ތުރުކީގެ ޓްރެބްޒޮންސްޕޯއަށް ދާދިފަހުން ބަދަލުވި މިސްރުގެ މަޝްހޫރު ފުޓްބޯޅަ ތަރި މުހައްމަދު ސަލާހު ދިރިއުޅޭ މަގަށް އޭނާގެ ނަމުން ނަންދިނުމަށް އެ ގައުމުގެ ކައުންސިލަކުން ވަނީ ނިންމާފައެވެ.
މި ޝަރަފު ސަލާހަށް އަރުވަން ނިންމާފައި ވަނީ އޭނާ މިހާރު ދިރިއުޅެމުންދާ ޔޮމްރާ މުނިސިޕަލިޓީގެ ކައުންސިލުންނެވެ.
ޔޮމްރާ މުނިސިޕަލިޓީގެ މޭޔަރު މުސްތަފާ ބިޔިކް ވިދާޅުވީ، ތުރުކީގެ ފުޓުބޯޅަ ތާރީޚުގައި ސޮއިކުރި އެންމެ ހައިބަތު ބޮޑު ކުޅުންތެރިޔާ އެ ސަރަހައްދުގައި ދިރިއުޅުމަކީ ލިބޭ ވަރަށް ބޮޑު ފަޚުރެއް ކަމަށެވެ. އަދި މި ހަފުތާގައި ބާއްވާ ކައުންސިލް ބައްދަލުވުމުގައި، ސަލާހުގެ ގެ ހުންނަ މަގަށް "މުޙައްމަދު ސަލާހު މަގު"ގެ ނަމުން ނަންދިނުމަށް ރަސްމީކޮށް ފާސްކުރާނެ ކަމަށް އޭނާ ހާމަކުރެއްވިއެވެ.
"އަހަރެމެން ކުރަންޖެހޭ ކަންތައް މި ނިންމާލީ. ދެން އޮތީ ސަލާހުގެ ދައުރު"މޭޔަރު މުސްތަފާ ބިޔިކް ވިދާޅުވިއެވެ.
އުމުރުން 34އަހަރުގެ ސަލާހު ޓްރެބްޒޮންސްޕޯއާ ގުޅުނީ އިނގިރޭސި ކްލަބް ލިވަޕޫލްގައި ނުވަ އަހަރު ހޭދަކުރުމަށް ފަހު، ހިލޭ ޓްރާންސްފާއެއްގައެވެ. އަހަރަކު 17މިލިއަން ޔޫރޯ (19.6މިލިއަން ޑޮލަރު)ގެ ބޮޑު މުސާރައަކަށް އޭނާ ތުރުކީ ލީގަށް ބަދަލުވުމާ އެކު، ޓްރެބްޒޮންސްޕޯގެ ބްރޭންޑް އަގުވެސް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. ލިވަޕޫލްގައި ހޭދަކުރި ކާމިޔާބު ދުވަސްތަކުގައި ސަލާހު ވަނީ އެ ކްލަބަށް ކުޅެދިން 442މެޗުން 257ލަނޑު ޖަހައިދީ، ޕްރިމިއާ ލީގު ދެ ފަހަރު އަދި ޗެމްޕިއަންސް ލީގު އެއް ފަހަރު ކާމިޔާބުކޮށްފައެވެ.
ތުރުކީ ސުޕަ ލީގުގައި އިސްތަންބޫލް ބަސަކްޝެހިރްއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުގައި ސަލާހު ވަނީ ދެ ލަނޑު ޖަހައި، އޭނާގެ ފެންވަރު ދައްކާލައިފައެވެ. ނަމަވެސް، ޔޫރޯޕާ ލީގުގެ ކޮލިފައިންގައި ފެރެންކްވަރޯސީ އަތުން 4-0ގެ ނަތީޖާއަކުން ބަލިވެ، ޓްރެބްޒޮންސްޕޯ ވަނީ އެ މުބާރާތުން ކަޓައިފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.