ޔޫއެފާ ޗެމްޕިއަންސް ލީގުގައި މިރޭ އަމިއްލަ ދަނޑުގައި އާސެނަލާ ދެކޮޅަށް ނަޕޯލީ ނުކުންނައިރު، އެ ޓީމުގެ މެދުތެރޭގެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ ސްކޮޓް މެކްޓޮމިނޭއާއި އެންޑްރޭ ފްރެންކް ޒަމްބޯ އަންގީސާ އަށް ނުކުޅެވޭނެކަން ކަށަވަރުވުމުން ކޯޗު މެސިމިލިއާނޯ އެލެގްރީ އަށް ބޮޑު ގޮންޖެހުމަކާ ކުރިމަތިވެއްޖެއެވެ.
ރާއްޖޭ ގަޑިން މިރޭ ދަންވަރު 12:00ގައި ޑިއޭގޯ މެރަޑޯނާ ސްޓޭޑިއަމްގައި ކުޅޭ މި މެޗަކީ އެލެގްރީގެ އިރުޝާދުގެ ދަށުން ނަޕޯލީން ޗެމްޕިއަންސް ލީގުގައި ކުޅޭ ފުރަތަމަ މެޗެވެ.
ނަޕޯލީގެ މެދުތެރެއަށް ދިމާވި މި ފަޅުކަމުގެ ތެރެއިން، މެކްޓޮމިނޭ އިއްޔެ ވަނީ ހިތުގެ ހިނގުން އެއްވަރެއްގައި ނުހިފެހެއްޓޭ މައްސަލައެއް ކަމަށްވާ "މައިލްޑް ބެނައިން އެރިތްމިއާ"އަށް މެންޗެސްޓާގެ ހޮސްޕިޓަލެއްގައި ކާމިޔާބު އޮޕަރޭޝަނެއް ކޮށްފައެވެ. މެޑިކަލް އޮފިޝަލުންނާ ހަވާލާދީ އީއެސްޕީއެންއިން ބުނި ގޮތުގައި މީގެ ސަބަބުން އޭނާގެ އާންމު ސިއްހަތަށް ނުރައްކަލެއް ނެތްއިރު، ދެ ހަފުތާގެ ތެރޭގައި އޭނާ އަށް ތަމްރީނުތަކަށް އެނބުރި އާދެވޭނެއެވެ. އަނެއްކޮޅުން، އަންގީސާ މެޗުން ބާކީވީ އަނިޔާގެ މައްސަލައަކާ ގުޅިގެންނެވެ.
މި ދެ ކުޅުންތެރިން ނެތް ނަމަވެސް، ޓީމު ކުޅޭ 4-3-3ފޯމޭޝަނަށް ބަދަލެއް ނުގެންނާނެ ކަމަށް އެލެގްރީ ވަނީ ބުނެފައެވެ. އޭނާ ހާމަކުރި ގޮތުގައި މެދުތެރެއަށް ކުޅެން މިވަގުތު ތިބި ހަތަރު ކުޅުންތެރިންގެ ތެރެއިން ތިން ކުޅުންތެރިއަކު މިރޭގެ މެޗު ފަށާނެއެވެ. އެއީ ކެވިން ޑެ ބްރޭނާ، ބިލީ ގިލްމޯ، ސްޓެނިސްލާވް ލޮބޮޓްކާ އަދި އެންޓޯނިއޯ ވަގާރާގެ ތެރެއިން ތިން ކުޅުންތެރިންނެވެ.
"ޓެކްޓިކަލް ސިސްޓަމަކަށް އެއްވެސް ބަދަލެއް ނާންނާނެ. އަހަރެންގެ އަތުގައި ތިބީ މެދުތެރެއަށް ކުޅޭ ހަތަރު ކުޅުންތެރިން އެހެންކަމުން އޭގެ ތެރެއިން ތިން ކުޅުންތެރިން މާދަމާ (މިރޭ)މެޗުން ފަށާނެ"މެޗާ ގުޅޭ ގޮތުން އިއްޔެ ބޭއްވި ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި އަލެގްރީ ބުންޏެވެ.
މަޝްހޫރު އެންޓޯނިއޯގެ ކޯޗުކަމުގައި މިދިޔަ ސީޒަނުގެ ސެރީ އޭ ކާމިޔާބުކުރި ނަޕޯލީއަށް މި ސީޒަނުގެ ލީގުގައި އަދި އެދެވޭ ކުޅުމެއް ނުދެއްކެއެވެ. ފުރަތަމަ މެޗުގައި ޖެނޯއާ އަތުން މޮޅުވި ނަމަވެސް، ކޯމޯއާއި އިންޓަ މިލާން އަތުން ވަނީ ބަލިވެފައެވެ. އެހެންކަމުން، އެންމެ ފަހުގެ ރަނަރަފް އާސެނަލް ބަލިކޮށް އަލުން މޮޅުވުމުގެ މަގަށް އެނބުރި އައުމަކީ އެލެގްރީގެ ބޮޑު އަމާޒެކެވެ. ޔުވެންޓަސް ގޮވައިގެން 2015އާއި 2017ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލަށް ދަތުރުކުރި އެލެގްރީ ބުނީ، ކުރިއަށް އޮތް ބުރަށް ދިއުމަށް 12ޕޮއިންޓް ބޭނުންވާއިރު، މިރޭގެ މެޗުގައި ޓެކްނިކަލް ގޮތުން މޮޅު ކުޅުމެއް ދައްކައި، ބޯޅަ ނެތް ވަގުތުތަކުގައި ދިފާއީ ކުޅުން ވަރުގަދަކުރަން ޖެހޭނެ ކަމަށެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.