ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)ދޫކޮށް، އެމެރިކާގެ ލީގަށް ބަދަލުވި އެތްލެޓިކޯ މެޑްރިޑްގެ ތަޖުރިބާކާރު ފޯވާޑް އެންޓޮއިން ގްރިއެޒްމަންގެ މަގާމު ފުރުމަށް ޓަކައި، ދެކުނު ކޮރެއާގެ ހުނަރުވެރި ކުޅުންތެރިޔާ ލީ ކަންގް އިން ސްޕެއިންގެ އެތްލެޓިކޯއަށް ސޮއިކޮށްފިއެވެ.
ސްޕެއިންގެ ވެރިރަށް މެޑްރިޑަށް ނިސްބަތްވާ ކްލަބާ އެކު އުމުރުން 25އަހަރުގެ ކުޅުންތެރިޔާ އެއްބަސްވުން ހަދާފައިވަނީ 2031ވަނަ އަހަރުގެ ނިޔަލަށެވެ. މި ޓްރާންސްފާގެ ރަސްމީ އަގު ދެ ކްލަބުން ހާމަކޮށްފައި ނުވި ނަމަވެސް، ސްޕެއިންގެ ނޫސްތަކުން ލަފާކުރާ ގޮތުގައި މި މުއާމަލާތަށް 35މިލިއަނާއި 40މިލިއަން ޔޫރޯއާ ދެމެދުގެ އަދަދެއް ޚަރަދުވާނެއެވެ.
ފާއިތުވި ދެ ސީޒަނުގައި ޕީއެސްޖީއިން ޔޫއެފާ ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލުމުގައި މުހިންމު ދައުރެއް އަދާކުރި ލީ، އެ ކްލަބާ ގުޅުނީ 2023ވަނަ އަހަރުއެވެ. ފްރާންސްގެ ކްލަބާއެކު އޭނާ ވަނީ ޖުމްލަ 124މެޗު ކުޅެ، 16ލަނޑު ކާމިޔާބުކޮށްދީފައެވެ.
އެންމެ ފަހުން ބޭއްވި ފީފާ ވޯލްޑް ކަޕްގައި ދެކުނު ކޮރެއާ ކުޅުނު ތިން މެޗުގައި ވެސް ލީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، އެ ގައުމަށް މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރެއް ނުކުރެވުނެވެ. މީގެ ކުރިން ވެސް ސްޕެއިންގެ ފުޓުބޯޅައިގެ ތަޖުރިބާ ހުރި ލީ، އެންމެ ފުރަތަމަ ފެނިގެންދިޔައީ އުމުރުން އެންމެ 10އަހަރުގައި ވެލެންސިއާގެ ޔޫތު އެކެޑަމީންނެވެ. އޭގެ ފަހުން އޭނާ ވަނީ ސްޕެއިންގެ ސެވިއްޔާއަށް ވެސް ކުޅެފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.