ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އެޑިން ޒެކޯ ގައުމީ ފުޓްބޯޅައިން ރިޓަޔަރކޮށްފި

ޝެއާ ކުރޭ Facebook Telegram Viber X

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ސްވިޑެންއާ ދެކޮޅަށް ކުޅެ 1-1އިން އެއްވަރުވި މެޗަށް ފަހު، ބޮސްނިއާގެ ފުޓްބޯޅައިގެ ތާރީޚު ދުށް އެންމެ ކާމިޔާބު ކުޅުންތެރިޔާ އެޑިން ޒެކޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފިއެވެ.

މިދިޔަ ވޯލްޑް ކަޕްގައި ބޮސްނިއާ ޓީމުގެ ކެޕްޓަންކަން ކުރި އުމުރުން 40އަހަރުގެ ހުނަރުވެރި ފޯވާޑް އޭނާގެ ގައުމީ ކެރިއަރު ނިންމާލީ 152މެޗުން 73ލަނޑު ކާމިޔާބުކޮށްދިނުމަށް ފަހުގައެވެ. ރޭގެ ވަދާއީ މެޗުގައި ޒެކޯ ލަނޑެއް ޖެހި ނަމަވެސް، އެޓޭކް ފެށުމުގެ ކުރިން ބޯޅަ ރޮނގުން ބޭރުވެފައިވާކަމަށް ވީއޭއާރުން ނިންމުމާ ގުޅިގެން އެ ގޯލު ވަނީ ކެންސަލްކޮށްފައެވެ.

ގައުމީ ޓީމުގައި ޒެކޯ ބޭނުންކުރި 11ނަންބަރު ޖާޒީއަށް ނިސްބަތްކޮށް، މެޗުގެ 11ވަނަ މިނެޓުގައި ކުޅުން މެދުކަނޑާލުމަށް ފަހު ވަނީ ހަވާ އަރުވާފައެވެ. އަދި މެޗުގެ 62ވަނަ މިނެޓުގައި އޭނާ ބަދަލުކުރުމުން، ދަނޑުގައި ތިބި ސަޕޯޓަރުން ވަނީ ކޮޅަށް ތެދުވެ ހޫނު ތަރުހީބެއް ދީފައެވެ. މީގެ އިތުރުން މެޗު ނިމުމުން ކުޅުންތެރިންގެ ފަރާތުން އޭނާއަށް ޚާއްސަ "ގާޑް އޮފް އޮނަރ"އެއް އެރުވިއިރު، ޝުކުރު އަދާކުރުމުގެ ގޮތުން ޑްރޯން ޝޯއެއް ވެސް ވަނީ ބާއްވާފައެވެ.

ޒެކޯގެ ކްލަބް ކެރިއަރަށް ބަލާއިރު އެންމެ ފާހަގަކޮށްލެވެނީ އިނގިރޭސިވިލާތުގެ މެންޗެސްޓަރ ސިޓީގައި ހޭދަކުރި ކާމިޔާބު ދުވަސްތަކެވެ. އެގޮތުން 2011އިން 2016އަށް އެ ކްލަބަށް ކުޅެދިން 130މެޗުގައި އޭނާ ވަނީ 50ލަނޑު ޖަހާފައެވެ. އެވަގުތު ޕްރިމިއަރ ލީގުގެ ހަވަނައަށް އެންމެ އަގުބޮޑު ޓްރާންސްފަރގެ ގޮތުގައި ސިޓީއާ ގުޅުނު ޒެކޯ ވަނީ، 44އަހަރަށް ފަހު އެ ޓީމަށް ބޮޑު ތައްޓެއް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. ޚާއްސަކޮށް ޕްރިމިއަރ ލީގު ކާމިޔާބުކުރުމަށް މެޗުގެ އިތުރު ވަގުތުގައި އޭނާ ޖެހި ލަނޑު ފާހަގަކުރެވެއެވެ. 

ސިޓީގެ އިތުރުން އިޓަލީގެ ރޯމާއާއި އިންޓަ މިލާނަށް އޭނާ ވަނީ ކުޅެފައެވެ. ފެނަބާޗޭ އަދި ފިއޮރެންޓީނާއަށް ކުޅުމަށް ފަހު، ޒެކޯ މިހާރު ކުޅެމުން އަންނަނީ ޖަރުމަނުގެ ޝާލްކޭއަށެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު