ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ކޮވެންޓްރީ ބަލިކޮށް ހަލް ސިޓީއަށް ލީގުގެ ދެވަނަ މޮޅު

ޝެއާ ކުރޭ Facebook Telegram Viber X

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކޮވެންޓްރީ ސިޓީގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި 1-0ގެ ނަތީޖާއަކުން އެ ޓީމު ބަލިކުރުމަށް ފަހު، އަލަށް ޕްރޮމޯޓުވި ހަލް ސިޓީން ލީގުގައި ވިދިވިދިގެން ދެވަނަ ކާމިޔާބީ ހާސިލުކޮށްފިއެވެ. 

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ކުޑަތަންވެފައި ވަނިކޮށް ފެނިގެންދިޔަ މި މެޗުގެ ހަމައެކަނި ލަނޑު، ކުޅުން ނިމެން އަށް މިނެޓަށް ވެފައި ވަނިކޮށް ހަލް ސިޓީއަށް ކާމިޔާބުކޮށްދިނީ ލިއާމް މިލާއެވެ. މި ސީޒަނުގައި އެންމެ މަތީ ޑިވިޝަނަށް ޕްރޮމޯޓުވި ހަލްއިން ވަނީ، ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި މެންޗެސްޓަރ ޔުނައިޓެޑް ވެސް ބަލިކޮށް، ފުޓުބޯޅަ ސަޕޯޓަރުން ހައިރާންކޮށްލާފައެވެ.

31000އަށް ވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ފްރޭންކް ލަމްޕާޑްގެ ކޯޗުކަމުގެ ދަށުން ނުކުތް ކޮވެންޓްރީއަށް ނަތީޖާ ނެރެވިފައި ނުވި ނަމަވެސް، މެޗުގެ ކޮންޓްރޯލް ނަގައިގެން ގިނަ ހަމަލާތަކެއް އުފައްދާފައި ވަނީ އެ ޓީމުންނެވެ. ޚާއްސަކޮށް އެ ޓީމާ އަލަށް ގުޅުނު ޓައިވޯ އަވޮނިޔީ ފުރަތަމަ ހާފުގައި ފޮނުވާލި ނުރައްކާތެރި ހަމަލާ ފާހަގަކޮށްލެވޭއިރު، ހަލް ސިޓީގެ ގޯލްކީޕަރު ކޮންސްޓަންޓިނޮސް ޒޮލަކިސް ވަނީ އެ ހަމަލާގެ އިތުރުންވެސް ގިނަ ސޭވްތަކެއްކޮށް ޓީމު ސަލާމަތްކޮށްދީފައެވެ. ކޮވެންޓްރީއަކީ ވެސް މި ފަހަރު ޕްރިމިއާ ލީގަށް އަލަށް ޕްރޮމޯޓުވި ކްލަބެކެވެ.

މީގެ އިތުރުން، ރޭ ޕްރިމިއާ ލީގުގައި ބޯންމަތުގެ ވައިޓަލިޓީ ސްޓޭޑިއަމްގައި އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 1-1އިން ދެ ޓީމު އެއްވަރުވެގެންނެވެ. ފުރަތަމަ ހާފުގެ 41ވަނަ މިނެޓުގައި އެލެކްސް ސްކޮޓްގެ ލަނޑުން ބޯންމަތު ލީޑު ނަގާފައި ވަނިކޮށް، އެވަޓަންއަށް ނަތީޖާ ހަމަހަމަކޮށްދިނީ މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި ޖޭމްސް ޓާކޯސްކީއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު