ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ފަރާތުން ކުރިއަށްގެންދާ ރާއްޖެ ޖޫނިއަރ ވޮލީބޯޅަ ޗެމްޕިއަންޝިޕްގެ 19އަހަރުން ދަށުގެ ބައިގެ ކުޅުން، އެގާރަ ޓީމަކާ އެކު އިއްޔެ ކުޅިވަރު އެކުވެނީގެ އައުޓްޑޯ ވޯލީ ކޯޓުގައި ފަށައިފިއެވެ.
މި ފަހަރުގެ މުބާރާތުގައި ޖުމްލަ 11ޓީމެއް ވާދަކުރާއިރު، އޭގެ ތެރޭގައި ހިމެނެނީ ފިރިހެން ހަ ޓީމާއި އަންހެން ފަސް ޓީމެކެވެ. އަންހެން ޑިވިޝަނުގައި ކުޅުނު ފުރަތަމަ މެޗުތަކުން މާލެ ސީއެޗްއެސްއީން ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލްގެ މައްޗަށް ސީދާ ތިން ސެޓުން ކުރިހޯދިއިރު، ހުޅުމާލެ ސީއެޗްއެސްއީން ވަނީ ވ. އަތޮޅު ތަޢުލީމީ މަރުކަޒު ބަލިކޮށްފައެވެ. އަދި މުބާރާތުގެ ދެވަނަ ދުވަހު އަންހެން ބައިން ހުޅުމާލެ ސީއެޗްއެސްއީން ވިލާ ހައި ސްކޫލް ބަލިކުރިއިރު، ވ. އަތޮޅު ތަޢުލީމީ މަރުކަޒުން ވަނީ ކެޔޮދޫ ސްކޫލްގެ މައްޗަށް ކުރިހޯދާފައެވެ.
ފިރިހެން ޑިވިޝަނަށް ބަލާއިރު، ފުރަތަމަ ދުވަހު މާލެ ސީއެޗްއެސްއީގެ މައްޗަށް ހުޅުމާލެ ސީއެޗްއެސްއީން ކުރިހޯދިއިރު، މަދަރުސަތުލް އިފްތިތާޙުން ވަނީ ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް ބަލިކޮށްފައެވެ. މީގެ އިތުރުން، ދެވަނަ ދުވަހުގެ ކުޅުމަށް ބަލާއިރު ކެޔޮދޫ ސްކޫލުން ސީދާ ތިން ސެޓުން މާލެ ސީއެޗްއެސްއީ ބަލިކޮށްފައިވާއިރު، އިހަވަންދޫ ސްކޫލުން ވަނީ ފޯރިގަދަ ކުޅުމަކަށްފަހު ވިލާ ހައި ސްކޫލް ބަލިކޮށްފައެވެ.
މުޅި ރާއްޖެއަށް ހުޅުވާލައިގެން ޒޯންތަކަކަށް ބަހާލައިގެން ބާއްވަން ފުރަތަމަ ނިންމި މި މުބާރާތުގައި ސަތޭކައެއްހާ ޓީމުން ބައިވެރިވިއެވެ. އެހެންނަމަވެސް، މުބާރާތް ބާއްވާނެ ރަށްތަކެއް ހަމަނުޖެހުމާއި ދަތުރުފަތުރުކުރުމަށް ދިމާވި ގޮންޖެހުންތަކާ ގުޅިގެން ގިނަ ޓީމުތަކެއް ވަނީ މުބާރާތުން ވަކިވެފައެވެ. މި ސަބަބާހުރެ ވީއޭއެމްއިން މިހާރު ނިންމާފައިވަނީ 19އަހަރުން ދަށުގެ މެޗުތަކެކޭ އެއްފަދައިން، 14އަހަރުން ދަށުގެ މެޗުތައްވެސް މާލޭގައި ކުޅުމަށެވެ. އެގޮތުން 14އަހަރުން ދަށުގެ ބައިގެ ކުޅުން މި މަހުގެ 23އިން ފެށިގެން 30ގެ ނިޔަލަށް މާލޭގައި ކުރިއަށްދާނެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.