ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ހަލް ސިޓީ އަތުން ބަލިވެ ޔުނައިޓެޑަށް ލަދުވެތި ނާކާމިޔާބީއެއް!

ޝެއާ ކުރޭ Facebook Telegram Viber X

އާ ސީޒަން ފެށުމަށް މެންޗެސްޓަރ ޔުނައިޓެޑް ކުޅުނު މެޗުން އެ ޓީމު ބަލިވެއްޖެއެވެ.

ހޮނިހިރު ދުވަހު އަލަށް ޕްރޮމޯޓްވި ހަލް ސިޓީއާ ދެކޮޅަށް ރެޑް ޑެވިލްސް ކުޅެން ޖެހުނު މެޗަކީ ފަސޭހަ މޮޅެއް ލިބޭނެ މެޗެއްގެ ގޮތުގައި ބެލެވުނު ނަމަވެސް، މައިކަލް ކެރިކްގެ ޓީމުގެ މައްޗަށް ޕްރިމިއާ ލީގަށް އަލަށް އައި ޓީމުން ކުރިހޯދައި، އެމްކޭއެމް ސްޓޭޑިއަމްގައި ވަނީ ލަދުވެތި 2-0 ގެ ނަތީޖާއަކުން ޔުނައިޓެޑް ބަލިކޮށްފައެވެ.

މިއީ، މި ހޫނު މޫސުމުގައި ޔޫރީ ޓީލެމަންސްއާއި އެންޑްރޭ ސަންޓޯސް ގެނައި ނަމަވެސް، ޔުނައިޓެޑްގެ މެދުތެރެ ވަރުގަދަ ކުރަން އަދިވެސް އިތުރު ކުޅުންތެރިން ބޭނުންވާކަމުގެ އިތުރު ހެއްކެކެވެ.

އަލަށް ގެނައި ދެ ކުޅުންތެރިންގެ ފުރަތަމަ މެޗުވެސް ނިމުނީ ހިތްދަތި ގޮތަކަށެވެ. ނުވަ އަހަރުގެ މެދުކެނޑުމަކަށް ފަހު ޕްރިމިއާ ލީގަށް އެނބުރި އައި ހަލް ސިޓީން ވަނީ ޖިސްމާނީ ގޮތުން ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައެވެ. އެގޮތުން ހަލް ސިޓީން 50 ޑުއަލް ކާމިޔާބުކުރިއިރު ޔުނައިޓެޑަށް ކާމިޔާބުކުރެވުނީ 36 ޑުއަލްއެވެ.

ޔުނައިޓެޑުން ވަނީ މެދުތެރެ ވަރުގަދަކުރުމަށް ބްރައިޓަންގެ ކާލޮސް ބަލޭބާ ހޯދުމަށް 70 މިލިއަން ޕައުންޑް (95 މިލިއަން ޑޮލަރު) ގެ އެއްބަސްވުމަކަށް އައިސްފައެވެ. ނަމަވެސް، ޕްރީ-ސީޒަނުގައި ލިބުނު އަނިޔާއަކާ ގުޅިގެން، ކެމަރޫންގެ މި ޑިފެންސިވް މިޑްފީލްޑަރު ކުޅުމާ ދުރަށް ދާންޖެހުމުން އަދި ޓީމާ ގުޅޭކަށް ނެތެވެ.

ހޮނިހިރު ދުވަހުގެ ދަށް ކުޅުމުން އެނގިގެންދަނީ އޭނާ ވީހާ ވެސް އަވަހަކަށް ޓީމާ ގުޅުން މުހިންމުވެފައިވާ މިންވަރެވެ.

އެމްކޭއެމް ސްޓޭޑިއަމްގައި އިދިކޮޅު ޓީމުގެ ބާރުމިނާއި ހަރުކަށި ކުޅުމުގެ ކުރިމަތީގައި ޔުނައިޓެޑް ފެނުނީ މުޅިން ހާސްވެފައިވާ ތަނެވެ.

