ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ކޯޗު އެންރީކޭއާއި ފަސް ކުޅުންތެރިން ކޮންޓްރެކްޓް އާކޮށްފި

ޝެއާ ކުރޭ Facebook Telegram Viber X

ފްރާންސްގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)ގެ ކާމިޔާބު ކޯޗު ލުއިސް އެންރީކޭގެ އިތުރުން އެ ޓީމުގެ މުހިންމު ފަސް ކުޅުންތެރިއަކު، ކުލަބުގެ މުސްތަގުބަލު ބިނާކުރުމުގެ އަމާޒުގައި އައު އެއްބަސްވުންތަކެއްގައި މިރޭ ސޮއިކޮށްފިއެވެ.

ޕީއެސްޖީން އިއުލާންކޮށްފައިވާ ގޮތުގައި، ސްޕެއިނަށް ނިސްބަތްވާ ތަޖުރިބާކާރު ކޯޗު އެންރީކޭ ވަނީ 2030ވަނަ އަހަރާ ހަމައަށް އެ ޓީމުގެ ހެޑް ކޯޗުގެ މަގާމުގައި ދެމިހުރުމަށް ނިންމާފައެވެ. ކުރިން ބާސެލޯނާ އަދި ސްޕެއިންގެ ގައުމީ ޓީމަށް ކޯޗުކޮށްދިން އެންރީކޭ 2023ގައި ޕީއެސްޖީއާ ހަވާލުވުމަށް ފަހު ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިދީފައެވެ. އޭގެ ތެރޭގައި ފްރެންޗް ލީގު ތިން ފަހަރު ކާމިޔާބުކުރުމާއި، ވިދިވިދިގެން ދެ ފަހަރަށް ޔުއެފާ ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލުން ފާހަގަކޮށްލެވެއެވެ. އަދި 2024/25ގެ ސީޒަނުގައި ޖުމްލަ ހަ ތައްޓެއް ކާމިޔާބުކޮށް، އެމެރިކާގައި ކުޅުނު ފީފާ ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ވެސް ޓީމު ގެންގޮސްދިނެވެ.

ކޯޗުގެ އިތުރުން ދެން ކޮންޓްރެކްޓް އާކުރި ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ 2031ވަނަ އަހަރުގެ ނިޔަލަށް ސޮއިކުރި ހަތަރު ކުޅުންތެރިން ކަމަށްވާ، ބްރެޒިލްގެ ޑިފެންޑަރު ލޫކަސް ބެރާލްޑޯ، އިކުއެޑޯގެ ވިލިއަން ޕަޗޯ، ޕޯޗުގަލްގެ ހުނަރުވެރި މިޑްފީލްޑަރު ޖޮއާއޯ ނެވެސް އަދި ކުލަބުގެ ޒުވާން އެކެޑަމީން އުފެދުނު ސެނީ މަޔޫލޫއެވެ. މީގެ އިތުރުން، ސްޕެއިންގެ މިޑްފީލްޑަރު ފަބިއަން ރުއިޒްގެ އެއްބަސްވުން ވަނީ 2028ގެ ނިޔަލަށް އާކޮށްފައެވެ. ބޭނުންވެއްޖެ ހިނދެއްގައި އިތުރު އެއް އަހަރަށް ކޮންޓްރެކްޓް ދެމެހެއްޓުމުގެ އިޚުތިޔާރު ރުއިޒްގެ އެއްބަސްވުމުގެ ދަށުން ކުލަބަށް ލިބިގެންވެއެވެ. 

މި ކުޅުންތެރިންގެ ތެރެއިން ނެވެސް އާއި ޕަޗޯ ވަނީ 2024ވަނަ އަހަރު ޓީމާ ގުޅުނު ފަހުން ކޮންމެ ކުޅުންތެރިއަކުވެސް 100އަށްވުރެ ގިނަ މެޗު ކުޅެފައެވެ. ބެރާލްޑޯ ސައޮ ޕައުލޯ ދޫކޮށް އައީ މިދިޔަ އަހަރުގެ ޖެނުއަރީގައެވެ. އަދި ފްރާންސްގެ 21އަހަރުން ދަށުގެ ޓީމުގައި ވެސް ހިމެނޭ މަޔޫލޫ އަކީ އުމުރުން 12އަހަރުން ފެށިގެން ޕީއެސްޖީގެ އެކެޑަމީގައި ފައިތިލަ ސާބިތުކުރަމުން އަންނަ އުންމީދީ ކުޅުންތެރިއެކެވެ. އުމުރުން 30އަހަރުގެ ރުއިޒް 2022ވަނަ އަހަރު ނާޕޮލީން ބަދަލުވި ފަހުން މިހާތަނަށް 171މެޗު ކުޅެ، 16ލަނޑު ޖަހައި 28ލަނޑު ޖެހުމަށް ވަނީ މަގުފަހިކޮށްދީފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު