މުބާރާތް ބޭއްވި ރަށް ކަމަށްވާ މަނަދޫއާ ދެކޮޅަށް ކުޅުނު ފައިނަލް މެޗު 5-0ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް، އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕްގެ ނ.އަތޮޅުގެ ޗެމްޕިއަންކަން މަގޫދޫއިން ހޯދައިފިއެވެ.
މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ދައްކައި މަގޫދޫ ޓީމުން ވަނީ ފުރަތަމަ ހާފުގައި ދެ ގޯލު ޖަހައި ކުރިހޯދާފައެވެ. މި ލަނޑުތައް އެ ޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު އިހޫޝާންގެ އިތުރުން ސައުދު މުޙައްމަދެވެ.
ފަހު ހާފުގައި ވެސް ފޯރިގަދަ ކުޅުމެއް ދައްކަމުން މަގޫދޫއިން އިތުރު ތިން ލަނޑު އެކުލަވާލިއިރު، މީގެ ތެރެއިން އެއް ލަނޑަކީ ފުރަތަމަ ހާފުގައި ވެސް ސްކޯކުރި ސައުދު ޖަހައިދިން ގޯލެކެވެ. ދެން ހުރި ދެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ މުޙައްމަދު އިރުޝާދެވެ.
ޖުމްލަ ހަތަރު ޓީމާ އެކު ނ. އަތޮޅުގައި މި މުބާރާތް ކުރިއަށްގެންދިޔައީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކުރާ ގޮތަށެވެ. އެއަށް ފަހު ފައިނަލުގެ ޖާގަ ކަށަވަރުކުރީ ޕޮއިންޓް ތާވަލުގެ އެންމެ ކުރި ހޯދި ދެ ޓީމެވެ. ފައިނަލަށް ނުކުތްއިރު ހަ ޕޮއިންޓާ އެކު، ފައިދާ ގޯލުގެ ތަފާތުން ގްރޫޕްގެ އެއްވަނައިގައި އޮތީ މަނަދޫއެވެ. އަދި މަގޫދޫ އޮތީ ހަމަ އެ އަދަދަށް ޕޮއިންޓް ހޯދައިގެން ދެވަނައިގައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.