އެފްއޭއެމް އެޓޯލް ފުޓްސަލް ޗެމްޕިއަންޝިޕްގައި މ. މުލީގައި ކުޅުނު ފޯރިގަދަ ފައިނަލް މެޗުގައި 1-3ގެ ނަތީޖާއަކުން ވޭވަށުގެ މައްޗަށް ކާމިޔާބު ހޯދައި، މ. އަތޮޅުގެ ޗެމްޕިއަންކަން ދިއްގަރުން ހާސިލުކޮށްފިއެވެ.
މުލީ ފުޓްސަލް ދަނޑުގައި ކުރިއަށްދިޔަ މި ކުރިމަތިލުމުގެ ފުރަތަމަ ހާފުގެ 12ވަނަ މިނެޓުގައި ދިއްގަރުގެ އިސްމާއިލް ވާއިލް ވަނީ ލަނޑެއް ކާމިޔާބުކޮށް، އެ ޓީމަށް ކުރިހޯދަދީފައެވެ. ނަމަވެސް ދެވަނަ ހާފު ފެށުނުތާ ހަތްވަނަ މިނެޓުގައި ވޭވަށުގެ މުޙައްމަދު އަޒާން އިސްޙާގު ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ.
އޭގެ ހަތަރު މިނެޓު ފަހުން މުއްސަބު ބިން އަޙްމަދު ދިއްގަރަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިން އިރު، އިތުރު ހަ މިނެޓު ފަހުން މުޙައްމަދު ޞާޤިބް ވަނީ އިތުރު ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްކޮށް ޔަޤީންކޮށްދީފައެވެ.
މުޅި މުބާރާތައް ބަލާއިރު، އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި، އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އިތުރުން ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދީ ދިއްގަރު ޓީމުގެ ވާއިލްއެވެ. މީގެ އިތުރުން މުބާރާތުގެ ޑްރީމް ޓީމު ނުވަތަ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ވާއިލްގެ އިތުރުން ދިއްގަރުގެ އިކްރާމް ހުސެއިން އާއި ނޫޙް މަސްޢޫދު އަދި ވޭވަށުގެ މުޙައްމަދު ނަވީން ނަސީމް އާއި ނާފިޒް އަބްދުލް ޝަކޫރު ހިމެނެއެވެ.
އެންމެ މޮޅު ކޯޗަކަށް ދިއްގަރުގެ އަޙްމަދު ރީހާން ހޮވުނުއިރު، ފެއަރ ޕްލޭ ކުޅުންތެރިއަކީ މުލީގެ މުޙައްމަދު ފަޒީލްއެވެ. އަދި ފެއަރ ޕްލޭ ޓީމުގެ މަގާމު ލިބުނީ މުއްޔަށެވެ.
މ. އަތޮޅުގެ ޗެމްޕިއަންކަން ދިއްގަރުން ކަށަވަރުކުރުމާއެކު، މި މުބާރާތުގައި މިހާތަނަށް ޖުމްލަ 12އަތޮޅެއްގެ ޗެމްޕިއަނުން ވަނީ ޔަޤީންވެފައެވެ. އޭގެ ތެރޭގައި ހއ. އިހަވަންދޫ، ހދ. ހަނިމާދޫ، ނ. މަގޫދޫ، ރ. ދުވާފަރު، ބ. އޭދަފުށި، ޅ. ހިންނަވަރު، އއ. މަތިވެރި، އދ. ދަނގެތި، ކ. ގާފަރު، ފ. ނިލަންދޫ އަދި ދ. މާއެނބޫދޫ ހިމެނޭއިރު، މުބާރާތް އަދި ނުނިމި އޮތީ ތ، ލ، ގއ، އަދި ގދ. އަތޮޅުގައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.