އިނގިރޭސި ޕްރިމިއަރ ލީގުގެ ލިވަޕޫލަށް ކުޅެމުން އަންނަ އުމުރުން 25 އަހަރުގެ މިޑްފީލްޑަރު ކާޓިސް ޖޯންސް، ގާތްގަނޑަކަށް 30މިލިއަން ޕައުންޑުގެ ފީއަކަށް އިޓަލީގެ ޗެމްޕިއަން އިންޓަރ މިލާނަށް ބަދަލުވުމުގެ އެންމެ ފަހުގެ މަރުޙަލާގެ މަޝްވަރާތައް ފަށައިފިއެވެ.
އިޓަލީގެ ނޫސްތަކުން ހާމަކޮށްފައިވާ ގޮތުގައި މި ޓްރާންސްފާއާ ގުޅޭގޮތުން ދެ ކުލަބުގެ ދެމެދުގައި މިހާރު ވަނީ އަނގަބަހުން ވަކި ގޮތަކަށް އެއްބަސްވެވިފައެވެ. އެހެން ނަމަވެސް ރަސްމީކޮށް ސޮއިކުރުމުގެ ކުރިން އަދިވެސް ބައެއް ކަންކަމުގައި ގޮތް ނިންމަން ޖެހޭކަމަށް ރިޕޯޓުތައް ބުނެއެވެ. ޖޯންސް ހޯދުމަށް މިދިޔަ ޖޫން މަހުގެ ތެރޭގައި 21.7މިލިއަން ޕައުންޑު އަދި އޭގެ ކުރިން ޖެނުއަރީ މަހު ލޯނު އުސޫލުން އޭނާ ގެންދިއުމަށް އިންޓަރ އިން ހުށަހެޅި އޮފަރތައް ލިވަޕޫލުން ވަނީ ގަބޫލުނުކޮށް އަނބުރާ ފޮނުވާލާފައެވެ. ލިވަޕޫލާ އެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓުގައި ބާކީ އޮތީ އެންމެ އަހަރެކެވެ.
ލިވަޕޫލުން ޖޯންސް ދޫކޮށްލަން އެއްބަސްވީ ޓޮޓްނަމްގައި ހުރި ޖެޑް ސްޕެންސް ގަތުމަށް އިންޓަރ އިން ޚަރަދުކުރި 30މިލިއަން ޕައުންޑާ އެއްވަރުގެ އަދަދެއް ލިބޭނެކަމުގެ ޔަގީންކަން ލިބުމުންނެވެ. އުމުރުން އެންމެ ނުވަ އަހަރުން ފެށިގެން ލިވަޕޫލްގެ އެކެޑަމީގައި ތަމްރީނުވަމުން އައި ޖޯންސް އައު ކުލަބަކަށް ބަދަލުވާން ބޭނުންވީ، ޓީމުގެ އައު ކޯޗު އާނޭ ސްލޮޓްގެ ޕްލޭންގައި އޭނާއަށް ޖާގަ ނުލިބި، ފުރަތަމަ އެގާރައިގައި ކުޅުމުގެ ފުރުސަތު ހަނިވުމުންނެވެ.
ކުރީގެ ކޯޗު ޔާގަން ކްލޮޕްގެ ބެލުމުގެ ދަށުން 2019ވަނަ އަހަރު ސީނިއަރ ޓީމުން ޖާގަ ހޯދި ޖޯންސް ވަނީ ލިވަޕޫލްގެ ޖާޒީގައި 228މެޗު ކުޅެދީފައެވެ. ފާއިތުވި ސީޒަނުގައި ޖުމްލަ 49މެޗު ކުޅުނު ނަމަވެސް، ލީގުގައި ފުރަތަމަ އެގާރައިގައި އޭނާއަށް ކުޅެން ލިބުނީ އެންމެ 18މެޗުގައެވެ. މި ޓްރާންސްފާ ކާމިޔާބުވެއްޖެ ނަމަ، ޖޯންސް ވެގެންދާނީ ޖޯން ސްޓޯންސް އަދި ޖެޑް ސްޕެންސްއާ ޖެހިގެން މި ފަހަރުގެ ސީޒަނުގައި އިންޓަރ މިލާނާ ގުޅޭ އިނގިރޭސި ތިންވަނަ ކުޅުންތެރިޔާއަށެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.