ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ހަފުތާއަކު 375،000 ޑޮލަރުގެ ބޮޑު މުސާރައެއް ސަލާހަށް!

ޝެއާ ކުރޭ Facebook Telegram Viber X

މިދިޔަ ސީޒަނަށް ފަހު އިނގިރޭސި ކްލަބް ލިވަޕޫލް ދޫކޮށްލި މިސްރުގެ ގައުމީ ޓީމުގެ ކެޕްޓަން މުހައްމަދު ސަލާހް، ތުރުކީ ލީގުގެ ކްލަބެއް ކަމަށްވާ ޓްރެބްޒޮންސްޕޯއަށް ސޮއިކުރަން އެއްބަސްވެއްޖެއެވެ.

ލިވަޕޫލާއެކު ހަދާފައިވާ އެއްބަސްވުން ހަމަވުމުން މިވަގުތު ފްރީ އެޖެންޓެއްގެ ގޮތުގައި ހުރި ސަލާހް އެ ކްލަބަށް ބަދަލުވަނީ އެއްވެސް ޓްރާންސްފާ ފީއަކާ ނުލައެވެ.

ރިޕޯޓްތައް ބުނާގޮތުން ސަލާހް އެ ކްލަބާ އެކު ސޮއިކުރަން ހަމަޖެހިފައި ވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. ތުރުކީގެ ރައީސް ރަޖަބު ތޮއްޔިބު އުރުދުޣާންގެ އާކް ޕާޓީއާ ގުޅުން އޮންނަ ކަމަށް އަޑުފެތުރިފައިވާ ޓްރެބްޒޮންސްޕޯއިން ސަލާހަށް މުސާރައިގެ ގޮތުގައި ހަފުތާއަކު 375,000ޑޮލަރު ދޭން އެއްބަސްވެފައިވާ ކަމަށް މަސްދަރުތަކުން ބުނެއެވެ.

މި ޓްރާންސްފާއާ ގުޅޭގޮތުން ޓްރެބްޒޮންސްޕޯގެ ރައީސް އެރްތޫރަލް ދޮޣާން ވިދާޅުވީ، ޓްރާންސްފާގެ ކަންކަން އަދި މުޅިން ފައިނަލް ނުވާ ކަމަށެވެ. ނަމަވެސް، ކޮންޓްރެކްޓްގައި ސޮއިކުރުމުގެ ކުރިން ހަދަންޖެހޭ މެޑިކަލް ޓެސްޓްތައް ފުރިހަމަކުރުމަށް ޓަކައި ސަލާހް މިއަދުގެ ވަގުތެއްގައި އިސްތަންބޫލަށް ދަތުރުކުރާނެއެވެ.

ސަލާހަކީ އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ސީޒަނެއްގައި އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑާއި، އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އެވޯޑްގެ އިތުރުން އެންމެ މޮޅު ޕްލޭމޭކަރުގެ އެވޯޑް އެއްކޮށް ހޯދި ހަމައެކަނި ކުޅުންތެރިޔާއެވެ.

ތުރުކީގެ ސިޓީއެއް ކަމަށްވާ ޓްރެބްޒޮންއަށް ނިސްބަތްވާ ޓްރެބްޒޮންސްޕޯއަކީ އެ ގައުމުގެ ހަތަރުވަނައަށް އެންމެ މަގުބޫލު ކްލަބެވެ. އެ ގައުމުގައި އެންމެ ނަންހިންގާ ތިން ކްލަބް ކަމަށްވާ ގަލަތަސަރާއީ، ފެނަބާޗޭ އަދި ބެޝްކިޓަސްގެ ފަހަތުން ތުރުކީ ފުޓްބޯޅައިގައި އެންމެ ބޮޑު ތަރުހީބެއް ލިބިފައިވަނީ ޓްރެބްޒޮންސްޕޯއަށެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު