އިންޑިއާގެ ފުޓުބޯޅަ ބައިނަލްއަޤްވާމީ މައިދާނުގައި އިޝްތިހާރުކުރުމާއި މާލީ މަންފާ ހޯދުމުގެ މަޤްޞަދުގައި، އަންނަ އޮކްޓޫބަރު މަހުގެ ހަވަނަ ދުވަހު އެ ޤައުމުގައި މެޗެއް ކުޅުމަށް ދެ ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ އުރުގުއޭގެ ޤައުމީ ޓީމުން ނިންމައިފިއެވެ.
މި މެޗަށް ތައްޔާރުވުމުގެ ގޮތުން އިންޑިއާގެ ކުޅިވަރު ވަސީލަތްތަކުގެ ފެންވަރު ވަޒަންކުރުމަށް ޓަކައި އުރުގުއޭގެ ޚާއްޞަ ވަފުދެއް ވަރަށް އަވަހަށް އެ ޤައުމަށް ޒިޔާރަތްކުރާނެ ކަމަށް މަޢުލޫމާތު ލިބެއެވެ. އުރުގުއޭގެ އިތުރުން، އޮކްޓޫބަރު މަހުގެ ތިންވަނަ ދުވަހު ދުނިޔޭގެ އެންމެ ކާމިޔާބު އެއް ޓީމު ކަމަށްވާ ބްރެޒިލްއާ ދެކޮޅަށް ވެސް އިންޑިއާއިން މެޗެއް ކުޅޭނެއެވެ. މީގެ އިތުރުން ޕެނަމާއާ އެކު ވެސް އެކުވެރިކަމުގެ މެޗެއް ކުޅުމަށް އިންޑިއާއިން ވަނީ ރާވާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ދުނިޔޭގެ ފެންވަރުގެ ޓީމުތަކާ ދެކޮޅަށް ކުޅުމަށްޓަކައި އިންޑިއާއިން ވަނީ އާސިއާން ކަޕްގައި ވާދަކުރުމަށް އެ ޤައުމަށް ލިބުނު ފުރުޞަތު ދޫކޮށްލާފައެވެ. ދެކުނު އޭޝިއާ ސަރަޙައްދުގައި ފުޓުބޯޅައިން އެންމެ ކުރީގައި އޮތް އިންޑިއާއިން މި ފަދަ ނިންމުންތަކެއް ނިންމާފައިވާއިރު، އެ ޤައުމުގެ ފުޓުބޯޅައިގެ ތަޖުރިބާކާރުންގެ މެދުގައި ވަނީ ޚިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ.
މިގޮތުން، ޤައުމީ ޓީމުގެ ކުރީގެ ކެޕްޓަން ބައިޗުން ބުޓިއާ ވަނީ ބްރެޒިލްއާ ދެކޮޅަށް ކުޅޭ މެޗު ބޮއިކޮޓް ކުރުމަށް ގޮވާލާފައެވެ. އެހެންނަމަވެސް، އޭނާގެ ކުރިން ކެޕްޓަންކަން ކުރި އައި.އެމް ވިޖަޔަން ދެކޭގޮތުގައި، މަތީ ފަންތީގެ ޓީމުތަކާ ދެކޮޅަށް ކުޅުމަކީ މުސްތަޤުބަލުގައި އިންޑިއާގެ ފުޓުބޯޅައަށް އޭގެ އެދެވޭ ފައިދާތަކެއް ކުރާނެ ކަމެކެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.