ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އިޝްތިހާރުގެ މައްސަލައިގައި އެޑިޑާސްއިން މައާފަށް އެދިއްޖެ

ޝެއާ ކުރޭ Facebook Telegram Viber X

ޖަރުމަނުގެ މަޝްހޫރު ކުޅިވަރު ސާމާނު އުފައްދާ ކުންފުނި، އެޑިޑާސްގެ ސަރަހައްދީ ގޮފި "އެޑިޑާސް އަރަބިއާ"އިން އާންމުންގެ ކިބައިން މައާފަށް އެދިއްޖެއެވެ.

އެ ކުންފުނިން މައާފަށް އެދިފައި ވަނީ އިޒްރޭލުގެ ކުރީގެ ސިފައިންގެ މީހަކު ބޭނުންކޮށްގެން ކުރިއަށްގެންދިޔަ އިޝްތިހާރު ކެމްޕޭނަކާ ގުޅިގެން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެ، އެޑިޑާސްގެ އުފެއްދުންތައް ބޮއިކޮޓްކުރުމަށް ގޮވާލަން ފެށުމާ ގުޅިގެންނެވެ.

އެޑިޑާސް އަރަބިއާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ކެމްޕޭނުގައި ބޭނުންކުރި ފޮޓޯއަކާ ގުޅިގެން އާންމުންގެ މެދުގައި ކަންބޮޑުވުމާއި ހިތްހަމަނުޖެހުން އުފެދިފައިވާކަން ގަބޫލުކުރާ ކަމަށެވެ. އަދި އެއީ އެއްވެސް ބައެއްގެ ހިތުގައި ޖެއްސުމުގެ މަގުސަދުގައި ކުރި ކަމެއް ނޫން ކަމަށާއި، މިކަމުގެ އަސަރުކުރި ހުރިހާ ފަރާތްތަކެއްގެ ކިބައިން މައާފަށް އެދޭ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެޑިޑާސް އިން އެއް ކިބައިގެ ބޫޓު އިޝްތިހާރު ކުރުމަށް ހިންގި މި ކެމްޕޭނުގައި ބޭނުންކޮށްފައި ވަނީ، 2021ވަނަ އަހަރު އިޒްރޭލުން ގާޒާއަށް ދިން 11ދުވަހުގެ ހަމަލާތަކުގައި އަމަލީގޮތުން ބައިވެރިވި އަސްކަރީ އޮފިސަރެއް ކަމަށްވާ ޝަލޭވް ބިޓަންއެވެ. އެ ހަމަލާތަކުގެ ތެރޭގައި ހަމާސްއިން ދިން ރައްދު ހަމަލާއެއްގައި ޒަހަމްވެ، ބިޓަންގެ ފައި ބުރިކޮށްލަން ޖެހުނެވެ. އިޒްރޭލުގައި ހުންނަ އެޑިޑާސްގެ ފިހާރަތަކުގައި ބެހެއްޓި މި ޕޯސްޓަރުތަކުގައި ބިޓަންގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ އިތުރު 11އެތުލީޓުން ބޭނުންކޮށްފައިވެއެވެ.

ފަލަސްތީނުގެ ހައްގުތަކަށް މަސައްކަތްކުރާ އެކްޓިވިސްޓުން ވަނީ މި ކެމްޕޭނަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެ ފަރާތްތަކުން ބުނާގޮތުގައި، އިޒްރޭލުން ގާޒާގައި ހިންގަމުންދާ އުދުވާނުގައި ފަލަސްތީނުގެ އެތައް ހާސް ބައެއްގެ ގުނަވަންތައް ބުރިވަމުންދާ ދަނޑިވަޅެއްގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ކެމްޕޭނެއްގައި އިޒްރޭލު ސިފައިންގެ މީހަކު ބޭނުންކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތަފާސްހިސާބުތަކަށް ބަލާއިރު، އިޒްރޭލުގެ އަނިޔާވެރިކަމުގެ ސަބަބުން ގާޒާގެ 5،000އާއި 6،000އާ ދެމެދުގެ އަދަދެއްގެ މީހުންގެ އަތްފައި ބުރިކުރަން ޖެހިފައިވެއެވެ.

މީގެއިތުރުން، އިންޓަނޭޝަނަލް ރެސްކިއު ކޮމިޓީން ހާމަކޮށްފައިވާ ގޮތުގައި، ގާޒާއަކީ މިހާރު މުޅި ދުނިޔޭގައިވެސް އާބާދީގެ ނިސްބަތުން އެންމެ ގިނަ ކުޑަކުދިންގެ ގުނަވަންތައް ބުރިކުރަންޖެހިފައިވާ ސަރަހައްދެވެ. އިޒްރޭލުން ދަނީ ގާޒާގެ ހޮސްޕިޓަލްތައް ސުންނާފަތިކޮށް، ބޭހާއި އާޓިފިޝަލް ގުނަވަންތައް އެތެރެކުރުން ވެސް ހުއްޓުވަމުންނެވެ. މި ހުރިހާ ކަމަކާ ގުޅިގެން، ސްޕެއިންގެ މަޝްހޫރު އެކްޓަރު ހާވިއޭ ބާޑެމްއާއި، ލިޔުންތެރިޔާ ސޫޒަން އަބުލްހަވާ އަދި ފާތިމާ ބުއްޓޯ ހިމެނޭހެން ގިނަ އަދަދެއްގެ އާންމުން ދަނީ އެޑިޑާސްގެ އުފެއްދުންތައް ބޮއިކޮޓްކުރުމަށް ގޮވާލަމުންނެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު