ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ކިނބިދޫ ބަލިކޮށް ތިމަރަފުށީ ފައިނަލަށް

ޝެއާ ކުރޭ Facebook Telegram Viber X

އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕްގެ ތ. އަތޮޅު ބުރުގައި ހޮނިހިރު ދުވަހުގެ ރޭ ކިނބިދޫއާ ވާދަކޮށް 1-7ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެ، މުބާރާތް ބާއްވާ ރަށް ކަމަށްވާ ތިމަރަފުށިން ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފިއެވެ. 

ރާއްޖޭގެ ފުޓްސަލްގައި ފާހަގަކޮށްލެވޭ ތިމަރަފުށިން ވަނީ މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އެޓީމު ކުޅުނު ދެ މެޗުން ވެސް ފުރިހަމަ ކާމިޔާބީއެއް ހޯދާފައެވެ. އެގޮތުން، ފުރަތަމަ މެޗުގައި ވޭމަންޑޫގެ މައްޗަށް އެޓީމުން ކުރިހޯދީ 3-7ގެ ނަތީޖާއަކުންނެވެ.

ތިމަރަފުށީގެ ދަނޑުގައި ކުޅުނު ދެވަނަ މެޗުގައި އެޓީމުގެ ފަރާތުން އާދަޔާޚިލާފު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗު ފެށިގެން ފުރަތަމަ އެގާރަ މިނެޓު ތެރޭގައި އިބްރާހީމް އަސްވަދު ވަނީ ތިން ލަނޑު ޖަހައި ހެޓްރިކް ފުރިހަމަކޮށްފައެވެ. އޭނާގެ ފުރަތަމަ ލަނޑު މެޗުގެ ފަސްވަނަ މިނެޓުގައި ކާމިޔާބުކުރިއިރު، ދެވަނަ ލަނޑާއި ތިންވަނަ ލަނޑު ފެނިގެންދިޔައީ އަށްވަނަ މިނެޓާއި އެގާރަވަނަ މިނެޓުގައެވެ.

މި މެޗުގައި ތިމަރަފުށިން ކާމިޔާބުކުރި އަނެއް ހަތަރު ލަނޑު ޖަހައިދިނީ އާދަމް ނާސިހު، އަލީ އިރުޝާން ނާސިރު، އަހުމަދު އަފްލާޒް އަދި އިސްމާއީލް މުނީޒެވެ. ކިނބިދޫގެ ފަރާތުން ފެނިގެންދިޔަ ހަމައެކަނި ލަނޑު ފުރަތަމަ ހާފު ނިމެން އުޅެނިކޮށް ޖަހައިދިނީ އިބްރާހީމް އިމްރާހުއެވެ. މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހާސިލުކުރީ ތިމަރަފުށީގެ އާދަމް ނާސިހުއެވެ.

ތ. އަތޮޅުން މި މުބާރާތުގައި ޖުމްލަ ތިން ޓީމު ވާދަކުރާއިރު، ފައިނަލަށް ދަތުރުކުރާނީ ލީގު އުސޫލުން ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ހޯމަ ދުވަހުގެ ރޭ ކިނބިދޫ އާއި ވޭމަންޑޫ ބައްދަލުކުރާއިރު، ފައިނަލުގެ ފަހު ޖާގަ ލިބޭނީ އެ މެޗުން ކުރިހޯދާ ޓީމަކަށެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު