ފީފާގެ މުބާރާތްތައް ހިންގުމުގެ ނިޒާމުގެ ތެރެއިން އަމިއްލަ ފަރާތްތަކަށް ހިއްސާ ވިއްކާލަން މަސައްކަތްކުރި މައްސަލައިގައި، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ދެކޮޅަށް ޖިނާއީ ދައުވާ އުފުލުމަށް ބޭނުންވާ ލިޔެކިޔުންތައް ހޯދުމަށް ފްރާންސްގެ މޮނާކޯގައި މިއަދު ބޭއްވި ޔޫއޭފާ ޗެމްޕިއަންސް ލީގުގެ ގުރުއަތުލުމުގެ ކުރިން އެ ޖަމިއްޔާގެ އިސްވެރިން ބައްދަލުކޮށް ނިންމައިފިއެވެ.
އިންފަންޓީނޯގެ މައްޗަށް މިފަދަ ބޮޑު ތުހުމަތެއް އަމާޒުވެފައި ވަނީ، ދުނިޔޭގެ ތަށި ހިމެނޭހެން ފީފާގެ ބޮޑެތި މުބާރާތްތައް އިންތިޒާމުކުރުމަށް ވަކި ކުންފުންޏެއް އުފެއްދުމަށް ފަހު، އެ ކުންފުނީގެ ވިހި އިންސައްތަ ހިއްސާ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ގުޅުން ހުރި ވިޔަފާރިވެރިންތަކަކަށް ދާއިމީކޮށް ދިނުމަށް އޭނާ އެކަނި ނިންމި ނިންމުމަކާ ގުޅިގެންނެވެ. ފީފާގެ އެއްވެސް ގުނަވަނަކާ ނުވަތަ އިސްވެރިޔަކާ މަޝްވަރާކުރުމެއް ނެތި ނިންމެވި މި ނިންމުމަށް ތާއީދުކުރާ ގައުމުތަކަށް ކޮންމެ އަހަރަކު ސާޅީސް މިލިއަން ޑޮލަރުގެ މާލީ އެހީއެއް ދިނުމަށް ވެސް އޭނާ ހުށަހެޅިކަމަށް އިންފަންޓީނޯ ވަނީ ފަހުން އިއުތިރާފުވެފައެވެ.
ޔޫރަޕުގެ މައި ފުޓުބޯޅަ އިދާރާ (ޔޫއޭފާ)އިން ސިފަކުރާ ގޮތުގައި މިއީ ފީފާގެ އެތެރޭގެ ހިންގުމުގެ ނިޒާމު އޮތް ދޯހަޅިކަން ހާމަވެގެންދިޔަ، އަދި އެ އިދާރާގެ ތެރެއިން ހިންގަން އުޅުނު ވަރަށް ބޮޑު ޖަރީމާއެކެވެ. އެހެންކަމުން ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާގެ އެންމެ އިސްވެރިޔާގެ މަގާމުގައި ހުންނެވުމުގެ އިތުބާރު އިންފަންޓީނޯއަށް މިހާރު ގެއްލިފައިވާކަމަށް ޔޫއޭފާއިން ވަނީ ހާމަކޮށްފައެވެ. އޭނާއާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅުމަށް އެންމެ އެކަށީގެންވާ މަގަކީ ފީފާގެ މައި އިދާރާ ގާއިމުވެފައިވާ ސްވިޓްޒަލޭންޑުގެ ގާނޫނީ އޮނިގަނޑުގެ ތެރެއިން ކުރިއަށްދިޔުންކަމަށް ވެސް އެ ޖަމާއަތުން ގަބޫލުކުރެއެވެ.
މި މައްސަލައިގައި ގިނަ ގައުމުތަކެއްގެ ފާޑުކިޔުމާއި ނުރުހުން އަމާޒުވުމާ އެކު، އިންފަންޓީނޯ ވަނީ އޭނާގެ އަމިއްލަ ނިންމެވުމަށް މާފަށް އެދިފައެވެ. ނަމަވެސް ޔޫއޭފާގެ އިތުރުން ކޮންކާކަފް ސަރަހައްދުގެ ގައުމުތަކުން ވަނީ އޭނާގެ މާފު ގަބޫލުނުކުރާނެ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އޭނާއަށް އެއްވެސް އިތުބާރެއް ނުކުރާނެކަން ހާމަކޮށްފައެވެ. ޔޫއޭފާއިން އިންފަންޓީނޯއާ ދެކޮޅަށް ފަށާފައިވާ މި ހަރަކާތަށް އޭޝިއާ ބައްރުގެ ގިނަ ގައުމުތަކަކާއި ކޮންކާކަފްގެ މެމްބަރު ގައުމުތަކުން އަންނަނީ ފުރިހަމައަށް ތާއީދުކުރަމުންނެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.