ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އެންރީކޭގެ މުސާރައަށް ބޮޑު ކުރިއެރުމެއް ދީފި

ޝެއާ ކުރޭ Facebook Telegram Viber X

ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ އެ ކްލަބާއެކު ސޮއިކުރި އާ ކޮންޓްރެކްޓާއެކު، އޭނާގެ މުސާރައަށް ބޮޑު ކުރިއެރުމެއް ދީފިއެވެ.

ފްރާންސްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި 2030ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހެދި މި އެއްބަސްވުމުގެ ދަށުން އެންރީކޭއަށް ކޮންމެ ސީޒަނަކު ގާތްގަނޑަކަށް 20މިލިއަން ޔޫރޯ ލިބޭނެއެވެ. މިއީ ކުރިން އޭނާއަށް ލިބެމުންދިޔަ އަހަރަކު 12މިލިއަން ޔޫރޯ (މަހަކު އެއް މިލިއަން ޔޫރޯ)އާ އަޅާބަލާއިރު އަހަރަކު އަށް މިލިއަން ޔޫރޯގެ ބޮޑު އިތުރުވުމެކެވެ.

ޕީއެސްޖީގެ ރައީސް ނާސިރު އަލް ހަލީފީ ދުނިޔޭގެ އެންމެ މޮޅު ކޯޗުގެ ގޮތުގައި ސިފަކުރައްވާ އެންރީކޭއަކީ މިހާރު މުޅި ދުނިޔޭގައި ވެސް އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކެވެ. އޭނާ 2023ވަނަ އަހަރު ޕީއެސްޖީއާ ހަވާލުވި ފަހުން ވަނީ އެ ކްލަބުގެ ތާރީހުގައި ވެސް އެންމެ ކާމިޔާބު ކޯޗުގެ ޝަރަފު ހޯދާފައެވެ. އެގޮތުން އޭނާގެ އިރުޝާދުގެ ދަށުން އެ ކްލަބުން 13ތަށި ހޯދާފައިވާއިރު، އޭގެ ތެރޭގައި ވޭތުވެދިޔަ ދެ ސީޒަނުގައި ވިދިވިދިގެން ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުން ހިމެނެއެވެ. މީގެ އިތުރުން މިދިޔަ ސީޒަނުގައި އެ ކްލަބުން ވަނީ ވިދިވިދިގެން ފަސްވަނަ ފަހަރަށް ފްރެންޗް ލީގު ކާމިޔާބުކޮށްފައެވެ.

ދުނިޔޭގައި މިހާރު އެންމެ މުސާރަ ބޮޑު ކޯޗަކީ އެތުލެޓީކޯ މެޑްރިޑްގެ ކޯޗު ޑިއޭގޯ ސިމިއޯނީއެވެ. އޭނާއަށް މުސާރައިގެ ގޮތުގައި އަހަރަކު 26މިލިއަން ޔޫރޯ ލިބެއެވެ. ސިމިއޯނީއަކީ ކުޅުންތެރިން ވިއްކައިގެން އެތުލެޓިކޯއަށް ބިލިއަނުން އާމްދަނީ ހޯދައިދޭ ކޯޗެއްގެ ގޮތުގައި ފާހަގަކުރެވޭ ފަރާތެކެވެ. އޭނާ 2011ވަނަ އަހަރު އެ ކްލަބާ ހަވާލުވެ، ވަރުގަދަ ޓީމެއް ބިނާކުރުމުން އެ ކްލަބުގެ ބްރޭންޑް ވެލިއު ވެސް ވަނީ ވަރަށް ބޮޑަށް މަތިވެފައެވެ.

އެތުލެޓީކޯގައި ހުރެ މަޝްހޫރު ތަރިންނަށް ހެދުމަށްފަހު ސިމިއޯނީ ވިއްކާލި ކުޅުންތެރިންގެ ތެރޭގައި ސާޖިއޯ ކުން އަގުއޭރޯއާއި ރޮޑްރީ ހިމެނެއެވެ. މި ދެ ކުޅުންތެރިން ވެސް އެ ކްލަބުން މެންޗެސްޓާ ސިޓީއަށް ވިއްކާލާފައި ވަނީ ވަރަށް ބޮޑު އަގުގައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު