ޔޫރަޕްގެ އެންމެ މަތީ ފަންތިއަށް އެނބުރި އައުމަށް އާސެނަލް ކުރި ދިގު ދަތުރުގެ އެންމެ މުހިންމު ވަގުތު އަންނާނީ މިރެއެވެ. އެއީ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އާ ދެކޮޅަށް ނުކުމެ، މިކޭލް އާޓެޓާ ގެނެސްދިން އާރޯކަން ފުރިހަމަކޮށްދޭނެ ފުރަތަމަ ތަށި ހޯދުމުގެ އަޒުމުގައެވެ.
ލަންޑަނުގެ މި ކްލަބުން މިދިޔަ ހަފުތާގައި މެންޗެސްޓަރ ސިޓީ ފަހަތަށް ޖައްސާލުމަށް ފަހު، 22 އަހަރު ފަހުން ފުރަތަމަ ފަހަރަށް ޕްރިމިއަރ ލީގުގެ ތަށި ހޯދައި، އާޓެޓާގެ ކޮނޑުގައި އެޅިފައި އޮތް "ކާމިޔާބީއާ ގާތްކޮށްފައި ނާކާމިޔާބުވާ" ލަގަބުން އެންމެ ފަހުން ސަލާމަތްވިއެވެ.
ޕްރިމިއަރ ލީގު ތަށި ހޯދުމަށް އޮތް ބޮޑު ޕްރެޝަރުން މިހާރު ސަލާމަތްވެފައިވާ އިރު، އެޓީމުން މިހާރު މަސައްކަތް ކުރަމުންދަނީ އިތުރު "ބޯނަސް" ތަށްޓެއް ހޯދުމަށެވެ. މި ތަށި ލިބިއްޖެ ނަމަ، 2003-04 ވަނަ އަހަރު ބަލިނުވެ ލީގު ކާމިޔާބުކުރި އާސެން ވެންގާގެ ލެޖެންޑަރީ "އިންވިންސިބަލްސް" ޓީމަށް ވުރެ ވެސް އެމީހުންގެ ކާމިޔާބީ ބޮޑުވާނެއެވެ.
ބުޑަޕެސްޓްގައި އެމީހުންނާ ކުރިމަތިލާން ޖެހޭނީ ލުއިސް އެންރީކޭގެ މޮޅު ޕީއެސްޖީ ޓީމާއެވެ. އެއީ ހިތްގައިމު ކުޅުމާއި، ހުޝިޔާރުކަމާއި، ބުރަ މަސައްކަތުގެ ތަފާތު ފުރިހަމަ ޓީމެކެވެ.
މީގެ ކުރިން އާސެނަލް ކުޅުނު ހަމައެކަނި ޗެމްޕިއަންސް ލީގު ފައިނަލްގައި 2006ވަނަ އަހަރު ފްރޭންކް ރައިކާޑްގެ ބާސެލޯނާ އަތުން ބަލިވި ފަދައިން، މިފަހަރު ވެސް އާސެނަލް ނުކުންނާނީ މާ ބޮޑު ފޭވަރިޓެއްގެ ގޮތުގައެއް ނޫނެވެ.
ނަމަވެސް، އެންމެ ބޮޑެތި މުބާރާތްތަކުގައި ނަތީޖާ ނެރުމަށް އާސެނަލްއަށް އޮތް ގާބިލުކަމާ މެދު އެއްވެސް މީހަކު ޝައްކުކޮށްގެން ނުވާނެއެވެ.
ޑިފެންސިވް ވަރުގަދަކަމާއި ސެޓް ޕީސްތަކަށް އެޓީމުން ބަރޯސާވާތީ އެއީ އެންމެން ގަޔާވާ ގޮތް ކަމަށް ނުވެދާނެއެވެ. ނަމަވެސް ކުރީގެ މެނޭޖަރު ޖޯޖް ގްރަހަމްގެ ދުވަސްވަރު މަޝްހޫރުވި "1-0 ޓު ދަ އާސެނަލް"ގެ ލަވަ މިހާރު އަނެއްކާ ވެސް ކިޔަމުންދަނީ އާ ފަޚުރަކާއެކުގައެވެ.
ޕްރިމިއަރ ލީގުގައި އާސެނަލްއިން 19 މެޗުގައި ބައިކޮޅަށް ލަނޑެއް ނުވައްދައި ހިފަހައްޓާފައިވާއިރު، އޭގެ ތެރެއިން އަށް މެޗުން މޮޅުވީ އެ ނަތީޖާއިންނެވެ. އަދި ޗެމްޕިއަންސް ލީގުގައި ބަލިނުވެ ކުޅުނު 14 މެޗުގެ ތެރެއިން އެންމެ ގިނަ މެޗު (ނުވަ މެޗު)ގައި ބައިކޮޅަށް ލަނޑެއް ނުވައްދައި ހިފެހެއްޓިއެވެ. އެ މެޗުތަކުގައި ބައިކޮޅަށް ވަނީ އެންމެ ހަ ލަނޑެވެ.
ޑިފެންޑިންގ ޗެމްޕިއަން ޕީއެސްޖީން ރީތި ކުޅުމެއް ދައްކަމުންދާއިރު، އާސެނަލްއިން ވަނީ އެމީހުންގެ ކުޅުމަށް ފާޑުކިޔާ މީހުންނަށް މާ ބޮޑު ސަމާލުކަމެއް ނުދީއެވެ. އަދި ހޮނިހިރު ދުވަހުގެ މެޗުގައި ވެސް އެމީހުންގެ ވަރުގަދަ ފޯމިއުލާއަށް ބަދަލެއް ގެންނާކަށް ނޫޅެއެވެ.
"ފުރަތަމަ ލަނޑު ވެގެންދާނީ ވަރަށް މުހިންމު އެއްޗަކަށް،" ފައިނަލް މެޗާ ބެހޭގޮތުން ވާހަކަ ދައްކަމުން އާސެނަލްގެ ކުރީގެ މިޑްފީލްޑަރު ޕޯލް މާސަން ބުންޏެވެ.
"ޕީއެސްޖީ އަތުން 1-0އިން ފަހަތަށް ދާން ޖެހިދާނެތީ ޕީއެސްޖީން ކަންބޮޑުވާނެ. ސަބަބަކީ އެހެންވެއްޖެ ނަމަ މެޗު އަނބުރާލަން އުނދަގޫވާނެކަން އެމީހުންނަށް އެނގޭނެތީ -- ފުރަތަމަ ލަނޑު ބައިކޮޅަށް ވަދެދާނެތީ އެމީހުން ބިރުގަންނާނެ."
2006ވަނަ އަހަރު ބާސެލޯނާ އަތުން 2-1އިން އާސެނަލް ބަލިވިތާ ތިން އަހަރު ފަހުން އެޓީމު ވަނީ ސެމީ ފައިނަލާ ހަމައަށް ދަތުރުކޮށްފައެވެ.
އޭގެ ފަހުން، ޖެހިޖެހިގެން ހަތް ފަހަރު ގަދަ 16އިން ކަޓައި، އަދި ޖެހިގެން އައި ފަސް ސީޒަނުގައި މުބާރާތަށް ކޮލިފައި ވެސް ނުވެ، ޔޫރަޕްގެ ގަދަ ބާރުތަކުގެ ތެރޭގައި އެޓީމުގެ ނަން އެކަނި އޮތް ފަދަ އިހުސާސެއް ކުރެވުނެވެ.
2019ވަނަ އަހަރު އާޓެޓާ މެނޭޖަރެއްގެ ގޮތުގައި ކްލަބާ ގުޅުނު ނަމަވެސް، ޔޫރަޕްގެ އެންމެ ޝަރަފުވެރި ކްލަބް މުބާރާތުގައި އާސެނަލްގެ މަގާމު އަލުން ވަރުގަދަކުރަން ދުވަސްކޮޅެއް ނެގިއެވެ.
ނަމަވެސް އޭގެ ފަހުން އެޓީމުން ހޯދާފައިވާ ކުރިއެރުންތައް ވަރަށް ފާހަގަކޮށްލެވެއެވެ.
މީގެ ދެ އަހަރު ކުރިން ކުއާޓަރ ފައިނަލްގައި ބަޔާން މިއުނިކް އަތުން ހަނި ތަފާތަކުން ބަލިވިއިރު، މިދިޔަ ސީޒަނުގައި ސެމީ ފައިނަލަށް ދަތުރުކޮށް، ލުއިސް އެންރީކޭގެ ޕީއެސްޖީ އަތުން ދެ ލެގުގެ ވާދަވެރި ކުޅުމަކަށްފަހު ވަނީ ބަލިވެފައެވެ.
މީގެ އަހަރެއްހާ ދުވަސް ކުރިން ލިބުނު އެ ހިތްދަތި ބައްޔަށް ފަހު، އާޓެޓާ ބުނީ އެ ބަލީގެ ސަބަބުން ޔޫރަޕް ފަތަހަކުރުމަށް އޭނާގެ ޓީމުގެ ކެތްތެރިކަން އިތުރުވެގެންދާނެ ކަމަށެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.