އިނގިރޭސި ޕްރިމިއާ ލީގުގައި އިއްޔެ ކޮވެންޓްރީ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުން މެންޗެސްޓާ ސިޓީ 1-0އިން މޮޅުވި މެޗުގައި، އެ ޓީމުގެ ނޯވޭ ފޯވާޑް އާލިން ހާލަންޑް ވަނީ އޭނާގެ ކްލަބް ކެރިއަރުގެ 300ވަނަ ލަނޑު ހަމަކޮށްފައެވެ.
މި މޮޅާއެކު ސިޓީން ވަނީ ލީގުގެ އެއްވަނައިގައި ސަތޭކަ އިންސައްތައިގެ ރެކޯޑެއް ދަމަހައްޓައިފައެވެ.
ހާލަންޑް ކްލަބް ފުޓްބޯޅައިގައި 300ލަނޑު ހަމަކުރީ އެންމެ 384މެޗުންނެވެ. މިއީ ފްރާންސްގެ ކީލިއަން އެމްބާޕޭ އާއި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯއަށް ވުރެ މާ އަވަސް މިނެކެވެ. އެމްބާޕޭ 300ލަނޑު ހަމަކުރީ 398މެޗުން ކަމަށްވާއިރު، ރޮނާލްޑޯ އެ އަދަދަށް ލަނޑު ޖެހީ 499މެޗުންނެވެ. ނަމަވެސް، އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ 300ލަނޑު ހަމަކުރި ރެކޯޑަށް ވުރެ ހާލަންޑްގެ މި ރެކޯޑް ލަހެވެ. މެސީ އެ އަދަދު ހަމަކުރީ 365މެޗުންނެވެ. ހާލަންޑް މިހާތަނަށް ކުޅެފައިވަނީ ނޯވޭގެ މޯލްޑޭ، ރެޑްބުލް ސަލްޒްބާގް، ބޮރޫޝިއާ ޑޯޓްމުންޑް އަދި މެންޗެސްޓާ ސިޓީ އަށެވެ.
މެޗަށް ފަހު ވާހަކަދައްކަމުން ހާލަންޑް ބުންޏެވެ.
"އަހަރެން މެޗު ނިންމާލަން އިތުރު ލަނޑުތަކެއް ޖަހަންޖެހޭ، ނަމަވެސް އެކަން ނުކުރެވުމުން ޓީމަށް އުނދަގޫވެ، މެޗުގެ ނިޔަލަށް ކޮވެންޓްރީއަށް ފުރުސަތު އޮތީ"ހާލަންޑް ބުންޏެވެ. "ޕްރިމިއާ ލީގުގައި ފުރުސަތުތަކުގެ ބޭނުން ނުހިފިއްޖެނަމަ ކަންކަން ވާނީ އުނދަގުލަށް"
ޕެޕް ގާޑިއޯލާގެ 10އަހަރުގެ ދައުރަށް ފަހު ސިޓީއާ ހަވާލުވި ކޯޗު އެންޒޯ މަރެސްކާ ބުނީ މިއީ ވަރަށް މުހިންމު މޮޅެއް ކަމަށާއި، އޭނާއަށް މަޑުމަޑުން ޓީމު ދަސްވަމުން އަންނަ ކަމަށެވެ. މަރެސްކާ ބުނި ގޮތުގައި ފުރަތަމަ ދެ މެޗާ އަޅާބަލާއިރު މިއީ ތަފާތު މެޗެކެވެ. އަދި ދުވަހުން ދުވަހަށް ކުޅުންތެރިން ދަސްވަމުންދާތީ އުފާވާ ކަމަށާއި، މީގެ މާނައަކީ ކުރިއަށް ވުރެ ޓީމު ވަރުގަދަވުން ކަމަށް އޭނާ ފާހަގަކުރިއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.