ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

މަނަދޫގެ މައްޗަށް މަގޫދޫ ކުރި ހޯދައި ވާދަވެރިކަން ބޮޑުވެއްޖެ

ޝެއާ ކުރޭ Facebook Telegram Viber X

މަނަދޫ ފުޓްސަލް ދަނޑުގައި ކުރިއަށްދާ އެފްއޭއެމް އެޓޯލް ފުޓްސަލް ޗެމްޕިއަންޝިޕްގެ ނ. އަތޮޅު ބުރުގައި، 1-0ގެ ނަތީޖާއަކުން މަނަދޫ ބަލިކޮށް، މަގޫދޫއިން ފުރަތަމަ ތިން ޕޮއިންޓު ހޯދުމާ އެކު މުބާރާތުގެ ފޯރި އިންތިހާއަށް ބޮޑުވެއްޖެއެވެ.

މި މެޗުގެ ފުރަތަމަ އަދި ހަމައެކަނި ލަނޑު މަގޫދޫ ޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފު ފަށައިގެން ކުޅުނު ތިންވަނަ މިނެޓުގައި (މެޗުގެ 23ވަނަ މިނެޓު)ސައުދު މުޙައްމަދެވެ. މި ނަތީޖާއާ އެކު، ދެ ޓީމުންވެސް މިހާތަނަށް ދެ މެޗު ކުޅެފައިވާއިރު، މިއީ މަގޫދޫއިން މުބާރާތުގައި ހޯދި ފުރަތަމަ ކާމިޔާބީއެވެ. 

މުބާރާތުގައި މިހާތަނަށް ކުޅުނު މެޗުތަކަށް ބަލާއިރު، މަނަދޫއިން އެ ޓީމުގެ ފުރަތަމަ މެޗުގައި ޅޮހީގެ މައްޗަށް ކުރިހޯދާފައިވެއެވެ. ނަމަވެސް މަގޫދޫއިން ކުޅުނު ފުރަތަމަ މެޗުގައި މާފަރު އަތުން ވަނީ ބަލިވެފައެވެ. މި ވަގުތު ގްރޫޕުގެ ތިން ޓީމަކަށް ތިން ޕޮއިންޓު ލިބިފައިވާއިރު، ޕޮއިންޓެއް ނުލިބި އޮތް ޅޮހި އަދި މާފަރު ބައްދަލުކުރާ މެޗު މިރޭ ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

ނ. އަތޮޅުން ޖުމްލަ ހަތަރު ރަށަކުން ވާދަކުރާ މި މުބާރާތް ކުރިއަށްދަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކުރާ ގޮތަށެވެ. އަތޮޅުގެ ތާޖު ހާސިލުކުރާ ޓީމެއް ކަނޑައަޅާނީ، ގްރޫޕް ސްޓޭޖުގެ އެންމެ ކުރި ހޯދާ ދެ ޓީމުގެ މެދުގައި ކުޅެވޭ ފައިނަލް މެޗުންނެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ތާވަލުކުރެވިފައި ވަނީ މި ހިނގާ މަހުގެ 21ވަނަ ދުވަހުގެ ރެއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު