ހއ. ދިއްދޫއަށް ދިވެހި ޕްރިމިއަރ ލީގުގެ ޖާގައެއް ކަށަވަރުކޮށްދިން ހުނަރުވެރި ކޯޗު މޫސާ އިބްރާހީމް (މުސްތަޓޭ)ކުރިން ނިންމި ނިންމުން ބަދަލުކުރުމަށް ފަހު، ކުރިއަށް އޮތް ސީޒަނަށް ޓީމު ތައްޔާރުކުރުމުގެ މަސައްކަތާ އަލުން ހަވާލުވެ ފަރިތަކުރުންތައް ފަށައިފިއެވެ.
މިދިޔަ ޖުލައި މަހުގެ ތެރޭގައި ދިއްދޫގެ ކޯޗުކަމުގެ މަގާމުން އިސްތިއުފާދިންކަން އިއުލާނުކުރި ނަމަވެސް، ނ. ހޮޅުދޫއަށް އުފަން މުސްތަޓޭ ވަނީ އެ ނިންމުން އަނބުރާ ގެންގޮސްފައެވެ. އޭއެފްސީ ބީ ލައިސަންސް ހާސިލުކޮށްފައިވާ ކޯޗު މުސްތަޓޭ ސޯޝަލް މީޑިއާ މެދުވެރިކޮށް ހާމަކުރި ގޮތުގައި 2026/27ގެ ސީޒަނުގައި ދިއްދޫގެ ހެޑް ކޯޗެއްގެ ގޮތުގައި މަސައްކަތްކުރުމަކީ ލިބޭ ވަރަށް ބޮޑު ފަޚުރެކެވެ. އަދި އެ ރަށުގެ ރައްޔިތުން އޭނާއަށް ކުރާ އިތުބާރާއި ދޭ ފުރިހަމަ އެއްބާރުލުމަށްޓަކައި ވަނީ ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.
އައު ފޯމެޓާ އެކު ތައާރަފުކުރި ބީއެމްއެލް އެޓޯލް ޗެމްޕިއަންޝިޕްގައި އިހަވަންދޫގެ މައްޗަށް 9-1ގެ އެގްރިގޭޓުން ކުރިހޯދައި ދިއްދޫން އަތޮޅު ޗެމްޕިއަންކަން ހޯދީ މުސްތަޓޭގެ އިރުޝާދުގެ ދަށުންނެވެ. އޭގެ ފަހުން ބީއެމްއެލް ނޯތު ރީޖަން ލީގު ކާމިޔާބުކޮށް، ޕްރިމިއަރ ލީގުގެ ކޮލިފިކޭޝަނުން ދިއްދޫ ޖާގަ ހޯދިއެވެ. މުޅި ރާއްޖެއިން ހަތަރު ސަރަހައްދެއްގެ ޗެމްޕިއަނުންނާއެކު ކުޅުނު ކޮލިފައިންގައި ޓީސީ ސްޕޯޓްސް ކުލަބާއި ބިސް ބުރު ސްޕޯޓްސް ކުލަބާ އެއްވަރަށް 10ޕޮއިންޓް ހޯދައިގެން ތިންވަނަ ޓީމުގެ ގޮތުގައި ދިއްދޫން ވަނީ ޕްރިމިއަރ ލީގުގެ ޓިކެޓް ކަށަވަރުކޮށްފައެވެ.
ރާއްޖޭގެ އެންމެ މަތީ ފަންތީގެ ލީގާ ކުރިމަތިލާއިރު ދިއްދޫން އަންނަނީ ޓީމު ވަރަށް ބޮޑަށް ވަރުގަދަކުރަމުންނެވެ. އެގޮތުން ގާނާގެ ދެ ކުޅުންތެރިންނާއި ކެމަރޫނަށް ނިސްބަތްވާ ދެ ކުޅުންތެރިން ހިމެނޭހެން ބިދޭސީ ހަތަރު ކުޅުންތެރިއަކު ވަނީ ސްކޮޑަށް އިތުރުކޮށްފައެވެ. މީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުން ހުނަރުވެރި ކުޅުންތެރިން ގެނެސް، އަމިއްލަ ރަށުގައި ދިއްދޫން އަންނަނީ ފޯރިއާއެކު ފަރިތަކުރުންތައް ކުރިއަށްގެންދަމުންނެވެ.
މި ފަހަރުގެ ސީޒަނަކީ ދިވެހި ފުޓްބޯޅައިގެ ތާރީޚުގައި ވެސް މުޅިން އަލަށް ހޯމް އެންޑް އަވޭ އުސޫލުން މާލެއިން ބޭރުގައި މެޗުތަކެއް ކުޅޭނެ ފުރަތަމަ ފަހަރެވެ. ދިއްދޫގެ އިތުރުން ދެކުނުގެ ޗެމްޕިއަން ގދ. ގައްދޫގައި ވެސް ލީގުގެ މެޗުތައް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ލީގުގައި ދިއްދޫން ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ 12ވަނަ ދުވަހު ގައުމީ ފުޓްބޯޅަ ދަނޑުގައި ނުކުންނާނީ ބިސް ބުރު ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. އަދި އަމިއްލަ ފަސްގަނޑުގައި ކުޅޭ ފުރަތަމަ މެޗުގައި އޮކްޓޫބަރު މަހުގެ 10ވަނަ ދުވަހު އެ ޓީމު ބައްދަލުކުރާނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.