އެފްއޭއެމް އެޓޯލް ފުޓްސަލް ޗެމްޕިއަންޝިޕްގައި ރ. އަތޮޅުން ޒޯން މުބާރާތަށް ދަތުރުކުރާ ޓީމެއް ކަށަވަރުކުރުމަށް އިނގުރައިދޫގައި ކުޅުނު ފައިނަލް މެޗުގައި، އެރަށުގެ ޓީމުގެ މައްޗަށް 3-1ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، މުބާރާތުގެ އަތޮޅު ޗެމްޕިއަންކަން ދުވާފަރުން އުފުލާލައިފިއެވެ.
ރާއްޖޭގެ ފުޓްސަލްގައި ނަންމަޝްހޫރު އަދި ވާދަވެރި މި ދެ ރަށުގެ ކުރިމަތިލުމުގައި ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ދުވާފަރުންނެވެ. މެޗުގެ ދިހަވަނަ މިނެޓުގައި މުޙައްމަދު އިސާމް މި ލަނޑު ކާމިޔާބުކޮށްދީފައިވަނިކޮށް، ފުރަތަމަ ހާފު ނިމުމުގެ ކުރިން 20ވަނަ މިނެޓުގައި އިނގުރައިދޫއަށް ނަތީޖާ ހަމަހަމަކޮށްދިނީ އެޓީމުގެ ތަރި އަލީ ހާފިޒް (ހާއްޕެ)އެވެ.
އެހެންނަމަވެސް، ދެވަނަ ހާފުގެ ކުޅުން ފެށިތާ ދެވަނަ މިނެޓުގައި އިބްރާހީމް އަނާން އަލީ ވަނީ ދުވާފަރަށް އަލުން ލީޑު ނަގައިދީފައެވެ. އަދި މެޗު ނިމެން ދަނިކޮށް ފަހު މިނެޓުގައި އޭނާ އިތުރު ލަނޑެއް ޖަހައި، ޓީމުގެ މޮޅު ކަށަވަރުކޮށްދިނެވެ. ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހާސިލުކުރީ ދުވާފަރު ޓީމަށް ދެ ލަނޑު ކާމިޔާބުކޮށްދިން އަނާންއެވެ.
މި ފޯރިގަދަ ފައިނަލުން، ގައުމީ ފުޓުބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އިސްމާއީލް އީސާ (މެސީ)ދުވާފަރު ޓީމުން ފެނިގެންދިޔައިރު، ދިވެހި ފުޓްސަލްގެ ރަސްގެފާނުގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ ހާއްޕެ ފެނުނީ އިނގުރައިދޫ ޓީމުންނެވެ.
މިއަހަރުގެ އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕްގައި ރ. އަތޮޅުން ވާދަކުރީ ހަމައެކަނި މި ދެ ރަށުން ކަމަށްވުމާ އެކު، އަތޮޅު ޗެމްޕިއަންކަން ކަނޑައަޅަން ޖެހުނީ ސީދާ ފައިނަލް މެޗަކުންނެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.