ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ރެލިގޭޓްވިޔަސް ސިޓީގެ ކުޅުންތެރިންނަށް ގައުމީ ޓީމުން ޖާގަ ލިބޭނެ: ޓުޗެލް

ޝެއާ ކުރޭ Facebook Telegram Viber X

އިނގިރޭސި ޕްރިމިއާ ލީގުގެ މާލީ ގަވާއިދުތަކާ ހިލާފުވެގެން މެންޗެސްޓާ ސިޓީ ފުރަތަމަ ޑިވިޝަނުން ރެލިގޭޓް ކުރި ނަމަވެސް، އެ ކްލަބަށް ކުޅޭ ކުޅުންތެރިން އިނގިރޭސި ގައުމީ ޓީމަށް ހޮވުމުގެ ފުރުސަތު އެބައޮތް ކަމަށް ގައުމީ ކޯޗު ތޯމަސް ޓްޗެލް ހާމަކޮށްފިއެވެ.

ޕްރިމިއާ ލީގުގެ މާލީ ގަވާއިދުތަކާ ހިލާފުވި 115މައްސަލައެއް ސިޓީގެ މައްޗަށް މިދިޔަ ހަފުތާގައި ސާބިތުވެފައިވާއިރު، އެ ކްލަބުން މިހާރު ވަނީ އެ ނިންމުން އިސްތިއުނާފު ކޮށްފައެވެ.

މި މައްސަލައިގައި ސިޓީއާ ދެކޮޅަށް އަޅާފާނެ ފިޔަވަޅުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުމާއި، ކުޅުންތެރިން ގަތުން މަނާކުރުމުގެ އިތުރުން، ލީގުން ވަކިކުރުން ނުވަތަ ރެލިގޭޓްވާ ވަރަށް ޕޮއިންޓް އުނިކުރުން ހިމެނެއެވެ. ދެވަނަ ޑިވިޝަން ނުވަތަ ޗެމްޕިއަންޝިޕްގައި ކުޅޭ ކުޅުންތެރިން ގައުމީ ޓީމަށް ނެގުމާ ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބު ދެމުން، ޖަރުމަނުގެ ގައުމީ ޓީމަށް ކުރިން ކޯޗުކޮށްދިން ޓްޗެލް ބުނީ އެ ފަދަ ފުރުސަތެއް ބަންދުނުކުރާނެ ކަމަށެވެ.

މިކަމާ ގުޅޭގޮތުން ޓްޗެލް ބުނީ ކޮންމެ މެޗަކަށް ނުވަތަ މުބާރާތަކަށް ވެސް އޭނާ އަބަދުވެސް މަސައްކަތް ކުރާނީ އެންމެ ރަނގަޅު ޓީމު އެކުލަވާލަން ކަމަށެވެ.

"އެ ފަދަ ފުރުސަތެއް އަބަދުވެސް އޮންނާނެ. ގައުމުގެ އެންމެ މަތީ ޑިވިޝަނުގައި ނުކުޅޭ ކުޅުންތެރިން ނުނަގާނެ ކަމަކަށް އަހަރެން ނުބުނާނަން. އެހެންވީމާ މިފަދަ ކަންކަމުގައި ބަލަންޖެހޭނީ ވަކިވަކި ހާލަތްތަކަށް"ޓްޗެލް ބުންޏެވެ.

މިނިވަން ކޮމިޝަނުން ބެލި މައްސަލައިގައިވާ ގޮތުން، ސިޓީން ވަނީ "ސައްހަ ނޫން"ކޮންޓްރެކްޓްތައް މެދުވެރިކޮށް 900މިލިއަން ޕައުންޑަށް ވުރެ ގިނަ ފައިސާ އާމްދަނީގެ ގޮތުގައި ހޯދާފައިވާ ކަމަށް މާލީ ހިސާބުތަކުގައި ދައްކާފައެވެ. މި މައްސަލައާ އެކު ފުޓްބޯޅަ ދުނިޔޭގައި ބޮޑު ބަހުސެއް އުފެދިފައިވާއިރު، އިނގިރޭސި ސްކޮޑުގެ ތެރޭގައި ވެސް މިކަމާ މެދު މަޝްވަރާ ކުރެވެމުންދާ ކަމަށް ޓްޗެލް ވަނީ އެއްބަސްވެފައެވެ.

މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް ބްރޭކުގައި ކުޅޭ މެޗުތަކަށް ނެގި އިނގިރޭސި ސްކޮޑުގައި ވެސް ސިޓީއަށް ނިސްބަތްވާ ތިން ކުޅުންތެރިން ކަމަށްވާ އެލިއޮޓް އެންޑަސަންއާއި މާކް ގުއޭހީގެ އިތުރުން ނިކޯ އޯރެއިލީ ހިމެނެއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު