ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން އިންތިޒާމުކޮށްގެން ބޭއްވި ރާއްޖެ ޖޫނިއަރ ވޮލީބޯޅަ ޗެމްޕިއަންޝިޕްގެ 19އަހަރުން ދަށުގެ އަންހެން ބައިގެ ފައިނަލްގައި ރޭ ވ. އަތޮޅު ތަޢުލީމީ މަރުކަޒާ ވާދަކޮށް ސީދާ ތިން ސެޓުން މެޗު ކާމިޔާބުކޮށް، ސީއެޗްއެސްއީ މާލެއިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
މުޅި މުބާރާތުގައި ވެސް ބަލިނުވެ، ޕޫލް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ފައިނަލަށް ދަތުރުކުރި ސީއެޗްއެސްއީ މާލެއިން ރޭގެ މެޗުގެ ފުރަތަމަ ސެޓު ފަސޭހަކަމާ އެކު ކާމިޔާބުކުރީ 25-18ގެ ނަތީޖާއަކުންނެވެ. ނަމަވެސް ދެވަނަ ސެޓުގައި ވ. އަތޮޅު ތަޢުލީމީ މަރުކަޒުން ވަނީ ކުޅުން ރަނގަޅުކޮށް ބޮޑު ލީޑެއް ނަގާފައެވެ. އެހެން ނަމަވެސް ސެޓު ނިމެން ގާތްވެފައި ވަނިކޮށް އެ ޓީމަށް ހެދުނު ގޯސްތަކެއްގެ ފައިދާ ނަގައި، ސީއެޗްއެސްއީ މާލެއިން ވަނީ ފަހަތުން އަރައި 25-23އިން އެ ސެޓުވެސް އެމީހުންގެ ކޮޅަށް އަނބުރާލާފައެވެ.
މެޗުގެ ތިންވަނަ އަދި ފަހު ސެޓުގައި ދެ ޓީމުގެ ފަރާތުން ވެސް ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މި ސެޓު ސީއެޗްއެސްއީ މާލެއިން ގެންދިޔައީ 29-27އިންނެވެ. މިއާ އެކު އެ ޓީމުން ވަނީ މުބާރާތުގެ ތަށި މިލްކުކޮށްފައެވެ.
ޖުމްލަ ފަސް ޓީމު ވާދަކުރި މި މުބާރާތުގެ އަންހެން ޑިވިޝަނުގައި ބައިވެރިވެފައިވަނީ ސީއެޗްއެސްއީ މާލެއާއި، ސީއެޗްއެސްއީ ހުޅުމާލެއާއި، ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލްގެ އިތުރުން ވ. އަތޮޅު ތަޢުލީމީ މަރުކަޒާއި ވ. ކެޔޮދޫ ސްކޫލެވެ.
މީގެ އިތުރުން، މި މުބާރާތުގެ 19އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ކާމިޔާބުކޮށްފައި ވަނީ ޅ. ނައިފަރު މަދްރަސަތުލް އިފްތިތާޙުންކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.