އިނގިރޭސި ޕްރިމިއާ ލީގުގައިބްރައިޓަން އަތުން 3-0އިން ބަލިވުމަކީ އެންމެ ފަހުގެ ޗެމްޕިއަން އާސެނަލަށް ލިބުނު ވަރަށް ބޮޑު ފިލާވަޅެއް ކަމަށް އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ބުނެފިއެވެ.
މި ސީޒަނުގެ ފުރަތަމަ ހަތަރު މެޗުން މޮޅުވެ ރަނގަޅު ފޯމެއްގައި އޮތް ނަމަވެސް، ރޭ ރަށުން ބޭރުގައި ކުޅުނު މެޗުގައި އާސެނަލަށް އެދެވޭ ކުޅުމެއް ދެއްކޭގޮތް ވަނީ ނުވެފައެވެ.
ރޭގެ މެޗުގައި ބްރައިޓަންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމުގެ ފުރަތަމަ ލަނޑު މެޗުގެ 31ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޖަރުމަނުގެ ޕަސްކަލް ގްރޮސްއެވެ. އަދި ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ކަރަލަމްޕޮސް ކޮސްޓޫލަސް އެ ޓީމުގެ ދެވަނަ ލަނޑު ޖަހައިދިންއިރު، ތިންވަނަ ލަނޑު 57ވަނަ މިނެޓުގައި ވައްދާލީ ޗެމާ އަންދްރެސްއެވެ. މި މޮޅާއެކު ބްރައިޓަން ވަނީ 10ޕޮއިންޓް ހަމަކޮށް ތާވަލުގެ ތިންވަނައަށް ޖެހިލާފައެވެ. އާސެނަލް 12ޕޮއިންޓާއެކު އޮތްއިރު، މިރޭ ސަންޑަލެންޑް އަތުން މޮޅުވެގެން 15ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނެގުމުގެ ފުރުސަތު މެންޗެސްޓާ ސިޓީއަށް އެބައޮތެވެ.
މެޗަށްފަހު ވާހަކަދައްކަމުން އާސެނަލްގެ ކޯޗު އާޓެޓާ ބުނީ، މެޗުގައި އޭނާގެ ޓީމަށް ވުރެ ބްރައިޓަން ފިޒިކަލީ މާ ވަރުގަދަ ކަމަށެވެ. އަދި އާސެނަލްގެ ފަރާތުން ގިނަ ގޯސްތަކެއް ފެނި، މެޗުގެ ކޮންޓްރޯލް ހޯދައިގެން އުފެއްދުންތެރި ކުޅުމެއް ނުދެއްކުނުކަން އޭނާ ފާހަގަކުރިއެވެ.
"އާދައިގެ ކަންކަން ވެސް ނުކުރެވި ދިޔައީ. މިއީ ބްރައިޓަން އަށް ހައްގު މޮޅެއް"އާޓެޓާ ބުންޏެވެ.
މި މެޗުން ބަލިވިޔަސް އާސެނަލް ސީޒަން ފެށީ ރަނގަޅަށްކަން ހަނދާންކުރަން ޖެހޭ ކަމަށާއި، މިއީ ކުރިއަށްދާން ލިބުނު ފިލާވަޅެއް ކަމަށް އާޓެޓާ ބުންޏެވެ. އޭނާ ބުނިގޮތުގައި ކުޅުންތެރިންނަށް މިހާރު އެނގޭނެ ޕްރިމިއާ ލީގުގައި ކޮންމެ މެޗަކުން މޮޅުވާން ވަރުގަދަ ކުޅުމެއް ދައްކަންޖެހޭނެއެވެ. އަދި އެއްވެސް މެޗެއް އާދައިގެ ގޮތަކަށް ނުނެގޭނެކަން ކުޅުންތެރިންނަށް އެނގޭނެ ކަމަށާއި، އެގޮތުން ބަލާއިރު މިއީ ވަރަށް ރަނގަޅު ފިލާވަޅެކެވެ.
ޕްރިމިއާ ލީގުގައި ރޭ ކުޅުނު އެހެން މެޗަކަށް ބަލާއިރު، އެސްޓަން ވިލާ އަތުން 3-2އިން ބަލިވެ ޓޮޓެންހަމް ހޮޓްސްޕާސް ވަނީ އިތުރު ހާސްކަމެއްގެ ތެރެއަށް ވެއްޓިފައެވެ. މިދިޔަ ސީޒަނުގައި ރެލިގޭޝަނުން ކިރިޔާ ސަލާމަތްވި ޓޮޓެންހަމް އިން މި ސީޒަނަށް ބޮޑު ހަރަދެއްކޮށް ޓީމު ވަރުގަދަކުރި ނަމަވެސް، އަދިވެސް އެދެވޭ އެއްވެސް ބަދަލެއް ނުފެނެއެވެ. ކުޅުނު ފުރަތަމަ ފަސް މެޗުގެ ތެރެއިން ތިން މެޗުން ބަލިވެ، ދެ މެޗުން އެއްވަރުވެގެން އެ ޓީމު މިހާރު އޮތީ ރެލިގޭޝަން ޒޯނުގައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.