ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ސަންޑަލޭންޑް ބަލިކޮށް އާސެނަލުން މޮޅުވުން ދަމަހައްޓައިފި

ޝެއާ ކުރޭ Facebook Telegram Viber X

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުން ބޭރުގައި ސަންޑަލޭންޑާ ދެކޮޅަށް ކުޅުނު މެޗު 2-0އިން ކާމިޔާބުކޮށް، މި ސީޒަނުގައި ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ، ޖުމްލަ 12ޕޮއިންޓާއެކު އާސެނަލުން އެ ޓީމުގެ މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފިއެވެ.

ފުރަތަމަ ހާފުގައި އާސެނަލަށް ލަނޑުޖަހާނެ މާގިނަ ފުރުޞަތުތަކެއް ތަނަވަސްކުރެވިފައި ނުވާއިރު، އިދިކޮޅު ސަންޑަލޭންޑުން ވަނީ އެ ހާފުގައި ވަރަށް ވަރުގަދަ ކުޅުމެއް ދައްކާފައެވެ. ނަމަވެސް މެޗުގެ އޮއިވަރު ބަދަލުވެގެން ދިޔައީ ދެވަނަ ހާފަށް ނުކުންނަމުން ކޯޗު މިކޭލް އާޓޭޓާ ގެނައި ބަދަލުތަކާއެކުގައެވެ. 

ބެން ވައިޓާއި ލެވިސް-ސްކެލީގެ ބަދަލުގައި ދެވަނަ ހާފު ފެށިގެން ކުޅެން ނުކުތް ޖޫރިއަން ޓިމްބަރ އަދި ބްރޫނޯ ގުމަރޭސްއާ އެކު އާސެނަލްގެ ކުޅުމަށް ބޮޑު ކުރިއެރުމެއް އައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 58ވަނަ މިނެޓުގައި ޑެކްލަން ރައިސް ތަނަވަސްކޮށްދިން ފުރުޞަތަކުން ގުމަރޭސް ވަނީ ލަނޑެއް ޖަހައި އާސެނަލަށް ކުރިހޯދައިދީފައެވެ. މިއީ އޭނާ އާސެނަލްއަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ކުޅުނު އިތުރު ވަގުތުގެ ތެރޭގައި އާސެނަލަށް ލީޑު ފުޅާކޮށްދިނީ ލިބުނު ޕެނަލްޓީއަކުން ބުކާޔޯ ސަކާއެވެ. މިއީ ޕެނަލްޓީ އޭރިއާ ތެރެއިން ސަންޑަލޭންޑްގެ ރެއިނިލްޑޯ މަންޑާވާ ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ. އެ ފައުލާ ގުޅިގެން މަންޑާވާއަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދައްކައި ރެފްރީ ވަނީ އޭނާ ދަނޑުން ފޮނުވާލާފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު