އުޒްބަކިސްތާނުގެ ސަމަރކަންޑުގައި މި މަހުގެ 15އިން 28އަށް ބާއްވާ 46ވަނަ ފިޑޭ ޗެސް އޮލިމްޕިއާޑްގައި ދިވެހިރާއްޖެ ތަމްސީލުކުރުމަށް ޓަކައި ޖުމްލަ 10ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ޤައުމީ ޓީމެއް އެކުލަވާލައި މުބާރާތަށް ފުރަން ތައްޔާރުވެއްޖެއެވެ.
ދުނިޔޭގެ ފެންވަރުގައި ބޭއްވޭ ރާޒުވާގެ އެންމެ ޝަރަފުވެރި މި މުބާރާތުގައި ވާދަކުރާ ދިވެހި ސްކޮޑުގައި ހިމެނެނީ ފިރިހެން ފަސް ކުޅުންތެރިންނާއި އަންހެން ފަސް ކުޅުންތެރިންނެވެ. މިއީ ދާދިފަހުން ބޭއްވުނު ޤައުމީ ރާޒުވާ މުބާރާތުގައި ވާދަކޮށް، ރޭންކިންގގެ ގަދަ ފަސްވަނައިގައި ހިމެނިގެން ޤައުމީ ޓީމުން ޖާގަ ކަށަވަރުކުރި، ރާއްޖޭގައި މިވަގުތު ތިބި އެންމެ ހުނަރުވެރި ކުޅުންތެރިންނެވެ.
މި މުބާރާތުގައި ވާދަކުރާ ފިރިހެން ޓީމުގައި ހިމެނެނީ މުޙައްމަދު ޝުޢާއު، މުޙައްމަދު ޙަސަން، ޢަބްދުއްރަޙްމާން ޢަލީ، މުޙައްމަދު ރާކިން ފަޔާޒްގެ އިތުރުން އަޙްމަދު އަބޫބަކުރެވެ. ހަމައެހެންމެ، އަންހެން ޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ ނިހާޔާ އަޙްމަދު، އީނާ ޢަބްދުﷲ ޙަސަން، މަރްޔަމް ލައިސާ ޢަބްދުއްރަޝީދު، ޢާއިޝަތު އަލްޔާ މުޙައްމަދު ޝަރީފް އަދި ޢާއިޝަތު ނޯޔާ ޝަހުރުއްދީން އަފީފެވެ.
މުޅި ދުނިޔެއިން 1800އަށްވުރެ ގިނަ އެތުލީޓުންނާއެކު އުޒްބަކިސްތާނުގެ ސިލްކް ރޯޑް ސަމަރކަންޑް ކޮމްޕްލެކްސްގައި ކުރިއަށްދާ މި ބޮޑު މުބާރާތަށް ދިވެހި ޓީމު ފަރިތަކުރުންތައް ކުރިއަށް ގެންދިޔައީ ބޭރުގެ ތަޖުރިބާކާރު ކޯޗެއްގެ ބެލުމުގެ ދަށުންނެވެ. މި މުބާރާތުގައި ވާދަކުރުމަށް ޓަކައި ދިވެހި ޓީމު އުޒްބަކިސްތާނަށް ފުރުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 13ވަނަ ދުވަހުއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.