އިޓަލީގެ ތިންވަނަ ޑިވިޝަނުގައި ވާދަކުރާ ރަވެންނާ އެފްސީގެ ހިއްސާއެއް ގަނެ، އެ ޓީމާ ރަސްމީކޮށް ގުޅުމަށް ފަހު، ކެރިއަރުގެ 300ވަނަ ލަނޑު ޖެހުމަށް އަލުން ދަނޑަށް ނުކުމެދާނެތޯ ނޫސްވެރިން ކުރި ސުވާލަށް ބްރެޒިލްގެ ފުޓުބޯޅަ ލެޖެންޑް ރޮނާލްޑީނިއޯ ސީދާ ޖަވާބެއް ދީފައެއް ނުވެއެވެ.
އުމުރުން 46އަހަރުގެ ރޮނާލްޑީނިއޯ އިޓަލީއަށް ގޮސްފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. އަދި ރޭގެ ވަގުތެއްގައި އޭނާ ވަނީ ރަވެންނާގެ ކުޅުންތެރިއެއްގެ ގޮތުގައި މީޑިއާތަކަށް ތައާރަފުކޮށްފައެވެ. އެ ކުލަބުގެ ޖާޒީގައި އަލުން ކުޅެން ނުކުމެދާނެތޯ އެހުމުން އޭނާ ބުނީ، އެފަދަ ފުރުސަތެއް ލިބިއްޖެނަމަ އެއީ ވަރަށް އުފާވެރިކަމަކަށް ވާނެ ކަމަށެވެ. އެހެން ނަމަވެސް އެކަން ނިންމާނީ ކުލަބުގެ ރައީސާއި ކޯޗު ކަމަށް ވެސް ހިނިތުންވުމަކާއެކު އޭނާ ފާހަގަކުރިއެވެ.
ރަވެންނާ އެފްސީއަކީ ރޮނާލްޑީނިއޯގެ ގާތް އެކުވެރިއެއް ކަމަށްވާ އިގްނާޒިއޯ ސިޕްރިއާނީގެ މިލްކިއްޔާތުގައިވާ ކުލަބެކެވެ. ރޮނާލްޑީނިއޯ ފާހަގަކުރި ގޮތުގައި އޭނާ އެ ޓީމާ ގުޅުނީ މި އެކުވެރިކަމުގެ ސަބަބުން، ކުލަބަށް އެހީތެރިވުމުގެ ނިޔަތުގައެވެ. ސިޕްރިއާނީގެ އެންމެ ބޮޑު އަމާޒަކީ ތާރީހުގައި ފުރަތަމަ ފަހަރަށް އިޓަލީގެ އެންމެ މަތީ ޑިވިޝަނަށް ރަވެންނާ ޕްރޮމޯޓްކުރުމެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެމުން ސިޕްރިއާނީ ބުނީ، މި ފިޔަވަޅަކީ ކުރިއަށް އޮތް ސީޒަނަށް ސަޕޯޓަރުންގެ މެދުގައި ފޯރިގަދަކޮށް، މުޅި ރަށުގެ ރައްޔިތުން ކުލަބާ ގުޅުވާލުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށެވެ. އެހެން ނަމަވެސް، ކުރިއަށް އޮތް ހޯމަ ދުވަހު ރެޖިއާނާއާ ދެކޮޅަށް ކުޅޭ މެޗުގައި ރޮނާލްޑީނިއޯ ނުފެންނާނެކަން އޭނާ ވަނީ ޔަގީންކޮށްދީފައެވެ. ރޮނާލްޑީނިއޯ ރަވެންނާއާ ގުޅުނުކަން އެންމެ ފުރަތަމަ އިއުލާނުކޮށްފައިވަނީ މި އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.
ބާސެލޯނާ، އޭސީ މިލާން އަދި ޕީއެސްޖީ ފަދަ ޔޫރަޕުގެ ބޮޑެތި ކުލަބުތަކަށް ކުޅެފައިވާ ރޮނާލްޑީނިއޯ އަކީ 2002ވަނަ އަހަރުގެ ވޯލްޑް ކަޕް ބްރެޒިލްއަށް ކާމިޔާބުކޮށްދިނުމުގައި އިސް ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ބަލޮންޑޯ އެވޯޑު 2005ވަނަ އަހަރު ހޯދާފައިވާ ރޮނާލްޑީނިއޯ، ވާދަވެރި ފުޓުބޯޅަ މެޗެއްގައި އެންމެ ފަހުން ކުޅެފައިވަނީ 2015ވަނަ އަހަރު ފްލުމިނެންސީ އަށެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.