ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

300 ލަނޑު ހަމަކުރަން ރޮނާލްޑީނިއޯ އަލުން ކުޅެން ފަށަނީ

ޝެއާ ކުރޭ Facebook Telegram Viber X

ފުޓްބޯޅަ ކުޅުން ހުއްޓާލައިގެން ހުންނަތާ 11އަހަރު ފާއިތުވުމަށް ފަހު، އަލުން ކުޅުމުގެ ތެރެއަށް އެނބުރި އައުމުގެ އެންމެ ބޮޑު ބޭނުމަކީ ކެރިއަރުގެ 300ވަނަ ލަނޑު ކާމިޔާބުކުރުން ކަމަށް ބްރެޒިލްގެ ލެޖެންޑް ރޮނާލްޑީނިއޯ ބުނެފިއެވެ.

އުމުރުން 46އަހަރުގެ ރޮނާލްޑީނިއޯ ދާދިފަހުން ވަނީ އިޓަލީގެ ތިންވަނަ ޑިވިޝަނުގައި ވާދަކުރާ ރަވޭނާ ކްލަބާ ގުޅިފައެވެ.

ރަވޭނާގެ މައިނޯރިޓީ ހިއްސާ ވަރަށް އަވަހަށް ރޮނާލްޑީނިއޯއަށް ލިބޭނެ ކަމަށް މައުލޫމާތު ލިބެއެވެ. އެ ކްލަބުގެ މެޖޯރިޓީ ހިއްސާދާރު އިގްނާޒިއޯ ކިޕްރިއާނީ ބުނިގޮތުގައި، ރޮނާލްޑީނިއޯ އެ ކްލަބާ ގުޅުނީ ހަމައެކަނި ރަމްޒީ ގޮތަކުން ނުވަތަ މާކެޓިންގް ބޭނުމަކު އެއް ނޫނެވެ. ރަވޭނާގެ ބީޗުގައި ބޭއްވި ހާއްސަ ހަރަކާތެއްގައި ވާހަކަދައްކަމުން ކިޕްރިއާނީ ބުނީ، އޭނާގެ ހަމައެކަނި އަމާޒަކީ ފަހު ގޯލު ޖެހުން ކަމަށެވެ. ރޮނާލްޑީނިއޯ އެ ކްލަބާ ގުޅުމާ އެކު، ރަވޭނާގެ މެޗުތަކުގެ ޓިކެޓަށް އޮތް ޑިމާންޑް ވަނީ އިންތިހާއަށް ބޮޑުވެފައެވެ.

އަލުން ކުޅުމުގެ ދަނޑަށް ނުކުތުމާ ގުޅޭ ގޮތުން ރޮނާލްޑީނިއޯ ބުނީ، އޭނާ މެޗުތަކުގައި ކުޅޭނެތޯ ނުވަތަ ނޫންތޯ ނިންމާނީ ޓީމުގެ ކޯޗު ކަމަށެވެ. ނަމަވެސް އޭނާ ހުރީ ފިޓްކޮށް ކަމަށާއި، 300ވަނަ ލަނޑު ޖެހުމުގެ ފުރުސަތު ލިބިއްޖެނަމަ އެއީ ވަރަށް ހާއްސަ ކަމަކަށް ވާނެ ކަމަށް އޭނާ ފާހަގަކުރިއެވެ. އެހެން ނަމަވެސް، އަންނަ ހޯމަ ދުވަހު ރެޖީނާއާ ދެކޮޅަށް ކުޅޭ ސީޒަނުގެ ފުރަތަމަ މެޗުގައި ރޮނާލްޑީނިއޯ ނުފެންނާނެކަން ވަނީ ޔަގީންވެފައެވެ.

ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ރޮނާލްޑީނިއޯ ވަނީ މީގެކުރިން އިޓަލީގެ އޭސީ މިލާނަށް ކުޅެފައެވެ. އެހެންކަމުން އަލުން އިޓަލީއަށް އެނބުރި އާދެވުމުން އުފާވާ ކަމަށް އޭނާ ބުންޏެވެ. ސްޕެއިންގެ ބާސެލޯނާއާއެކު ޗެމްޕިއަންސް ލީގާއި ލަލީގާ ކާމިޔާބުކޮށް، ބެލޮންޑިއޯ އަދި ފީފާގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ރޮނާލްޑީނިއޯ ވަނީ ބްރެޒިލްގެ ގައުމީ ޓީމަށް ކުޅުނު 97މެޗުން 33ގޯލު ޖަހައިދީ، 2002ވަނަ އަހަރުގެ ވޯލްޑް ކަޕް ވެސް ކާމިޔާބުކޮށްފައެވެ. ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް މިޑްފީލްޑަރު ވަނީ 299 ކެރިއަރ ގޯލް ކާމިޔާބުކޮށްފައެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު