ޖަޕާނުގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ކަޒުޔޯޝީ މިއުރާ، ބުދަ ދުވަހު އޮޔާމާ ސޮކަރ ކްލަބާ ދެކޮޅަށް ފުކުޝީމާ ޔުނައިޓެޑުން ކުޅުނު މެޗުގައި ދެ ލަނޑު ކާމިޔާބުކޮށް، އެމްޕަރަރސް ކަޕްގެ ތާރީޚުގައި ލަނޑުޖެހި އެންމެ އުމުރުން ދުވަސްވީ ކުޅުންތެރިޔާގެ ޝަރަފު ހޯދައިފިއެވެ.
ހަތެއް ސުމެއްގެ ތަފާތު ބޮޑު ނަތީޖާއަކުން ފުކުޝީމާ ކުރިހޯދި މި މެޗުގައި މިއުރާގެ ދެ ލަނޑު ވެސް ފެނިގެންދިޔައީ ޕެނަލްޓީންނެވެ. އުމުރުން 59އަހަރާއި 5މަހާއި 24ދުވަހުގައި އޭނާ މި ހޯދި ކާމިޔާބީއާއެކު، ކުރިން ޖަޕާނުގެ ގައުމީ ޓީމުގެ މިޑްފީލްޑަރު ޝިންޖީ އޮނޯ އުމުރުން 41އަހަރުގައި ހަދާފައިވާ ރެކޯޑު ވަނީ މުގުރިގެން ގޮސްފައެވެ.
މެޗުގެ ފުރަތަމަ ހާފުގެ 12ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޓީމަށް ލީޑު ނަގައިދިނުމަށް ފަހު، މިއުރާ ވަނީ ދެވަނަ ހާފު ފެށިގެން ދިހަވަނަ މިނެޓުގައި އިތުރު ޕެނަލްޓީއެއް ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ. އޭގެ ކުޑަ ވަގުތުކޮޅެއް ފަހުން ބަދަލުކުރި މި ކުޅުންތެރިޔާ ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުނީ، މެޗެއްގައި ޕެނަލްޓީއެއް ލިބިދާނެ ކަމަށް އަބަދުވެސް ތައްޔާރުވެ ފަރިތަކުރާ ކަމަށާއި، އެކަމުގެ ފޮނި މީރުކަން ލިބުމުން ނުހަނު އުފާކުރާ ކަމަށެވެ.
ފުޓުބޯޅައިގެ ސަޕޯޓަރުންގެ މެދުގައި "ކިންގް ކަޒޫ"ގެ ނަމުން މަގުބޫލުކަން ހޯދާފައިވާ މިއުރާ މިހާރު ގުނަމުން އެދަނީ އޭނާގެ ފަންނީ ކެރިއަރުގެ 42ވަނަ އަހަރެވެ. ބްރެޒިލްއިން 1986ވަނަ އަހަރު ކުޅުން ފެށި މިއުރާ ވަނީ އޭގެ ފަހުން ޔޫރަޕާއި އޮސްޓްރޭލިއާގެ އިތުރުން ޖަޕާނުގެ ގައުމީ ޓީމަށް ކުޅެދިން 89މެޗުގައި 55ލަނޑު ޖަހައިދީފައެވެ. ޖަޕާނުގެ ތިންވަނަ ޑިވިޝަނުގައި ވާދަކުރާ ފުކުޝީމާ ޔުނައިޓެޑަށް އޭނާ ބަދަލުވީ މި އަހަރުގެ ކުރީކޮޅު ޔޮކޮހާމާ އެފްސީންނެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މި މުބާރާތުގެ ކޮލިފައިންގައި މިދިޔަ މަހު އޭނާ ޖެހި ލަނޑަކީ ފާއިތުވި ހަތަރު ވަރަކަށް އަހަރުގެ ތެރޭގައި ރަސްމީ މެޗެއްގައި އޭނާއަށް ކާމިޔާބުކުރެވުނު ފުރަތަމަ ގޯލެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.