ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

"އާސެނަލްއާ އެއް ހަމައަކަށް ދާން އިންތިހާއަށް ހަރަދުކުރަން ޖެހޭނެ"

ޝެއާ ކުރޭ Facebook Telegram Viber X

އާސެނަލްއާ ވާދަކޮށް އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކުރަން ބޭނުން ނަމަ، މެންޗެސްޓާ ސިޓީން މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ބޮޑު ހަރަދެއް ކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމަށް ބުނެ އެ ކްލަބުގެ ކޯޗު އެންޒޯ މަރެސްކާ ޓީމުގެ ހޭދަތައް ދިފާއުކޮށްފިއެވެ.

މި ސީޒަނުގައި ޓީމު ވަރުގަދަކުރުމަށް ޓަކައި ސިޓީން ކުރި ހަރަދު މިހާރު ވަނީ 450މިލިއަން ޕައުންޑަށް ވުރެ މައްޗަށް އަރާފައެވެ.

ޓްރާންސްފާ ބާޒާރު ބަންދުވި ދުވަހު 125މިލިއަން ޕައުންޑުގެ ބޮޑު އަގަކަށް ސިޓީއާ ގުޅުނު އެންޒޯ ފެރްނާންޑޭޒް އާއި އިލިމަން އެންޑިއާޔޭ އަށް ސިޓީން ވަނީ އިއްޔެ ކޮވެންޓްރީ އަތުން 1-0އިން މޮޅުވި މެޗުގައި ކުޅުމުގެ ފުރުސަތު ދީފައެވެ. މި މެޗު ފެށިއިރު އެންޒޯ ބެންޗުގައި ބައިންދަން ނިންމާފައި އޮތް ނަމަވެސް، މެޗުގެ ކުރިން ވޯމްއަޕް ކުރަނިކޮށް ނިކޯ އޯރިލީއަށް ލިބުނު އަނިޔާއަކާ ގުޅިގެން އެންޒޯއަށް ފުރަތަމަ އެގާރައިން ޖާގަ ލިބުނެވެ. މީގެ އިތުރުން އާ ކުޅުންތެރިޔާ އެންޑިއާޔޭ ވެސް ފުރަތަމަ އެގާރައިގައި ކުޅުނުއިރު، އައްޔޫބް ބުއައްދީ ވަނީ ދެވަނަ ހާފުގައި ކުޅެން ނުކުމެފައެވެ.

މެޗަށްފަހު ވާހަކަދައްކަމުން ކޯޗު މަރެސްކާ ވަނީ އާސެނަލްގެ ސްކޮޑުގެ ފުންމިނަށް އަޅާކިޔައި ސިޓީގެ ހަރަދުތަކަކީ މުހިންމު ހަރަދުތަކެއްކަން ހާމަކޮށްފައެވެ. އޭނާ ފާހަގަކުރި ގޮތުގައި ކޮމިއުނިޓީ ޝީލްޑް މެޗަށް ފަހު އާސެނަލް ކުޅުނު ދެ މެޗުގައި ވެސް އެ ޓީމުން ވަނީ ކޮންމެ މެޗެއްގައި ފަސް ބަދަލު ގެނެސްފައެވެ. މަރެސްކާ ބުންޏެވެ.

"ވޯލްޑް ކަޕް ކާމިޔާބުކުރި ދެ ކުޅުންތެރިން ކަމަށްވާ މެރީނޯއާއި ޒުބިމެންޑީ. އިނގިރޭސި ގައުމީ ޓީމުގެ ދެ ކުޅުންތެރިން ކަމަށްވާ އެޒޭއާއި މާޑުއެކޭ، އަދި އަނެއް ކުޅުންތެރިޔާއަކީ ހިންކާޕީ. އެންމެ ފަހު ވަގުތާ ހަމައަށް ވާދަކުރަން ބޭނުން ނަމަ ބެންޗުގައި ވަރުގަދަ ކުޅުންތެރިންތަކެއް ތިބެންޖެހޭނެ. އާސެނަލްގެ އެ އިހްތިޔާރު އެބައޮތް. އަހަރެމެންގެ ވެސް އެބައޮތް"

ކޮވެންޓްރީއާ ދެކޮޅަށް ކުޅުނު މެޗުގައި އެންމެ ފާހަގަކޮށްލެވޭ މޮޅު ކުޅުމެއް ދެއްކީ މިފަހަރު ސިޓީއާ ގުޅުނު އެލިއޮޓް އެންޑަސަންއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އެންޑަސަން ވަނީ ކޮވެންޓްރީގެ މުޅި ޓީމުން މެޗުގައި ކުރި ޕާސްތަކަށް ވުރެ ގިނައިން އެކަނި ޕާސްކޮށްފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު