ދުނިޔޭގެ ތަށީގެ މުބާރާތުގެ ގަދަ ސޯޅައަށް މިސްރުގެ ޤައުމީ ފުޓުބޯޅަ ޓީމު ގެންގޮސްދިން ތަޖުރިބާކާރު ކޯޗު ހޮސާމް ހަސަންގެ އެއްބަސްވުމުގެ މުއްދަތު، 2030ވަނަ އަހަރާ ހަމައަށް އެ ގައުމުގެ ފުޓުބޯޅަ އިދާރާއިން އިތުރުކޮށްފިއެވެ.
މިސްރުގެ ފުޓުބޯޅަ ތާރީޚުގައި ވޯލްޑް ކަޕްގެ މެޗަކުން ފުރަތަމަ ފަހަރަށް މޮޅެއް ހޯދައިދިނުމުގެ ޝަރަފު ހޮސާމް ހަސަން ވަނީ ހޯދާފައެވެ. އެންމެ ފަހުން ބޭއްވި ދުނިޔޭގެ ތަށީގެ މުބާރާތުގައި ނިއުޒީލެންޑްގެ މައްޗަށް ކުރިހޯދައި، އެ ޓީމުން ވަނީ މުބާރާތުގެ ދެވަނަ ބުރުން ޖާގަ ކަށަވަރުކޮށްފައެވެ. ނަމަވެސް، މިސްރު މުބާރާތުން އަލްވަދާޢު ކިޔަން ޖެހުނީ، ދެވަނަ ބުރުގައި މުބާރާތުގެ ޗެމްޕިއަން އާޖެންޓީނާއާ ވާދަކޮށް ބަލިވުމުންނެވެ. އެ މެޗުގައި މިސްރުން ކާމިޔާބުކުރި ދެ ލަނޑެއް ރެފްރީ ބަލައިގެންފައި ނުވާއިރު، މެޗަށްފަހު ހޮސާމް ހަސަން ވަނީ ފީފާއިން ލިއޮނެލް މެސީ ފައިނަލަށް ގެންދިއުމަށް މަސައްކަތްކުރާ ކަމަށް ބުނެ އެ އިދާރާއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
ފާއިތުވި 2024ވަނަ އަހަރު މިސްރުގެ ކޯޗުކަމާ ހަވާލުވި ހޮސާމް ހަސަން ވަނީ، 2025ވަނަ އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ސެމީ ފައިނަލަށް ވެސް އެ ޓީމު ގެންގޮސްދީފައެވެ. އޭނާގެ އެއްބަސްވުން މިހާރު އާކޮށްފައިވާއިރު، މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އޭނާ މަސައްކަތް ކުރަމުން ދިޔައީ އެއްވެސް ކޮންޓްރެކްޓެއް ނެތިކަމަށް، މިދިޔަ ޖޫން މަހު ހޮސާމް ހަސަން ވަނީ ހާމަކޮށްފައެވެ.
މިސްރުގެ ޤައުމީ ޓީމަށް ދެން އެންމެ އަވަހަށް އޮތީ އެފްރިކަން ކަޕްގެ ކޮލިފައިންގައި ކުޅެންޖެހޭ މުހިންމު ދެ މެޗެކެވެ. އެގޮތުން، މި ހިނގާ މަހުގެ 25އަދި 29ވަނަ ދުވަހު އެންގޯލާ އަދި ސައުތު ސޫދާނާ ދެކޮޅަށް އެ ގައުމުން ނުކުންނާނެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.