މެޗުގެ ކުރީކޮޅު ހަލް ސިޓީން ދެއްކި ހަލުވި ކުޅުމުގެ ސަބަބުން ޔުނައިޓެޑަށް ސިހުން ލިބުނުއިރު، ފުރަތަމަ 40 މިނެޓު ތެރޭގައި ވަން ދެ ލަނޑުން އަރައިގަނެވޭ ގޮތެއް އެ ޓީމަކަށް ނުވިއެވެ.

ފުރަތަމަ ލަނޑު ފެނިގެންދިޔައީ މެދުތެރެއިން އުފެއްދި ހަލުވި ހަމަލާއަކުންނެވެ. ނުސައިރު މަޒްރައުއީ ބޮލުން ދިފާއުކުރަން އުޅުނު ބޯޅައެއްގެ ފައިދާ ހިފައި ރޭގަން ސްލޭޓާ ވަނީ ލަނޑު ޖަހާފައެވެ. އެ ވަގުތު ބްރަޔަން އެމްބެއުމޯ ހުރީ މުޅިން ހުއްޓިފައެވެ.

ބޯޅަ އަރިމަތިން ކުރިއަށް ޖެއްސިއިރު ޓީލެމަންސްއާއި ސަންޓޯސް ފެންނާކަށް ނެތެވެ. އަދި ރަޔަން ޖައިލްސް ހުއްޓުވަން ޓީލެމަންސްއަށް ދެވުނީ މާ ލަހުންނެވެ. ޖައިލްސް ފޮނުވާލި ބޯޅަ ސެން ލަމެންސް ދިފާއުކުރި ނަމަވެސް، ލިބުނު ކޯނަރުން މެޗުގެ 17 ވަނަ މިނެޓުގައި ސެމީ އަޖާއީ ވަނީ ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާފައެވެ.

އޭގެ ކުރިން ސަންޓޯސް އަތުން މެދު ރޮނގު ކައިރިން ބޯޅަ ގެއްލިގެން ހަލް ސިޓީން އުފެއްދި ކައުންޓާ އެޓޭކް ނާކާމިޔާބުވީ ހަމަ ކިރިޔާއެވެ. އެ ވަގުތު ހެރީ މެގުއާ، އެލިއަޓ ސްޓްރައުޑަށް ފައުލްކުރި ކަމަށް ބެލެވުނެވެ.

ރަނގަޅު ޕާސްތަކެއް ކުރި ނަމަވެސް، ޔުނައިޓެޑަށް ހަމަލާ އުފެއްދުމުގައި ނަތީޖާއެއް ނެރެވޭ ގޮތެއް ނުވިއެވެ. ހާއްސަކޮށް ކެޕްޓަން ފެނާންޑޭސްގެ ފަރާތުން ފެނުނީ ދަށް ކުޅުމެކެވެ. ކުރީ ސީޒަންތަކުގައި ވެސް އޭނާ ފޯމަކަށް އެޅެން ދުވަސްކޮޅެއް ނަގާއިރު، ކުރިއަށް އޮތް ތަނުގައި އޭނާގެ ފަރާތުން މިއަށް ވުރެ ރަނގަޅު ކުޅުމެއް ފެންނާނެ ކަމަށް އުންމީދު ކުރެވެއެވެ.

ހާފް ޓައިމްގައި މާކަސް ރަޝްފޯޑް ކުޅެން އެރުވުމަށް ފަހު، ދެވަނަ ހާފުގެ މެދުތެރެއިން ކެރިކް ވަނީ ޓީލެމަންސްއާއި ސަންޓޯސް ބާލައި، ކޮބީ މައިނޫ އާއި ބެންޖަމިން ސެސްކޯ ކުޅެން އަރުވާފައެވެ.ނަމަވެސް މިއިން އެއްވެސް ބަދަލަކުން ނަތީޖާއެއް ނުނެރެވުނެވެ. އަދި މައިނޫ ހެދި ގޯހަކުން ލިއަމް މިލާ ބޯޅަ ހޯދައި ކުރިއަށް އެރި ނަމަވެސް، އޭރިއާ ބޭރުން އޭނާ ފޮނުވާލި ހަމަލާ ކާމިޔާބެއް ނުވިއެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު