ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން ކުރިއަށްގެންދާ ވީއޭއެމް ކަޕް 2026ގެ އަންހެން ޑިވިޝަނުގައި ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި ކުޅުނު މެޗުގައި، ރާއްޖެ ވޮލީ ކުލަބު ބަލިކޮށް، ކުލަބު އެމްޓީސީސީން މުބާރާތުގެ ފުރަތަމަ މޮޅު ރަހަ ދެކެފިއެވެ.
ޕޫލް ބީގައި ހިމެނޭ މި ދެ ޓީމު ބައްދަލުކުރި މި މެޗު އެމްޓީސީސީން ކާމިޔާބުކޮށްފައިވަނީ ވަރަށް ފަސޭހަކަމާއެކު ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް އެ ޓީމުން ގެންދިޔައީ 25-08، 25-11އަދި 25-18އިންނެވެ. މިއާއެކު އެމްޓީސީސީއަށް މިވަނީ ތިން ޕޮއިންޓް ލިބިފައެވެ.
މުބާރާތުގައި އެމްޓީސީސީ ކުޅުނު ފުރަތަމަ މެޗުން އެ ޓީމު ވަނީ އެންމެ ފަހުގެ ޗެމްޕިއަން ކުލަބު ވެމްކޯ އަތުން ތިން ސެޓުން ބަލިވެފައެވެ. އަނެއްކޮޅުން މިއީ ރާއްޖެ ވޮލީ ކުލަބަށް މުބާރާތުގައި ކުރިމަތިވި ދެވަނަ ނާކާމިޔާބީއެވެ. އެ ޓީމުގެ ފުރަތަމަ މެޗުގައި ޖީޖީ ސްޕޯޓްސް އެކަޑަމީ އަތުންވެސް ވަނީ ސީދާ ތިން ސެޓުން ބަލިވެފައެވެ.
އަންނަ ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ޖުމްލަ އަށް ޓީމު ވާދަކުރާއިރު، ޓީމުތައް ވަނީ ދެ ގުރޫޕަކަށް ބަހާލެވިފައެވެ. ގުރޫޕް އޭގައި ހިމެނެނީ ޕޮލިސް ކުލަބާއި، ހުރާ ކޮމިއުނިޓީ ކުލަބާއި، ސިޓީ ފްރެންޑްސް ކުލަބުގެ އިތުރުން ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަނެވެ. ގުރޫޕް ބީގައި ވެމްކޯ، އެމްޓީސީސީ، ރާއްޖެ ވޮލީ ކުލަބު އަދި ޖީޖީ ސްޕޯޓްސް ހިމެނޭއިރު، ވެމްކޯ، ޖީޖީ އަދި އެމްޓީސީސީއަށް ވަނީ ތިން ޕޮއިންޓް ލިބިފައެވެ.
މުބާރާތުގެ އަންހެން ޑިވިޝަނުގެ ހުރިހާ މެޗެއް ސަން ޕްލޭ އެޕްލިކޭޝަން މެދުވެރިކޮށް 25ރުފިޔާއަށް ބަލައިލެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން، ސޯޝަލް ސެންޓަރަށް ގޮސް މެޗު ބަލަން ބޭނުންވާ ފަރާތްތަކަށް، މެޗު ފެށުމުގެ އެއް ގަޑިއިރު ކުރިން 30ރުފިޔާއަށް ޓިކެޓު ގަންނަން ލިބޭނެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.