އުޒްބަކިސްތާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ 46ވަނަ ފިޑޭ ޗެސް އޮލިމްޕިއާޑްގައި ރާއްޖެ ތަމްސީލުކުރުމަށްޓަކައި، ހ. ބޯޅަގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، މި މަހުގެ 13ވަނަ ދުވަހު ފުރަން ތައްޔާރުވަމުންދާ ޤައުމީ ރާޒުވާ ޓީމުގެ ކުޅުންތެރިންނާ މިއަދު ޖާޒީ ހަވާލުކޮށްފިއެވެ.
މި މަހުގެ 15އިން 28އަށް ސަމަރކަންޑުގައި ކުރިއަށްދާ މި މުބާރާތުގައި ވާދަކުރާ ރާއްޖޭގެ އެންމެ މޮޅު 10ކުޅުންތެރިންނަށް ޖާޒީ ދެއްވީ ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަހްމަދު މުހައްމަދު ވަހީދުއެވެ. ފަސް ފިރިހެން އަދި ފަސް އަންހެން ކުޅުންތެރިން ހިމެނޭ މި ސްކޮޑަކީ މިވަގުތު ޤައުމީ ރޭންކިންގގެ އެންމެ ކުރީގައި އުޅޭ އެތުލީޓުންނެވެ.
ކްރޮއޭޝިއާގެ ތަޖުރިބާކާރު ކޯޗެއްގެ އިރުޝާދުގެ ދަށުން ފަރިތަކުރަމުންދާ ދިވެހި ޓީމުގައި ހިމެނޭ ފިރިހެން ކުޅުންތެރިންނަކީ މުހައްމަދު ޝުޢާއު، މުހައްމަދު ހަސަން، އަބްދުއްރަހްމާން އަލީ، މުހައްމަދު ރާކިން ފަޔާޒް އަދި އަހްމަދު އަބޫބަކުރުއެވެ. އަންހެން ކުޅުންތެރިންނަކީ ނިހާޔާ އަހްމަދު، އީނާ އަބްދުﷲ ހަސަން، މަރްޔަމް ލައިސާ އަބްދުއްރަޝީދް، އައިޝަތު އަލްޔާ މުހައްމަދު ޝަރީފްގެ އިތުރުން އައިޝަތު ނޯޔާ ޝަހުރުއްދީން އަފީފްއެވެ.
މި ރަސްމިއްޔާތުގައި ޓީމާ މުހާތަބުކުރައްވައި ސްޓޭޓް މިނިސްޓަރ އަހްމަދު ވަނީ، ޗެސް އެސޯސިއޭޝަނުގެ ހިންގުން ވަގުތީގޮތުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)އާ ހަވާލުކޮށްފައި އޮތް ނަމަވެސް، ކުޅުންތެރިންނަށް ބޭނުންވާ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ކުޅިވަރާ ބެހޭ ވުޒާރާއާއި އެމްއޯސީ ގުޅިގެން ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަން އަރުވާފައެވެ. އަދި އެސޯސިއޭޝަނުގެ މިހާރުގެ ހާލަތުގެ ސަބަބުން ކުޅުންތެރިންގެ ކުރިއެރުމަށް އެއްވެސް އުނިކަމެއް ނާންނާނެކަމަށް އޭނާ ވިދާޅުވިއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން 1800އަށް ވުރެ ގިނަ ކުޅުންތެރިން ވާދަކުރާ މި ބޮޑު މުބާރާތުގައި ރާއްޖެ ތަމްސީލުކުރާއިރު، ދިވެހިވަންތަ ރީތި އަހުލާގާއި އިސްލާމީ އުސޫލުތައް ހިފެހެއްޓުމަށް ސްޓޭޓް މިނިސްޓަރ ނަސޭހަތްތެރިވެވަޑައިގަތެވެ. އުޒްބަކިސްތާނުގެ ސިލްކް ރޯޑް ސަމަރކަންޑް ކޮމްޕްލެކްސްގައި ކުޅުން ކުރިއަށްދާ މި މުބާރާތުގައި، ފަހު ވަގުތާ ޖެހެންދެން ހިތްވަރުކޮށް ޤައުމަށް ރީތި ނަމެއް ހޯދައިދިނުމަށް މަސައްކަތްކުރާނެކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް އެނާ ފާހަގަކުރެއްވިއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.