އިނގިރޭސި ޕްރިމިއަރ ލީގުގެ ގަދަބާރު ލިވަޕޫލްގެ ފޯވާޑްލައިން ވަރުގަދަކުރުމުގެ މަޤްޞަދުގައި، ޔޫރަޕްގެ ޗެމްޕިއަން ޕެރިސް ސެންޓް ޖާމަން (ޕީއެސްޖީ)އަށް ކުޅެމުން އައި ފަރަންސޭސި ހުނަރުވެރި ފޯވާޑް ބްރެޑްލީ ބާކޯލާ 123މިލިޔަން ޕައުންޑުގެ އަގަކަށް އެ ކުލަބަށް ގެނައުމުގެ ހުރިހާ ކަމެއް ފުރިހަމަކޮށްފިއެވެ.
މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި، އުމުރުން 23އަހަރުގެ ކުޅުންތެރިޔާ ލިވަޕޫލާ އެކު ސޮއިކުރާނީ ފަސް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައެވެ. މި ޓްރާންސްފާގެ އަސާސީ ފީއެއްގެ ގޮތުގައި 106މިލިޔަން ޕައުންޑް ހަމަޖެހިފައިވީ ނަމަވެސް، އެކި ބޯނަސްތަކާއި އިތުރު އިނާޔަތްތަކާ އެކު އެ އަދަދު 123މިލިޔަން ޕައުންޑަށް (166.43މިލިޔަން ޑޮލަރަށް)އަރާނެކަމަށް ބީބީސީން ހާމަކުރެއެވެ. މިއީ އެންޑޯނީ އިރައޯލާގެ ކޯޗުކަމުގެ ދަށުން ކުޅޭ ލިވަޕޫލްގެ ޓީމަށް އިތުރުވެގެންދާނެ ވަރަށް މުހިންމު ކުޅުންތެރިއެކެވެ.
ކުރިން އޮލިމްޕިކް ލިޔޯނަށް ކުޅުމަށް ފަހު 2023ވަނަ އަހަރު ޕީއެސްޖީއާ ގުޅުނު ބާކޯލާ ވަނީ ފަރަންސޭސި ވެރިރަށުގައި ގިނަ ކާމިޔާބީތަކެއް ހާސިލުކޮށްފައެވެ. އޭނާގެ އެހީތެރިކަމާ އެކު ޕީއެސްޖީން ވަނީ ވިދިވިދިގެން ދެ އަހަރު ޗެމްޕިއަންސް ލީގު ނަގައި، ތިން ފަހަރަށް ލީގު އަދި ދެ ފަހަރަށް ކަޕް ކާމިޔާބުކޮށްފައެވެ. އެ ކުލަބުގެ ޖާޒީގައި ކުޅުނު 152މެޗުން 39ލަނޑު ޖަހައިދީ، އިތުރު 37ލަނޑު ޖެހުމަށް އޭނާ މަގުފަހިކޮށްދިނެވެ. އިނގިރޭސިވިލާތަށް ބަދަލުވިއިރު އޭނާ ޕީއެސްޖީއާ އެކު ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އަދި ދެ އަހަރު އޮތެވެ.
ލިވަޕޫލްގެ ތާރީޚުގައި އުފެދުނު އެންމެ މޮޅު އެއް ފޯވާޑް ކަމަށްވާ މުހައްމަދު ސަލާހު ޓީމު ދޫކޮށްލުމާ ގުޅިގެން، ކޯޗު އިރައޯލާ އަންނަނީ އެ ޓީމު މުޅިން އައު މިސްރާބަކަށް ބައްޓަންކުރަމުންނެވެ. ބާކޯލާގެ އިތުރުން މި ސީޒަނަށް އެ ޓީމުން ވަނީ ރޮނާލްޑް އަރައުހޯ، ޖެރެމީ ޖަކޭ އަދި ވިކްޓަރ މުނޯޒް ފަދަ ކުޅުންތެރިން ގެނެސްފައެވެ. ލިވަޕޫލްގެ މިހާރުގެ އެޓޭކުގައި ތިބީ ރެކޯޑު އަގަކަށް ގެނައި އެލެގްޒެންޑަރ އިސާކާއި، ކޯޑީ ގަކްޕޯގެ އިތުރުން ރިއޯ އެންގުމޯހާ އަދި މުނޯޒެވެ. އަނިޔާގެ ސަބަބުން ހޫގޯ އެކިޓިކޭއަށް ނުކުޅެވޭތީ، ބާކޯލާ ވެގެންދާނީ ލިވަޕޫލްގެ ކުރީކޮޅަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރަކަށެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.