ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން އިންތިޒާމުކޮށްގެން ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިއަށްގެންދާ "ވީއޭއެމް ކަޕް 2026"ގެ އަންހެން ޑިވިޝަންގެ ފުރަތަމަ ދެ މެޗުން ހުރާ ކޮމިއުނިޓީ ކުލަބު އަދި ސިޓީ ފްރެންޑްސް ކުލަބު މޮޅުވެއްޖެއެވެ.
އިއްޔެ ހަވީރު ކުޅެވުނު މުބާރާތުގެ ފުރަތަމަ މެޗުގައި ސިޓީ ފްރެންޑްސްއިން ވަނީ ސީދާ ތިން ސެޓުން ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން ބަލިކޮށްފައެވެ. މި މެޗުގެ ސެޓުތައް ސިޓީ ފްރެންޑްސްއިން ކާމިޔާބުކުރީ 25-21، 25-22އަދި 25-21އިންނެވެ. މީގެ އިތުރުން ރޭ ކުޅުނު ފޯރިގަދަ މެޗުގައި ޕޮލިސް ކުލަބުގެ މައްޗަށް ހުރާއިން ކުރިހޯދީ 3-1ސެޓުންނެވެ. ފުރަތަމަ ދެ ސެޓު 25-14އަދި 25-23އިން ހުރާއިން ކާމިޔާބުކޮށްފައި ވަނިކޮށް، ޕޮލިހުން ވަނީ ކުޅުން ރަނގަޅުކޮށް ތިންވަނަ ސެޓު 29-27އިން ގެންގޮސްފައެވެ. ނަމަވެސް ހަތަރުވަނަ ސެޓު 25-23އިން ކާމިޔާބުކޮށް ހުރާއިން ވަނީ މެޗުގެ ތިން ޕޮއިންޓް ކަށަވަރުކޮށްފައެވެ.
ދެ ގުރޫޕަކަށް ބަހާލައިގެން ޖުމްލަ އަށް ޓީމު ވާދަކުރާ މި މުބާރާތުގެ ޕޫލް އޭގައި ހިމެނެނީ ހުރާ، ޕޮލިސް، ސިޓީ ފްރެންޑްސް އަދި ޔޫތު ނިއު ޖެނެރޭޝަނެވެ. ޕޫލް ބީގައި ވާދަކުރަނީ އެންމެ ފަހުގެ ތަށި އުފުލާލި ވެމްކޯގެ އިތުރުން ކުލަބު އެމްޓީސީސީ، ރާއްޖެ ވޮލީބޯލް ކުލަބު އަދި ގުޑް ގޭމްސް ސްޕޯޓްސް އެކެޑަމީއެވެ. މުބާރާތުގެ ގަވާއިދު އޮންނަ ގޮތުން ސެމީ ފައިނަލަށް ޕްރޮމޯޓްވާނީ ކޮންމެ ގުރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.
އަންނަ ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ދެމިގެންދާ މި މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ކުޅުމަށް ތާވަލުކޮށްފައި ވަނީ ސެޕްޓެމްބަރު ހަވަނަ ދުވަހުއެވެ. އަދި ފައިނަލް މެޗާއި ތިންވަނަ ހޮވާ މެޗު ކުޅޭނީ އޭގެ އަނެއް ދުވަހުއެވެ.
ސަން ޕްލޭ މެދުވެރިކޮށް ވަގުތުން ދައްކާ މި މުބާރާތުގެ މެޗުތައް ބެލުމަށް ވިއްކާ އޮންލައިން ޓިކެޓެއްގެ އަގަކީ 25ރުފިޔާއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.