ވޯލްޑް ކަޕް ބާއްވާ އަހަރުތަކުގައި، އާންމުކޮށް ޗެމްޕިއަންސް ލީގުގެ ފައިނަލްގެ ފޯރި ކޮންމެވެސް ވަރަކަށް ކުޑަވެގެންދެއެވެ. ނަމަވެސް، މިކޭލް އާޓެޓާގެ ޓީމުން ފުރަތަމަ ތަށި ހޯދުމަށް މަސައްކަތް ކުރަމުންދާއިރު އަދި ލުއިސް އެންރީކޭ ޖެހިޖެހިގެން ދެވަނަ ތަށި ހޯދުމަށް އަމާޒު ހިފާފައިވާއިރު، މުޅި ފުޓްބޯޅަ ދުނިޔޭގެ ސަމާލުކަން ދެ ހަފުތާ ފަހުން ފެށޭ މުބާރާތަށް ހުއްޓިފައި އޮތަސް އިނގިރޭސި ޗެމްޕިއަން އާސެނަލްއާއި ފްރާންސްގެ ޗެމްޕިއަން ޕެރިސް ސެއިންޓް-ޖާމަން (ޕީއެސްޖީ)އަށް އެއީ ސަމާލުކަން އޮތް ކަމެއް ނޫނެވެ.
މި ހޮނިހިރު ދުވަހު ބުޑަޕެސްޓްގައި ކުޅޭ ކުޅުންތެރިންގެ ހިތުގައި އަނިޔާގެ ބިރުވެރިކަން އޮތުމާ އެކު، ވޯލްޑް ކަޕަށްދާ ކުޅުންތެރިން އެމީހުންގެ ސަތޭކަ އިންސައްތަ ދޭނެތޯ ކުރެވޭ ސުވާލަކީ އަބަދުވެސް ދެކެވޭ ވާހަކައެކެވެ. އެހެން ނަމަވެސް، ތާރީޚުން ޖާގަ ހޯދުމުގެ ފުރުސަތަކީ ދެ ޓީމަށް ވެސް އެންމެ ފުރިހަމަ ކުޅުން ދެއްކުމަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރެކެވެ. އާޓެޓާއާއި އެންރީކޭގެ ގުޅުމަކީ އެކުވެރިކަމުން ފެށިގެން ވާދަވެރިކަމަކަށް ބަދަލުވެފައިވާ ގުޅުމެކެވެ. ދެ މީހުންނަކީ ވެސް ބާސެލޯނާއިން ފެށިގެން އައިސް، ރީތި އަދި ފުރިހަމަ ފުޓްބޯޅައަށް ލޯބިކުރާ ދެ މީހުންނެވެ. އަދި ދެ މީހުންނަކީ ވެސް މެންޗެސްޓަރ ސިޓީ ދޫކޮށްދާ ކޯޗު ޕެޕް ގާޑިއޯލާގެ ދަރިވަރުންނެވެ.
"ވަކި ގޮތަކަށް ފުޓްބޯޅަ ކުޅެން ބޭނުންވާ އަހަރެމެން އެންމެންނަށް ވެސް ޕެޕްއަކީ ނަމޫނާއެއް،" ބާސާގެ ކޯޗުކަން ކޮށްގެން ކެޓަލާންގެ ކޯޗުގެ ފިޔަވަޅުތަކަށް ތަބާވި އެންރީކޭ ބުންޏެވެ.
ސިޓީގައި ތިން އަހަރު ވަންދެން އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ފަހު، އަމިއްލަ ކޯޗިން ކެރިއަރު ފެށުމުގެ ހުނަރު ދަސްކޮށްދިނީ ގާޑިއޯލާ ކަމަށް އާޓެޓާ ގަބޫލުކުރެއެވެ. މިހާތަނަށް އެންރީކޭގެ ކުޅުންތެރިއެއްގެ އަދި ކޯޗެއްގެ ކެރިއަރު އާޓެޓާއަށް ވުރެ މާ ކާމިޔާބު ނަމަވެސް، މި ހަފުތާ ބަންދުގައި އެކަން ބަދަލުވާން ފަށައިފާނެއެވެ.
"މިކޭލީޓޯ އާޓެޓާ... އަހަރެން އޭނާދެކެ ވަރަށް ލޯބިވޭ،" އުމުރުން 56 އަހަރުގެ ޕީއެސްޖީގެ ކޯޗު ބުންޏެވެ. އޭނާ މި ކުރު ނަން ބޭނުންކުރުމަކީ ފައިނަލްގެ ކުރިން ކުޅޭ ސިކުނޑީގެ ކުޅިއެއްގެ ގޮތުގައި ބެލެވިދާނެއެވެ. މިއީ މީގެ ފަންސަވީސް އަހަރު ކުރިން އޭނާ އާޓެޓާއަށް ކިޔައިއުޅުނު ވަނަމެކެވެ.
"މިކޭލް އާޓެޓާއަކީ ލީޑަރެއްކަން ފެންނާނެ... އޭނާ ވަނީ މޮޅުވުމުގެ ރޫހެއް އުފައްދައިފައި."
"މިއީ ވަރަށް އުނދަގޫ ކަމަކަށް ވާނެ، އެކަމަކު އަހަރެމެންގެ ކުޅުމުގެ ވައްޓަފާޅިއަށާއި އަހަރެމެން ކުރަން ބޭނުންވާ ކަންކަމަށް ވަރަށް ބޮޑަށް އުއްމީދު ކުރަން،" އެންރީކޭ އިތުރަށް ބުންޏެވެ.
އާޓެޓާ ވެސް ވަނީ އޭނާގެ އެއް ގައުމެއްގެ ކޯޗު ،އެންރީކޭއަށް ތައުރީފުކޮށްފައެވެ. "އޭނާ މެސެޖު ފޯރުކޮށްދޭ ގޮތާއި، އޭނާ ކުރާ ކަމަކާ މެދު އޭނާގެ ހިތްވަރު ހުންނަ ގޮތް، އަދި ކޮންމެ ޚިޔާލެއް ހުށަހެޅުނަސް، އޭނާ ގަބޫލުކުރާ ގޮތުގައި ހިފަހައްޓާ ހިފެހެއްޓުމަކީ ސުޕަޕަވަރެއް ކަމަށް އަހަރެން ދެކެން،" އާޓެޓާ ޔޫއެފާއަށް ބުންޏެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.