމުތަކުގެ ތެރެއިން އެންމެ ހަރުކަށި އިބާރާތުން ފާޑުކިޔަމުންދާ އެއް ގައުމަކީ އަޔަލެންޑެވެ. މި ސަބަބާ ހުރެ، އިޒްރޭލާ ދެކޮޅަށް ކުޅުމަކީ އަޔަލެންޑު ޓީމަށް ނަފްސާނީ ގޮތުންނާއި ސިޔާސީ ގޮތުން ނުހަނު ބޮޑެތި ފިއްތުންތަކަކާ ކުރިމަތިލާންޖެހުނު ކަމެކެވެ. އަމިއްލަ ގައުމުގެ ސިޔާސީ ފަރާތްތަކާއި ސަޕޯޓަރުންގެ ފަރާތުން މެޗު ބޮއިކޮޓްކުރުމަށް ގޮވާލަމުން ދިޔަ ނަމަވެސް، ޓީމުގެ ކުޅުންތެރިން މެޗު ކުޅެން ނިންމީ ޔުއެފާއިން އަޅާފާނެ ހަރުކަށި ފިޔަވަޅަކުން ސަލާމަތްވުމަށް ޓަކައި ކުޅުންތެރިންގެ މެދުގައި ނެގުނު ސިއްރު ވޯޓަކުންނެވެ. އަޔަލެންޑުގެ ކޯޗު ވަނީ، މި ދަތި އުނދަގޫ މަރުހަލާގައި ކުޅުންތެރިން ދެއްކި ސާބިތުކަމަށް ތައުރީފުކޮށް، މިފަދަ ޕްރެޝަރަކާ އެހެން އެއްވެސް ޓީމަކުން ކުރިމަތިލާން ނޭދޭކަމަށް ބުނެފައެވެ. އަދި މި މެޗުތައް ނިމުމަކަށް އައުމުން ވަރަށް ބޮޑަށް ހިތްހަމަޖެހިއްޖެކަން އޭނާ ވަނީ ހާމަކޮށްފައެވެ.

ސަލާމަތީ ސަބަބުތަކަށް ޓަކައި އަޔަލެންޑާއި އިޒްރޭލު ބައްދަލުކުރި ދެ ލެގުގެ މެޗުވެސް ކުޅެފައި ވަނީ ތިންވަނަ ގައުމެއްގައި ސަޕޯޓަރުން ނުވައްދައެވެ. އެގޮތުން އަޔަލެންޑުގެ އަވޭ މެޗު ހަންގޭރީގައި ކުޅެ 3-0ގެ ނަތީޖާއަކުން އެޓީމު މޮޅުވިއިރު، އަޔަލެންޑުގެ ހޯމް މެޗު ކުޅެފައި ވަނީ ސާބިއާގައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު